ސިވިލް ސަރވިސް ކޮމިޝަންގެ ނިންމުންތައް ބާތިލް
އެޑިއުކޭޝަން މިނިސްޓަރ ޕޯޑިއަމްއެއްގާ ދެއްކި ވާހަކައަކާ ގުޅުވާ ޕްރިންސިޕަލުން ތަކަކަށް ހެއްކެއްނެތި އަދަބުދިން

21 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ގެޒެޓް ކުރެވުނު ޤާނޫނު ނަންބަރު 2020/15 (ދިވެހި ސިވިލް ސަރވިސް ޤާނޫނު 2007/5 އަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ ގާނޫނެކެވެ. މި ގާނޫނުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނު 5/2007 އަށް 3 އިސްލާހެއް ގެނެވިފައިވެއެވެ. މިއިސްލާހުތަކުން އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ 3 ވަނަ އިސްލާހުގެ އެންމެ ފަހުބަޔެވެ. އެއީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު 2007/5 ގެ 18 ވަނަ މާއްދާއަށް 13 ވަނަ މާއްދާއެއް އިތުރުކޮށް ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިކޯޑު ބަލަހައްޓާނެގޮތް ތަފްސީލްކޮށް ބުނެދީފައިވާ އިސްލާހެވެ.
13.18 ވަނަ މާއްދާއިން ލާޒިމުކުރާ ކަންކަން ވަރަށް ސާފެވެ. އެމާއްދާގެ އަކުރުތައް ބުނެދޭ ވާހަކައަށް ވިސްނާލާށެވެ.
- (ހ) ބުނާގޮތުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
- (ށ) ބުނާގޮތުން ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް ކޮމިޝަނުގެ މެންބަރަކު ދައްކާ ވާހަކައެއް އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ އަދި ޖަލްސާގައި ކަންހިނގާދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.
- (ނ) ބުނާގޮތުން ކޮމިޝަނުން އެއްވެސް ތަހުގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ އަކުރުން އަކުރަށް ޔައުމިއްޔާ ކުރަންވާނެއެވެ. އަދި އެ ތަހުގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
- (ރ) ބުނާގޮތުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ކޮމިޝަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓުދިން ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.
- (ބ) ބުނާގޮތުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު އެއްފަހަރު ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކުރަންވާނެއެވެ.
- (ޅ) ބުނާގޮތުން އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް މި މާއްދާގެ (ހ) އަދި (ނ) ގައިވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިޝަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
ނަމަވެސް ސިވިލް ސަރވިސް ކޮމިޝަނުން އަމަލުކުރަމުން ދަނީ މި ގާނޫނާއި އަދި މި މާއްދާއާވެސް ކަނޑައެޅިގެން ހިލާފަށެވެ. ދައުލަތުގެ އެތައް ހާސް މުވައްޒަފުންނެއްގެ ބެލެނެވެރި ފަރާތަށް ވާއިރު އަދި ސިވިލް ސަރވިސްގެ ގަވާއިދާއި އުސޫލުތައް ހިތު ހުރިހާ ގޮތަކަށް ބަދަލުކޮށް މުވައްޒަފުންނަށް ތަފާތު އެކި ފިޔަވަޅުތައް އަޅަމުންދާއިރު، ކޮމިޝަނުގެ މެންބަރުން ތިއްބަވަނީ ގާނޫނަށް ވުރެ މާ ބޮޑަށް ވެސް މަތީގައެވެ.
އިސްވެ ދެންނެވުނު މާއްދާއަށް އެ ކޮމިޝަނުން އަމަލު ނުކުރާކަމަށް އެ ކޮމިޝަނުގެ ގިނަ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނާއި އަދި އެ ކޮމިޝަނުން އެކި ފިޔަވަލުތައް އަޅާފައިވާ މުވައްޒަފުން ހެކިވާނެއެވެ. އެނގޭނެއެވެ.
ދެންނެވުނު މާއްދާއަށް ގޮންޖަހައި ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކަށް "ޑެއިލީ ބްރީފިންގ" ގެ ޓެގް ދީގެން ކަންކަމާ މަޝްވަރާކޮށް ނިންމުންތައް ނިންމައި އެ ނިންމުންތަކުގެ މައްޗަށް އަމަލުކުރަމުންދާތާ ހަތަރު އަހަރަށް ވުރެ ގިނަ ވެއްޖެއެވެ. މި ބައްދަލުވުންތަކަކީ ކޮމިޝަނުގެ މެންބަރުން ތިބެ، ކޯރަމް ހަމަކޮށް، ކަންކަން އެޖެންޑާ ކުރެވިގެން ބާއްވާ ނަމުގައި ނުރަސްމީ، ކަމުގައި ރަސްމީ ބައްދަލުވުންތަކެކެވެ.
މިދިޔަ އަހަރު ކޮމިޝަނުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކިޔައިދިންގޮތުގައި ކޮމިޝަނުގެ ބައްދަލުވުންތަށް ބާއްވަނީ ގާނޫނާ ހިލާފަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައަޅަން އޭނާ ވަޒީފާއިން ވަކިކުރި ބައްދަލުވުމުގެ މެންބަރުންގެ ބަހުސްގެ ލިޔެކިޔުންތަށް ހޯދަން އެދުމުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެއީ ޔައުމިއްޔާ ނުކުރެވޭ ބައްދަލުވުމެއްގައި ނިންމާފައިވާ ނިންމުމެއްކަމަށް ލިޔުމުން އެފަރާތަށް އަންގާފައެވެ.
އޭނާ ބުނިގޮތުގައި ވަޒީފާގެ ކަންކަމަށް ބަހުސް ކުރުމަށް ބާއްވާ މިބައްދަލުވުންތަކުގައި ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވައެވެ. އަދި މަދުވެގެން 3 މެންބަރުންގެ ކޯރަމްވެސް ހަމަ ކުރައްވައެވެ. އަދި ބަހުސްކޮށް ސިސްޓަމަށް ނިންމުންވެސް އަޅައެވެ. އަދި އެނިންމުމާ ގުޅިގެން ވަޒީފާއިން ވަކިވެސްކުރެއެވެ. ނަމަވެސް މެންބަރުން ކުރި ބަހުސް ރިކޯޑު ނުކުރާތާ އަކުރުން އަކުރަށް ޔައުމިއްޔާވެސް ނުކުރެއެވެ.
އޭނާ ކިޔައިދިންގޮތުގައި ވަރަށް ފަހުންވެސް ސްކޫލެއްގެ ޕްރިންސިޕަލެއް މައްސަލައެއްގައި ތުހުމަތުކޮށް ސަސްޕެންޑްކުރިއެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރާނެ ހާލަތެއް ނެތްކަމަށްބުނެ ފަހުންވަނީ އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމާފައެވެ. މިކަމަށްވެސް ބަހުސްކޮށް ސިސްޓަމަށް ނިންމުންވެސް އެޅިއެވެ. ނަމަވެސް މިކަމުގެވެސް ބަހުސްގެ ރިކޯޑެއް އަދި އަކުރުން އަކުރަށް ޔައުމިއްޔާއެއްވެސް ނެތެވެ. އޭނާ އެހެން ސްކޫލަކަށް ބަދަލު ކުރަން ނިންމި ނިންމުން ބިނާ ކުރާ ސަބަބުތައް ވެސް އެނގެން ނެތެވެ.
"ހަމަ ހުރެ ބައްހައްޓާފައި، އޭނަ ބަދަލުކޮށްލާ! އޭނަ ވަކި ކޮށްލާ! މިހެން ބުނެ ނިންމުން އަޅާލަނީ. ނިންމުމުގަ އިންނާނެ މިސާލަކަށް މިވެނިމީހެއް މިވެނި ސްކޫލަކަށް ބަދަލުކުރަން ކޮމިޝަނުގެ މިވެނި ނަންބަރެއްގެ ޑެއިލީ ބްރީފިންގ އަކުން ނިންމިއެވެ. އެބުނާ ޑިއިލީ ބްރީފިންގ އަކީ ނުރަސްމީ ޖަލްސާއެއް ނަމަ އެއްވެސް ނިންމުމެއް އެ ޖަލްސާއަކުން ނުނިންމޭނެ. ނިންމައިފިނަމަ ކަނޑައެޅިގެން ގާނޫނާ ހިލާފް އެވީ. މި ގޮތަށް ހުންނާނެ ބައެއްފަހަރު ނިންމުން ނާޅާ ވެސް ވަކި ގޮތަކަށް އަމަލު ކުރަން ބުނެފަ. ފަހުން ނިންމުންތަށް ގަވާއިދުން އަޅަން މަޖުބޫރުކުރުވީ ކުރީގެ ސެކްރެޓަރީ ޖެނެރަލް. އެއީ މެންބަރުން ކަންކަން ކުރަން ބުނެފަ ފަހުން ހަނދާނެއް ނުހުރޭ، މުވައްޒަފުންގެ ބޮލުގައި އަޅުވާތީ، އެގޮތަށް ނިންމިކަން ލިޔުމުން ފެންނަ ގޮތް ހަދަންވެގެން. މި ބުނާ ޖަލްސާ އަކުރުން އަކުރަށް ޔައުމިއްޔާ ނުކުރާތާނގާ އެންމެ އަކުރެއްވެސް ނުލިޔޭ!"
ސިވިލް ސަރވިސް ކޮމިޝަނުގެ 5 މެންބަރުން ދަނީ މިހާރުވެސް ގާނޫނާ ހިލާފު ބައްދަލުވުންތަށް ބާއްވާ ނިންމުންތަށް ނިންމަމުންނެވެ. ދާދިފަހުންވެސް އެޑިއުކޭޝަން މިނިސްޓަރ ޕޯޑިއަމްއެއްގަ ދެއްކެވި ވާހަކައަކަށްވެސް 300 ވަރަކަށް ޕްރިންސިޕަލުންނަށް ހެއްކެއްނެތި އަދަބު ދީފާވާކަމަށާއި، މުވައްޒަފުންނަށް އަނިޔާވެރިވެފައިވާ ކަމަށް ބުނެފައިވެއެވެ.