މިހާރުން މިހާރަށް ޓޮމް ހިފާ ހައްޔަރުކުރޭ!
ގިނަ ބަޔަކު ތާއީދު ކުރާތީ ޔާމީނުގެ މައްޗަށް ކުށެއް ސާބިތު ވެގެން ނުވާނެ: މެންބަރ ތޯރިގު
ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމާ ނުދިނުމާ ޔާމީނުގެ މައްޗަށް ކުރެވޭނެ ހުކުމަކާ ގުޅުމެއް ނެތެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ފަނޑިޔާރުންނަށް މުސާރަ ދޭނެއެވެ. ކޮންމެ ސަރުކާރެއް އޮތަސް ފަނޑިޔާރުންނަށް ދެވެން އޮންނަ އިނާޔަތްތައް ވެސް ހަމަޖެހިފައި އޮންނަ އުސޫލަކުން ދޭނެއެވެ. ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތްތައް ދައުލަތުގެ ކެރި ފޯރުންތެރިކަން ހުންނަ ވަރަކުން ދިނުމަކީ ވަކި ގޮތަކަށް ޝަރީއަތްތައް ކުރަންޖެހޭނެ ކަމެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ފަނޑިޔާރުންނަށެވެ.
އެހެނެއް ކަމަކު ހިނގަ ހިނގާ އޮތް ޝަރީއަތަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ބިރު ދެއްކުން ޕީޕީއެމުން އޮތީ މެކުހަށް ޖަހާފައެވެ. ޖަގަހަ ޖަލްސާގެ ނަމުގައި މީހުން އެއްކޮށްގެން ތިބެ ފަނޑިޔާރުނަށް އިންޒާރުދީ ބިރު ދެއްކުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީ ސާފުކޮށް ބުނާ އެއްކަމަކީ ޝަރީއަތުގެ ކަންކަމާ އެއްވެސް މީހަކު ނުބެހުމެވެ. ނުފޫޒު ނުފޯރުވުމެވެ.
ދިފާއުވުމަށް ފުރުސަތު ދީގެން ދައްކާނެ ވާހަކައެއް ދެއްކުމަށް ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށް ޝަރީއަތުގެ މަޖިލީސް އޮންނަނީ ހުޅުވާލެވިފައެވެ. ވަކި ގޮތަކަށް ޝަރީއަތުގެ މިސްރާބު ބަދަލު ކުރުވަން ޝަރީއަތުގެ މަޖިލީސް ނޫން ތަނެއްގައި އެއްވެސް ބަޔަކަށް އެއްވެ ތިބެ ވާހަކަ ދެއްކުމަކަށް ހުއްދައެއް ނުކުރެއެވެ. އަމްދުން ފަނޑިޔާރުންނަށް ބިރު ދެއްކުމާ ނުފޫޒު ފޯރުވުން މޭރުންވާ ޒާތުގެ އެއްވެސް ވާހަކައެއް އެކަކަށް ވެސް ދެއްކިގެން ނުވާނެއެވެ. އެއީ ކުށެކެވެ.
ގިނަ ބަޔަކު ތާއީދު ކުރުމަކީ މީހަކު ކުށެއް ނުކުރާނެ ކަމުގެ ހުއްޖަތެއް ނޫނެވެ. މަހިބަދޫ ދައިރާގެ މެންބަރ އަހުމަދު ތޯރިގު ޕީޕީއެމް ޖަގަހަ ޖަލްސާގައި ރޭގައި އެދެއްކީކީ އާދައިގެ ވާހަކައެއް ނޫނެވެ. ވެރިކަން ނިމެން ދެން އޮތީ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ކަމަށާއި، ފަނޑިޔާރުން އެމީހުންގެ ރައްޓެހިންނާއި އަދި އާއިލާ މީހުންގެ ކައިރިން ދިވެހި ރައްޔިތުންގެ ވިސްނުން ހުރި ގޮތް ސާފު ކުރުމަށް ބުނި ބުނުމަކީ އިންތިހާ ދަރަޖައިގެ ބިރުވެރި ވާހަކައެކެވެ.
ތޯރިގު ވާހަކަ ދެއްކި ގޮތުން ދޭހަވަނީ ގިނަ ބަޔަކު ތާއީދު ކުރުމަކީ ޔާމީނުގެ މައްޗަށް ކުށެއް ސާބިތު ވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ފަނޑިޔާރުން ހުކުމް ކުރަނީ ވޯޓެއް ނަގައިގެން ގިނަ ބަޔަކު ވޯޓުދޭ ގޮތެއްގެ މައްޗަކަށް ނޫނެވެ. އިއުތިރާފާއި ހެއްކާއި ގަރީނާ ތަކުން ސާބިތުވާ ގޮތެއްގެ މައްޗަށެވެ. ހުކުމާ ނުރުހޭ ނަމަ އިސްތިއުނާފަކީ ވެސް އޮތް ހައްގެކެވެ. ހުކުމުގެ ކުރިން ބިރު ދެއްކުމާއި އިންޒާރު ދިނުމަކީ އެކަކަށް ވެސް އޮތް ހައްގެއް ނޫނެވެ.
ޔާމީނުގެ މައްޗަށް ކޮންމެ ފަދަ ކުށެއް ސާބިތުވިޔަސް ކުށުގެ އަދަބު ކަނޑައެޅުމަކީ ތޯރިގު ބުނާ ގޮތުން ފަނޑިޔާރުން ދޭ އަނިޔާއެކެވެ. ޔާމީނަށް ހައްގުވާ އަދަބެއް ކަނޑައަޅާ ކޮންމެ ފަނޑިޔާރެއްގެ ޒިންދަގީ މިވެރިކަން ބަދަލު ވާއިރަކުން ދުއްވާ ލާނެކަމުގެ އިންޒާރު ވަރަށް ސާފު ބަހުން މަހިބަދޫ ތޯރިގު އެ އޮތީ ދީފިއެވެ.
"ގިނަ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން އަނިޔާވެރި ހުކުމެއް ކޮށްފައި އެމީހަކު ސަލާމަތްވާނެކަމަށް ހީކުރުމަކީ ކުށްހީއެއް" ކަމަށް ތޯރިގު ބުނާ ބުނުމުން ދޭހަވަނީ ފަނޑިޔާރުންނަކީ ނުހައްގުން އަނިޔާވެރި ހުކުމް ކުރާ ބައެއް ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ ހަތަރު މައްސަލައެއްގެ ޝަރީއަތް މި ވަގުތު ކްރިމިނަލް ކޯޓްގައި ހިނގަމުން ދަނިކޮށް މީހުން އެއްކޮށްގެން ޝަރީއަތްކުރާ ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ސިޔާސީ ވާހަކަ ދެއްކުމެއް ނޫނެވެ. ހައްގާއި ނުހައްގު ކަނޑައަޅަން ޓޮމަކީ ކާކު ހެއްޔެވެ. ޓޮމް ގަބޫލުކުރާ ގޮތަކީ ހައްގަށް ވެފައި ޓޮމް ގަބޫލު ނުކުރާ ކޮންމެ ގޮތަކީ ނުހައްގު ކަމުގައި ކަނޑައަޅައިގެން ހުކުމް ކުރާ ފަނޑިޔާރުންނަށް ސަލާމަތް ނުވެވޭނެ ވާހަކަ ދެއްކުމަކީ ބިރު ދެއްކުމުގެ އަމަލެކެވެ. ޓެރެރިޒަމަށް ގޮވާލުމެވެ. ޓެރެރިޒަމަށް ހިއްވަރުދީ ބައެއްގެ ލޭހޫނު ކުރުވާ އަނިޔާވެރިކަމަށް ގޮވާލުމެވެ.
މަހިބަދޫ އަހުމަދު ތޯރިގު ފަނޑިޔާރުންނަށް ބިރުދެއްކުމަށް މީހުން އެއްކޮށްގެން އެމީހުންގެ ކުރިމައްޗަށް ތެދުވެ ހުރެ ދެއްކި ވާހަކައަކީ ކުރެވޭ ޝަރީއަތަށް އޭގެ ނުބައި އަސަރުކުރާ ވަރުގެ ބިރުވެރި ވާހަކައެކެވެ. ފަނޑިޔާރުން ސަލާމަތުން ތިއްބަ ނުދިނުމުގެ ނިޔަތް އޭނާގެ ކިބައިގައި އޮތްކަން ގަބޫލުކުރެވޭ ދަލީލެކެވެ. ފަނޑިޔާރުން ކުރާ ހުކުމާމެދު ރައްޔިތުންގެ އިތުބާރު ކަނޑުވާލާ ކޯޓުތަކުގެ ހުރުމަތް ކަނޑާލުމުގެ އަމަލެކެވެ.މިހާރުން މިހާރަށް ހިފާހައްރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގަން ޖެހެއެވެ.