ސިޔާސީ ބިކާރީންގެ ރަނބަ ގިރުން
ފަނޑިޔާރުކަން ދޭތޯ ތިއްބާ ކުޑަބޭރު ވެސް ނޭރުވުމުގެ ހަސަދަ
އާނއެކެވެ. ނަފާހުރި ކަންކަން އެގެނީ ނަފާވެރިންނަށެވެ. އެއީ ހަމަ ތެދެކެވެ. ސިޔާސީ "ބިކާރީން" ކަންކަމަށް ދަނޑި ދިގު އުނދުޅި ބާނައިގެން ރަނބަ ގިރަން އުޅޭނެ ކަމެއް ނެތެވެ. ރަށްކޮޅު އަމާމެލި ދައިތައިންގެ ޒަމާން ހިނގައްޖެއެވެ. ބޮޑުވާ އިނގިލި ކުރީ ތެލަބަޑިލާ ދިއްކުރީމަ ދައިތަމެންގެ ގޯންޏަށް ލެވުނު ޒަމާން ފަސް ދީފިއެވެ. ތިޔަ ބުނާ އުނދުޅިއެއް ބޭނި ޒަމާނެއްގައި ކަމެއް ކުރިނަމަ މިހާރަކު މަހާނަ މައްޗަށް މަޑިއަކަށް ޖެހޭކަށް ނުޖެހުނީސް ނޫން ހެއްޔެވެ.
ސިޔާސީ ރަންޑިވެގެން ތެޅިތެޅި ވެސް ފޭބީ ހުޅުނބު ނޫން ހެއްޔެވެ. ބޮޑު ފަނޑިޔާރުގެއިން ފަނޑިޔާރުކަން ދޭތޯ މާމަހު ކާޅުހެދިގެން އަނގަ ނަގައިގެން ތިއްބާ އެ ތަނާ ކުޑަ ބޭރު ވެސް ނޭރުވީމާ ތިޔަ ތިބެ ވާވަރެއް ތާއެވެ.
ރަށްކޮޅު އަމާމެލި ދައިތައަށް ވެސް އުދުނު ޖަހަން ގެންދާނެ މީދާކޭ އުނބު ގޯންޏެއް ލިބުނެވެ. އެ ވަރުވެސް މި ފަކީރުންނަށް ނުވިއެވެ. އެހެން ވީމާ އަސަރު ފަށެއް ކުރާނެކަން އެނގެއެވެ. އެކަމާ މޮޅިން ހޮނޑާފުށިން ކާށިދުއަށް ކޭބަލް ކާރު ދުއްވަނިކޮށް ބޮޑު ގޮހޮޑާ ނުވިކަން ރަނގަޅެވެ.
އަޅެފަހެ މިއީ ފޯޅަވަހިން ލެއްގި އޮއެ ކާށި ތަކަކީ ހެއްޔެވެ. ފޯޅަވަހި މޮރިސަހުގެ ތަނަކަށް ހަދަން އެކަރައިގެ މީހުން ފޫގަޅައިގެން ނިކުތް އިރު މަހަލްދީބުގައި ތިބި ބަންޑާރަ ކަމަނާއިން ފޯޅަވައްސައިގެން ނޫޅެ ތިބީ ނިދަންތާއެވެ. ގައިމު އޭރު އުޅުނު ނަމަ ތިޔަ ކިޔާ ޗަކޮހެއް އެއްކޮށް ލިބުނީސް ކަން ނޭގެއެވެ.
އަމްދަކުން ތިޔައިކީ އެއްގަލުން ފެހިކައި އުޅެވޭ ވައްރުގެ ދެ ލަނޑާއެއް ނޫނެވެ. ހިކި ތޮށި މަތީ އުޅޭ ނޫލަނޑަޔަކާ ފުންކަނޑުގައި ގައުކާން އުޅޭ މާހުޅުނބު ލަނޑަޔަކާ ތިލަތާކު ބަކަ ތިޔަ ތަޅަނީ ފިސާރި ބޮޑުމަހެއް ފަހާލީމަތާއެވެ. ތިޔަހަރިއްޔަކީ އަމިއްލަ އަމިއްލައަށް ކުރާޒާތުގެ ކަންކަމެއް ނޫނެވެ.
ވަނީ އެހެންތާއެވެ. އިސްކޮޅެއް ނެތަސް ބަންޑާރަ ކަމަނާފާނަކަށް ވިޔަތީ ވަރުގެ ކޮޅަށް ހެދިގެން ދެ ތުންފަތް ފޮޅުލަންދެން ކަޑިލައިގެން މޫނުގައި ސަފޭދު ލައިގެން ގުނބޯލޯ ސަރުބަނާ ކުޅުން ނޫން ކަމެއް ކުރީއެއް ނޫނެވެ. އިރިއިރި ލަވާތީ އުޅޭވަރުން ކަތިމުންޑު އަންދަވާފައި ފޮނުވާލުމުން މުންޑަކަށް މުންޑެއް ދޫކޮށްލާފައި ގަތްވަޅަށް މަރުވާން އައިސް ފޮނު އެރުވުން ނޫންކަމެއް ނުކުރެވުނެވެ. ކަނޑު އަޑީ ޖުވާހާނާ ހެދެން ދެންވެސް ވަތު އޮޑީ ރޮދި ކަނޑާ ނުލައެއްވެސް ނޯވެވުނު ނޫން ހެއްޔެވެ.
ބަންޑާރަ ކަމަނާފާނަކު ރަކިސް ބޯދޯނަހެން ފޮޔަކުން އެއްފަރު ބޯދޮވުނަސް ފައިސާ ދޮންނަން ވަރަށް ފަރިތަކަމަށް ވެއެވެ. އެފައިސާ މިފައިސާ އަތުނެތް ފައިސާގެ ޒަމާނުގައި ވަރަށް ފައިސާ ދޮންނަން ފަރިތަ ކަމަށް ގޭދޮށު ކުދިން ކިޔަތެވެ. ފައިސާ ދޮންނަން ފަރިތަ ވަރެއް ބަލައިލަން ފަނޑިޔަރުގޭ ފެންޑާ މައްޗަށް ކިރިޔަ ކިރިޔާ އަރުވާލާ އިރަށް ކަމަކު ދާކަށް ނެތެވެ. ކިރުބޯން ރޯ ޅަ ހިމާރަކު ވެސް އެ ވަރެއް ނުވާނެއެވެ. އަތިރީ ފަނޑިޔާރުގޭ މަގުގައި އެ ދުވަހު ރިޔާނެގި ވަދު ދޯނި ދުއްވާތީ ފެނުނު ކަހަލައެވެ.