ޕީޕީއެމްއަށް: ޗާގޯހުގެ ސިޔާދަތު ކަނޑައަޅަނީ އިޓްލޮހެއްނޫން!

"އިޓްލޮސް"އަކީ ސިޔާދަތީ ބާރު އޮތްފަރާތް ކަނޑައަޅާ ކޯޓެއް ނޫން

ޕީޕީއެމްއަށް: ޗާގޯހުގެ ސިޔާދަތު ކަނޑައަޅަނީ އިޓްލޮހެއްނޫން!

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތުމަށް ދިވެހިން ނުރުހޭކަން ހާމަކޮށް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް އިދިކޮޅު ޕީޕީއެމުން ސިޓީއެއް ފޮނުވަން ނިންމައިފިއެވެ. ގައުމެއްގެ ރައްޔިތުންގެ ނަމުގައި ގޮތް ނިންމުމުގެ ބާރު އޮންނަނީ އެގައުމެއްގެ ސަރުކާރަށެވެ. އުފެދިފައި އޮންނަ ސިޔާސީ ޕާޓީއަކަށް ނޫނެވެ. އަމިއްލަ ގައުމުގެ ސިޔާދަތީ ހައްގަށް ޕީޕީއެމްއިން އަރައިގަނެވޭ އިރު ޕީޕީއެމް އަކަށް ނޭނގެއެވެ. އަނެއް ކޮޅުން މިވަރު ކަމެއް ކުރަން ޕީޕީއެމުން ނިންމިއިރު "އިޓްލޮސް"އަކީ ސިޔާދަތީ ބާރު އޮތް ފަރާތް ކަނޑައަޅާ ކޯޓެއް ނޫން ކަމެއް ވެސް ޕީޕީއެމަކަށް ނޭނގުނެވެ. 

ރާއްޖޭގެ ސަރަހައްދީ އިން ކަނޑަ އެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި ކުރިއަށްދާ މައްސަލައާއި ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ފަރާތް ކަނޑައެޅުމުގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ ކޮން ގައުމަކަށްތޯ ކަނޑައެޅުމަކީ އދ މަޖިލީހުގެ ކަމެކެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް ބަޔާންކޮށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިން އިން އިސްތިޝާރީ ލަފައެއްދީ އެލަފަޔަށް ބުރަވެ އެގޮތަށް އެކަން އޮންނަން ފެންނަ ކަމަށް އދ ގެ އާއްމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ވަނީ ފާސްކޮށްފައެވެ. ޗާގޯސްގެ ސިޔާދަތީ ބާރާ ބެހޭ އެންމެ ފަހުގެ ނިންމުންވެސް ނިންމާނީ އދގެ ސަލާމަތީ މަޖިލިހުންނެވެ. "އިޓްލޮސް" އަކުން ނޫނެވެ. 

ޗާގޯސް ގެ ސިޔާދަތީ ބާރުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. ރާއްޖެއާ ބެހޭ ކަމެއް ނޫނެވެ. ރާއްޖެއާއި މޮރިޝަސްއާއި ދޭތެރޭގައި އޮތް މައްސަލައަކީ ރާއްޖެއާއި ޗާގޯސްއާއި ދެމެދުގެ ކޮންޓިނެންޓަލް ޝެލްފްއިން 200 ނޯޓިކަލް މޭލް ރާއްޖެއަށް ހަމައަށް ނުލިބޭ މައްސަލައެވެ. ރާއްޖެއާއި ޗާގޯސްއާއި ގެ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލު ކުރުމުގެ މައްސަލައެވެ.

އިގްތިސާދީ އިންވަކިކުރުމާ ސިޔާދަތީ ބާރު ކަށަވަރު ކުރުމާ ދެ މައްސަލައަކީ އުޑާބިމަހާ ތަފާތު ދެމައްސަލައެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތަސް އިގިރޭސިވިލާތަށް އޮތަސް އެމެރިކާއަށް އޮތަސް ޗާގޯސްއާއި ރާއްޖޭގެ ސަރަހައްދީ އިމުން 200 ނޯޓިކަލް މޭލު ހަމަ ނުވާ މައްސަލަ ހައްލު ނުކުރާހާ ހިނދަކު އެމައްސަލަ އޮންނާނެއެވެ. ރާއްޖޭން އެންމެ ފުކެއްވެސް ދުލެއް ނުކުރާނެއެވެ. އެހެންވެ މައްސަލަ ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީއެލްސީއެސް) އަށް 26 ޖުލައި 2010 ގައި ރާއްޖެއިން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުން އެ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ހިންގަމުން ވެސް އެބަދެއެވެ.

ރާއްޖެއާއި މޮރިޝަސް އާދެމެދު "އިޓްލޮސް" ގައި ޝަރީއަތް ހިނގަނީ އިގްތިސާދީ އިމުގެ ފުށުއެރުމުގެ މައްސަލާގައެވެ. ޗާގޯސްގެ އިމުގެ މައްސަލައިގައި މޮރިޝަސްއަށް ރާއްޖެއާ ދެކޮޅަށް "އިޓްލޮސް"ގައި ވަކާލާތު ކުރުމުގެ ހައްގު އޮތްކަމަށް ކަނޑައަޅައިގެން އުޅެނީކީ ރާއްޖެއަކުން ނޫނެވެ. އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ އިންނެވެ. ޗާގޯސްގެ އިމުގެ މައްސަލައިގައި ޗާގޯސްގެ ހައްގުގައި މަސައްކަތް ކުރަނީ އެތާ އަސްކަރީ މަރުކަޒު ހަދައިގެން އުޅޭ އެމެރިކާ އަކުން ނޫނެވެ. އިސްތިއުމާރު ކޮށްގެން އުޅުނު އިގިރޭސި ވިލާތަކުން ވެސް ނޫނެވެ. ޗާގޯސްގެ ސިޔާދާތީ ބާރު ލިބިގެންވާ ކަމަށް ބުނާ މޮރިޝަސް އިން އެކަންޏެވެ. މޮރިޝަސްއަށް އެހައްގު ލިބިގެން ނުވާ ކަމަށް " އިޓްލޮސް" ގަބޫލު ކުރާނަމަ އެ ޝަރީއަތް ހިގާނީ މޮރިޝަސް އާއި އެކުގައެއް ނޫނެވެ. ކޮންމެވެސް އެހެން ބަޔަކާއެކުގައެވެ.

ރާއްޖޭގެ ސަރަހައްދީ އިމުން 200 ނޯޓިކަލް މޭލު ހަމަ ނުވާ މައްސަލަ މިހާރު އެވަނީ ހުކުމާ ހަމައަށް ކައިރިވެފައެވެ. އެހިސާބަށް މައްސަލަ ގޮސްފައި އެވަނީ ޗާގޯސްގެ ސިޔާދަތީ ހައްގަކީ މޮރިޝަސްއަށް އޮތް އެއްޗެއް ކަމަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް") ވެސް ބަލައިގެންފައި ވާތީއެވެ. ދިވެހި ރައްޔިތުންނަށް އޮޅުވާލަން ޗަރުކޭސް ކުޅެން ނޫޅޭށެވެ.