ޔާމީނާ ސޮހޭސޮރާ ވާނީ އެއްވަރު

ޝަރީއަތުގެ ކުރިން ފަނޑިޔާރުގޭގެ އިތުބާރު ކަނޑުވާލުން

ޔާމީނާ ސޮހޭސޮރާ ވާނީ އެއްވަރު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލި ޝަރީއަތް ތަކެއް އެބަ ހިނގައެވެ. އެމެރިކާގެ ތާރީހުގައި ވެސް ކުރީގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލި ޝަރީއަތެއް ހިންގާފައެއް ނެތެވެ. ކަމަކީ އެމެރިކާއަށް އައުކަމެކެވެ. ޓްރަމްޕް ވިދާޅުވާގޮތުން އެ ޝަރީއަތަކީ ސިޔާސީ ކަމެކެވެ. ޑޮނަލްޑް ޓްރަމްޕްއަކީ ނުފޫޒުގަދަ ސަޕޯޓަރުން ގިނަ ކުރީގެ ރައީސްއެކެވެ. އެވެސް އެންމެ ފަހުގެ ކުރީގެ ރައީސްއެވެ. ޝަރީއަތް ލައިވްކާސްޓެއް ނުކުރެއެވެ. ވަސީލަތް ނެތިގެން ކުރެވެން ނެތިގެނެއް ނޫނެވެ. އެހެނެއް ކަމަަކު ކުރީގެ ރައީސަށް ވެގެން ޓްރަމްޕްގެ ޝަރީއަތްތައް ޓީވީން ލައިވް ކުރުވާކަށް ސަޕޯޓަރުނެއް ވެސް ނޫޅެއެވެ. ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ވެރިންވެސް އެކަމަކާ ޑިމާޑެއް ނުކުރެއެވެ. 

އިންޑިޔާގެ އިދިކޮޅު ޕާޓީ ކޮންގްރަސް އައި ގެ ލީޑަރ ރާޙުލް ގާނދީގެ މައްޗަށް އަބުރުގެ ދައުވާއެއް އުފުލި ޝަރީއަތްކޮށް ޖަލު ހުކުމެއް އެ ވަނީ ކޮށްފައެވެ. އެ ހުކުމާގުޅިގެން އިސްތިއުނާފީ ޝަރީއަތުގެ މަޖިލިސްތަކެއް ވެސް ބާއްވައިފިއެވެ. އޭގެތެރެއިން އެންމެ ޝަރީއަތުގެ މަޖިލިސްއެއް ވެސް ލައިވެއް ނުކުރެއެވެ. ލައިވް ކުރުވާކަށް އެއްބަޔަކު ވެސް ޑިމާންޑެއް ނުކުރެއެވެ. ރާހުލް ގާނދީގެ ސަޕޯޓަރުންނާއި ބިޔަ ޕާޓީއެއް ފަހަތްޕުޅުގައި ނެތިގެނެއް ނޫނެވެ. 

އެމެރިކާއާއި އިންޑިއާއަށްވުރެ ވަކީން ޑިމޮކްރެޓިކް ވަކީން ޓްރާންސްޕޭރެންޓް ސިސްޓަމެއް އޮތް ދައުލަތެއް މަދުވާނެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ދެ ގައުމަކީ ދުނިޔޭގައި އޮތް އެންމެ ޑިމޮކްރެޓިކް ދެގައުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަކީން ބޮޑު އެހެން ތަނެއް ނެތްހާ މިނިވަން ދެ ގައުމެވެ. އެހެނެއް ކަމަކު ކިތަންމެ ސިޔާސީ ވިޔަސް ޝަރުއީ ކަންކަމުގައި އެންމެންވެސް ގަބޫލުކުރާ ހަމަތަކެއް އޮވެއެވެ. ކުރެވޭ ޝަރީއަތްތައް މުޅި ގައުމަށް ހާމަކޮށް ލައިވް ކުރުމުން ނިކުންނަ އިޖުތިމާއީ މައްސަލަތަކާއި ހިނގާފާނެ ނުރައްކާތެރި ހަދިސާ ތަކަކަށްޓަކައި ޝަރީއަތް ލައިވް ކުރުމަކީ ގައުމީ ސަލާމަތަށްޓަކައި ވެސް ކޮށްއުޅޭ ކަންކަމެއް ނޫނެވެ. 

އެއްވެސް ގައުމެއްގައި އާއްމު ރައްޔިތުންގެ އެންމެންނަކީ ބުއްދިއާއި ވިސްނުން އެހާ ހުޅުވިފައި ތިބޭ ބައެއް ނޫނެވެ. އިލްމީ ގާބިލުކަމާއި ކަންކަމާ މެދު ގޮތްނިންމޭ ވަރުގެ ބައެއްވެސް ނޫނެވެ. ކޮންމެ މީހަކީ ފަނޑިޔާރެއް ނޫންކަން އެ ގައުތަކުގެ ރައްޔިތުން ގަބޫލުކުރެއެވެ. މީހަކު ދެކެ ކިތަންމެ ލޯބިވިޔަސް އެ މީހަކީ ކުށެއް ނުކުރާނެ މީހެއް ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ. 

ޝަރީއަތުގެ މަޖިލިހަށް ދާންޖެހޭ މީހުން ގޮސް އާއްމު ރައްޔިތުންނާ ހަމައަށް ކަން ހިނގާދާގޮތް ގެނެސް ދެވޭނެ އިންތިޒާމުތައް ހަމަޖެހި ފައިހުރެއެވެ. އެ ކަންކަމުގައި އާއްމު ރައުޔު ހޯދުމާއި ޖަންތާ އަދާލަތު އޮންނަނީ ކޯޓަކު ނޫނެވެ. ތަހުޒީބް މުޖުތަމައު ތަކުގައި ފަނޑިޔާރުގެއާއި ފަނޑިޔާރުންނަކީ ވަކި މީހަކާ ޖެހުމުން ކުޑަކަކޫ ޖަހަން ޖެހޭ ބައެއް ނޫނެވެ. ވަކި މީހަކަށް ވީތީ ކަންހިނގާ މަގު ބަދަލެއް ނުވެއެވެ. ފަނޑިޔާރުންގެ ކުރިމަތީގައި ކުރީގެ ރައީސެކޭ ސޮހެސޮރެކޭ ވަނީ އެއްވަރެވެ. ވަކި މީހެއްވެގެން ހާއްސަ އިމްތިޔާޒެއް ނުއޮންނާނެއެވެ.

އެކަމަކު ރާއްޖޭގައި އެކަން އެހެން އޮތަ ނުދޭން ޒާތްޒާތުގެ ފިއްތުންތައް ފަޑިޔާރުގެއަށް ކުރިމަތިކުރާން އުޅެއެވެ. ރައްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ނުކޮށްގެން ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ނެގި ނެގިފައި އެބަޖެހެއެވެ. ޝަރީއަތް ލައިވްކޮށް ކުރިއަށް ނުގެންދަނީ ސަރުކާރުގެ ސީދާ ނުފޫޒުގައި ކަމަށް ބުނެ ފަނޑިޔާރުގެއަށް ތުހުމަތު ތަކެއް ކޮށް ޝަރީއަތުގެ ކުރިން ފަނޑިޔާރުގޭގެ އިތުބާރު އޭނާ ކަނޑުވާލައިފިއެވެ. 

ރާއްޖޭގައި ކުރާހާ ޝަރީއަތެއް ކުރެވެނީ ލައިވް ކޮށްގެނެއް ނޫނެވެ. ލައިވް ނުކޮށް ކުރާ ކޮންމެ ޝަރީއަތަކީ އިންސާފުން ބޭރުން ކުރެވޭ ކަމެއް ކަމަށް ދޭހަވާ ގޮތަށް ގާނޫނު ހަދާ މަޖިލިސް މެންބަރުން ވާހަކަ ދެއްކުމަކީ ޝަރުއީ ނިޒާމް ފުޑުފުޑު ކޮށްލުމެވެ. ޝަރީއަތުން ކޮށްފައިވާ އެތައް ހާސް ހުކުމެއްގެ ސައްހަކަމާމެދު ޝައްކު އުފެއްދުމެވެ. އާދަމް ޝަރީފް އުމަރު އެ ވިދާޅުވާ ގޮތުން ލައިވް ނުކުރާ ޝަރީއަތުގެ މަޖިލީހަކީ ސައްހަ ޝަރީއަތުގެ މަޖިލީހެއް ނޫނެވެ. ލައިވްނުކޮށް ކުރި ހުރިހާ ހުކުމަކީ ހުކުމެއް ނޫނެވެ. 

އަޖައިބެއް ނުވާނެހެއްޔެވެ. ފަނޑިޔާރުންގެ ކުރިމަތީގައި ރައީސް ޔާމީނެކޭ ސޮހޭސޮރެކޭ އޮންނަނީ ކޮން ތަފާތެއް ހެއްޔެވެ. ޔާމީނަށް ވީމާ ޝަރީއަތް ލައިވް ކޮށްދޭން ޖެހިފާ އެހެން މީހުންގެ ޝަރީއަތް ލައިވް ނުކުރާން ނިންމުމަކީ ފެށުމުގައިވެސް ފަނޑިޔާރުންގެ ތިލަފަތް އެއްކޮޅަށް ބަރުވުމާއި ހަސްމުން ތަފާތު ކުރުން ރަމްޒުކޮށްދޭ ކަމެކެވެ. އެ ގޯސް ހައްދަން މަޖުބޫރު ކުރުވާ ކޮންމެ މީހަކާ މެދު ފަޑިޔަރުގޭން ފިޔަވަޅު އަޅަން ޖެހެއެވެ. ޝަރީއަތަށް ނުފޫޒު ފޯރުވާ ގައުމު ހަމަ ނުޖެހުމަކަށް ވައްޓާލާ ހުކުން ހަރާން ކޮށްގެން އުޅޭ އާދަމް ޝަރީފް އުމަރު މެންނަށް ފިޔަވަޅު އަޅާ ޝަރުއީ ނިޒާމް ދިފާއު ކުރުމަކީ ފަޑިޔާރުގެއިން އަޅަންޖެހޭ ފިޔަވަޅެކެވެ.