އިންޑިއާ ކަނޑުގެ ޒެލެންސްކީ: މުއިއްޒު
އިންޑިއާ އައުޓް ޖެހި ރަތް ޓީޝާޓްލައިގެން ދޮގާއި ފިތުނައިގެ ދޮލަނގު ވިއްކީ މުއިއްޒު
މުއިއްޒު ނޫނަސް ރާއްޖެގައި ވެރިން ވެރިކަން ކޮށްފިއެވެ. އެއްވެސް ގައުމަކާ ޖެހިގަނެގެން މަވަރެއް ނެތިގެނެއް ނޫޅެއެވެ. މީގެ ކުރިއަކުން އެއްވެސް ގައުމެއްގެ ބެކްޔާޑަށް ރާއްޖެ ހަދައިގެނެއް ނޫޅެއެވެ. ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެ ބޮއިކޮޓް ކުރަން ގޮވަލާ ރާއްޖެއާ ނުނިޔަތް ލައިގެނެއް ވެސް ނޫޅެއެވެ.
ދުނިޔޭގެ ކަންކޮޅު ތަކުގައި ރާއްޖެއަށް ތައުރީފްގެ ބަހެއް ނޫނި މީގެ ކުރިއަކުން ނުބުނެއެވެ. މީހުންގެ ހިތްހެޔޮކަމާއި އަމާންކަމާއި ސުލްހަވެރިކަމާއި ރީތިކަމުގެ ވާހަކަ ނޫނީ މީހަކު ނުދައްކައެވެ. ލަންކާ އިންޑިއާއިން ފެށިގެން އެމޭޒަން ޖަންގައްޔަށް ދާންދެން ރާއްޖެއަށް އޮހެނީ ތާރީފެވެ. ދުނިޔޭގެ އެތައް މިލިޔަން މީހުންގެ ހުވަފެނީ މަންޒިލަކީ ރާއްޖެއެވެ. މަރުވުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ރާއްޖެއަށް އައިސްލުމަކީ އެތައް ބައެއްގެ އުންމީދެކެވެ.
ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ރާއްޖެއަށް އެހީތެރިވުމުގައި ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ޔޫރަޕެއް އެމެރިކާއެއް ޖަޕާނެއް އެކަމުގައި ތަފާތެއް ނެތެވެ. ރަޝިޔާއެއް އަރަބީންނެއް ކިޔާނެ ކަމެއް ނެތެވެ. ރާއްޖެއަށް އެހީތެރި ވުމުގައި ޕާކިސްތާނެއް ޗައިނާއެއް އިންޑިއާއެއް ފަރަގެއް ނުވެއެވެ. އަމްދުން އިންޑިއާއަކީ ހުރިހާ ގޮތަކުން ރާއްޖެއަށް ޒަމާނުއްސުރެ އެންމެ އެހީތެރި ގައުމެވެ. އެހެނެކޭ ކިޔާ ޗައިނާއާއި ޕާކިސްތާނު ފަދަ ގައުމަކުން ވެސް ރާއްޖެއާއި މެދު ނުނިޔަތް ލައިގެން ކުޑަވެސް ކަމެއް ނުކުރެއެވެ.
ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވެ ދުނިޔެ ހުއްޓި ގައުމު ތަކުގެ މައިގޭޓްތައް ތަޅުލެވުނެވެ. ކޮންމެ ގައުމަކުން ވެސް އުޅުނީ އެބަޔަކު އެބަޔަކާ ވެގެންނެވެ. އެއްބަޔަކު އަނެއްބައެއްގެ ހާލު ބެލޭ ވަރަށްވުރެ ގައުމުތަކުގެ ހާލަތުވަނީ ދަށްވެ ގޯހުންގޯސް ވެފައެވެ. ކޮވިޑްގެ ހިތްދަތި ދަނޑިވަޅަކީ ފަތުރުވެރިކަން ހުއްޓި ރާއްޖޭގެ އާމްދަނީ ބަންދުވެ ރައްޔިތުން ބަނޑަށް ޖެހޭ ފަދަ ނާޒުކު ދަނޑިވަޅެކެވެ. އެހެނެއް ކަމަކު ދިވެހި ރައްޔިތުންގެ އަތުގައިހިފީ ދިވެހިންގެ ޒަމާންވީ މިތުރު އިންޑިއާއެވެ.
އިންޑިއާއިން ރާއްޖޭގެ އަތުގައި ހިފުންވީ ކޮވިޑްގެ ވަބާގައި ދިވެހިންގެ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ސަބަބަކަށެވެ. ދިވެހިން ބަނޑަށް ނުޖެހި ސަލާމަތް ވުމުގެ ސަބަބަށެވެ. ދިވެހި ދައުލަތް ބަނގުރޫޓު ނުވެ މިންޖުވީ ސަބަބަށެވެ. އެކަމަކީ ރައީސް ސޯލިހުގެ ސަރުކާރާ އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ވެރިންނަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ.
ރައީސް ޔާމީނު އިސްވެހުރި ޕްރޮގްރެސިވް ކޯލިޝަނުގެ މަގުސަދަކީ ގައުމު ބަނގުރޫޓް ކޮށްލައިގެން ވިޔަސް ރައްޔިތުން ބަނޑަށްޖައްސައިގެން ވިޔަސް އިބޫގެ ވެރިކަން ފޭލިކޮށްލާ ވެރިކަން ވައްޓާލުމެވެ. އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބެހާ ހިނދަކު ގައުމު ބަނގުރޫޓް ކޮށްނުލެވޭނެކަން އެމީހުނަށް އެނގެއެވެ. އެހެން ކަމުން އެމީހުން ދިމާކުރީ އިއްޑިއާގެ އެއްބާރުލުން ސަރުކާރަށް ލިބުނަ ނުދިނުމަށެވެ.
ރައީސް ޔާމީނު އިސްވެހުރެ ޕީޕީއެމުން އިންޑިއާ އައުޓް ކެންޕޭން ޖެއްސީ އެހެން ވެގެންނެވެ. ބޭނުންވާ ފެންވަރުގައި ކެންޕޭނު ވައިގާ ނުހިފުމުން އިންޑިއާ މިލިޓަރީ އައުޓް ކެންޕޭން ޖެއްސީ އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމުގެ ބުހުތާން ދޮގު ފަތުރައިގެންނެވެ. އެތައް ހާސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ސިފަކޮށްދީގެން އިންޑިއާގެ އަޝްކަރީ ބޭސްތައް ރާއްޖޭގެ އެކި ހިސާބުގައި ހުރިކަމަށް ބުނެ ރައްޔިތުން ބިރުގަންނަވައިގެން ވެރިކަން ބަދަލު ކުރެވިއްޖެއެވެ.
މުއިއްޒު އިންޑިއާ އައުޓް ޖެހި ރަތް ޓީޝާޓްލައިގެން ދޮގާއި ފިތުނައިގެ ދޮލަނގު ވިއްކައިގެން ވެރިކަން ހޯދައިފިއެވެ. ރައީސް ޔާމީނު ޖެހި މަޅީގައި ބެދި މުއިއްޒު ހުރީ ރަނގަޅަށް ފުޅަނތްގަށް ވެފައެވެ. އެއްގޮނޑިން ތެދުވެ އަނެއް ގޮނޑިއަށް އަމިއްލަ އިހުތިޔާރުގައި ނުދެވޭ ވަރަށް ބަނދެވިފައި ހުރީ މުއިއްޒެވެ. އެތައް ބިލިޔަން ރައްޔިތުން ހިމެނޭ އިންޑިއާ މީހުނާ ރާއްޖެ ޖައްސައިގެން ދުނިޔޭގެ ފިއްތުންތަކަށް ރާއްޖެ ވައްޓަލީ މުއިއްޒެވެ. ދުނިޔޭގެ ބޮޑުބާރެއް ކަމުގައިވާ އަވައްޓެރި އިންޑިއާ އާއި ޖެހިގަތީ ހައްގުން ކަމަކާ ނުލައެވެ. ހަނގުރާމަ ވެރި ހާލަތަށް ރާއްޖެ ވައްޓާލުމުގެ ޒިންމާ މުއިއްޒު އުފުލަންޖެހޭނެއެވެ. ރާއްޖެ ހަނގުރާމައިގެ ހާލަތަކަށް ވައްޓާލި މުއިއްޒަކީ އިންޑިއާ ކަނޑުގެ ޒެލެންސްކީ ކަމަށް ބުނާ މީހުން ލައްކަ ގިނައެވެ.