ރައީސް މުޢިއްޒުގެ ޕްލާސްޓިކް ސަރުކޮރު
ޢަބްދުއްރަހީމަށް ގަނޑުކޮށް ބިޔަކޮށް ޑަޒަނުން ކޭސް ހުރިގޮތަށް ހޯލް ސޭލްކޮން މަގާމު
ޑިމޮކްރަސީއޭ މިކިޔާ އެއްޗެއް ރާއްޖެއައި ފަހުން ވެރިކަން ބަދަލުވުމަކީ ރާއްޖޭގައި ފެންބޮއެފާ ވައެއްލުން ފަދަ އާދައިގެ ކަމެކެވެ. ބަދަލުވާ ކޮންމެ ވެރިކަމެއްގެ ފުރަތަމަ އަހަރު ، ދޮޅުއަހަރު އެ އޮންނަ އިދިކޮޅު ބަޔަކު މަޑުން ތިބެއެވެ. ކުރާނެ ތުހުމަތަކާ އަޅުވާނެ އިލްޒާމެއް ރާވާލާފައި އޭގައި ޖެއްސި ޖެއްސީނުން އިންތިޚާބުން ވެރިކަން ބަދަލު ކުރަނީއެވެ.
އެންމެ ފަހުން ވެރިކަމުގައި ހުންނެވި އިބޫ ވޯޓުން ބަލިކޮށް ޑރ. މުއިއްޒު ވެރިކަމަށް ހޮވީ ވަކި ޚާއްޞަ ވައުދު ތަކެއް ހުރީމައެވެ. ވެރިކަމަށް ވަޑައިގަންނަވާ ގޮތަށް ރައީސް ޔާމީން މިނިވަން ކުރަން ވިދާޅުވިއެވެ. ނަމަވެސް އެންމެ އަވަހަށް ކުރެއްވި ކަމަކީ ރައީސް ޔާމީން ފެއަށް ޖެއްސެވުމެވެ.
ޝަރުތަކާ ނުލައި އިންޑިއާގެ އެތައް ހާސް ސިފައިން ބާލާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހުވާ ކުރެއްވި ފަހުން އިންޑިއާ ސިފައިން ތިބިތޯ ނޫންތޯ ވެސް ރައިސް މުއިއްޒަށް ޔަގީން ހެންނެއް ހީއެއް ނުވެއެވެ. މިހާރު ބާރުލާފައި ވިދާޅުވަނީ ދެ ހެލިކޮޕްޓަރާ ޑޯނިއާ ވެސް ނުގެންގޮސް އިތުރަށް އިންޑިއާ އާ ގުޅުން ވަރުގަދަ ކުރާ ވާހަކައެވެ.
އިންޑިއާ ސިފައިން އުތުރި އަރަނީ ކަމަށް ސިފަކުރި އުތުރު ތިލަފަޅު ހިއްކާ މާލޭ ރަށްވެހިންނަށް ގޯތި ދޫކުރަން ރައީސް ޞޯލިޙް ނިންމެވި ނިންމެވުން ބަދަލުކޮށް އުތުރުތިލަފަޅު މިހާރު ވެސް އޮތް ގޮތަކަށް ބާއްވާ އަޑު ގަދަވެއްޖެއެވެ. މާބޮޑަށްވެސް އިންޑިއާ އާއި ގުޅުން ވަރުގަދަ ވަނީ ތޯއްޗެެކެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރަން ވަޑައިގަތް މުއިއްޒު ހުވާގެ 3 ފޮޅުވަތް ވިދާޅުވަން ބައިގަޑިއިރުން ބާވީސް މިލިއަން ބާދަގަނޑަށް ތަޅާލީ ރައްޔިތުން ބަލަބަލާ ތިއްބައެވެ.
ޢާއިލީ މަގާމޭ ވިދާޅުވި އިރު ހައްދުންމަތީ ޢަބްދުއްރަހީމަށް އެކަނި ބަލާލިޔަސް ޢާއިލީ މަގާމުތައް ހުރީ ހައްދުންނެއްޓި، ގަނޑުކޮށް ބިޔަކޮށް ޑަޒަނުން އަދި ކޭސް ހުރިގޮތަށް ހޯލް ސޭލްކޮންނެވެ.
ޢާއިލީ ބޭފުޅެއް ވިއްޔާ ވަޒީރުން ފެންވަރުގެ މުދިމުންނެވެ. ސިޔާސީ މަގާމަށް އަޑުކިޔާ ބައެެއް މީހުން މަގާމަށް ލުމުގެ ކުރިންނާ ފަހުން ސަރުކާރުގެ ދެފުއް ފެންނަ ވަރުން އެމީހުންގެ ބަރަހަނާއާ ހެދި ސޯޝަލް މީޑިއާއަށް ލޯ ދިއްކޮށްލަން ނުކެރެއެވެ.
ހުވާ ކުރުމާ އެކު މާރާމާރީތައް ފެށި މީހުންތައް ކޮށާ ލެޔާ ތަތްތެޅެން ފަށައިފިއެވެ.
މޭގައި އަތް އަޅައިގެން ގައުމީ ސަލާން ކިޔަމުން ވެރިކަން ކުރެވޭނޭ ހިތާ ފެށިވެރިކަމަށް 3 ހަތްދުވަސްވީ އިރު ރައްޔިތުން މިތިބީ ހެދުނު ކޮހުގެ ބޮޑުކަމުން މޭގައ އަތް އަޅަން ޖެހިފައެވެ.
އެހެން ކޮންމެ ވެރިކަމެއް ފެށި އެތައް ދުވަހެއްވާ އިރު ވާނުވާ ބަލަން ހަމަޖެހިލެވޭނެ ފުރްޞަތު ރައްޔިތުންނަށް ލިބުނެވެ. މިފަހަރު ވެރިކަން ފެށީވެސް ކޭޕާކް މަންޑޭ ހެދިކަހަލަ އެތައް ދޮގަކާ މަކަރުން ނުކުރެވޭނެ ކިތަންމެ ކަމަކާ ނުފުއްދޭނެ އެތައް ވައުދެއް ކޮނޑުއަޅައިގެންނެވެ. ނަތީޖާއަކީ ހުވާކުރުމާ އެކު ސޯޓު ތިރިއަށް ސޮހެން ފެށުމެވެ.
އަސްލެއް ކަމަށް ގެނެވުނީ ކުޅޭކުޅޭ ޕްލާސްޓިކް ސަރުކާރެއް ކަމުގެ އިޙްސާސް ވޯޓުން ދިން މީހުންނަށް އިރުއަރާ ކޮންމެ ދުވަހަކު ދަނީ ގަބޫލު ކުރެވެމުންނެވެ.