ދެފައިތަޅާ ރުޔަސް މުއިއްޒާ އެއްބައިވާނެ މީހަކުނެތް!
ދިވެހިރާއްޖެ ފެށުނީ މުއިއްޒާ ހަމައަކުން ނޫން
ގައުމީ އެއްބައިވަންތަ ކަމުގެ ވާހަކަ ޑރ. މުއިއްޒު ދައްކާކަށް ތާހިރެއް ނޫނެވެ. ގައުމީ އެއްބައިވަންތަކަން އުފަންވަނީ މުއިއްޒާ ހަމަޔަކުން ނޫނެވެ. މިހާރަކު އެއްބައިވާށޭ ގައުމޭ ހަމަޖެހުމޭ ކިޔާނެ ކަމެއް ނެތެވެ.
މުޅި ގައުމު ނުރައްކަލަށް ވައްޓާލައިގެން ވެރިކަން ހޯދުނީމާ އެއްބާރުލުން ނުލިބެގެން އުޅޭނެކަމެއް ނެތެވެ. ނިމި ދިޔަ ފަސް އަހަރު ގައުމު ފަސާދަކޮށް ރައްޔިތުންގެ ތެރޭގައި ވަގާ ދޮގާ މަކަރާ ފަތުރަމުން ދުވީ ތިޔަ މުއިއްޒު އިސްވެ ހުރެ ނޫން ހެއްޔެވެ. ސިޔާދަތޭ އިސްތިގުލާލޭ ހަރާން ހުކުމޭ ގޮވަމުން ތެޅެފޮޅުނު އިރު ތިޔަ ބުނާ އެއްބައިވަންތަކަން އޮތީ ކޮންތާކު ހެއްޔެވެ.
އަވަށްޓެރި ގައުމަކާ ޖެހިގަނެގެން މުޅި ރާއްޖެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާ ފިތުނައިގެ ދޮލަނގު ބޮލަށް ލައިގެން ދުވިއިރު ގައުމިއްޔަތާ ސިޔާދަތާ އެއްބައި ވަންތަކަން އޮތީ ކޮންތާކު ހެއްޔެވެ. ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކަނޑަމުން ދައުލަތުގެ ބާރުތައް ރޭޕްކުރަން ފޫގަޅައިގެން ހުސްގޮނޑި އެއް ދައްކަމުން މަތިހަށި ނަގައިގެން އުޅުނު އިރު އެއްބައިވަންތަކަން އޮތީ މުއިއްޒުގެ ކިހިލީގައެވެ.
މުއިއްޒުގެ އަވާގައިޖެހި ބަޔަކު ތެޅި ބޭލި ވައްތަރުން އޭރު އުއްތަމަފަނޑިޔާރަކީ އަދުރޭއޭ ހީވިއެވެ. މަޖިލީހަކީ ޕީޕީއެމް-ޕީއެންސީއޭ ހީވެއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ މުއިއްޒޭ ހީވެއެވެ. އެކަމަކު އޭރުވެސް ރާއްޖޭގައި ގާނޫނީ ސަރުކާރެއް އޮތެވެ. އެ ސަރުކާރުގެ ރައީސަކަށް ހުންނެވީ އެއްބުރުން %65 އިންސައްތަ އަށްވުރެ މަތީ އަގުލަބިއްޔަތެއް ދީގެން ފަސް އަހަރުގެ ދައުރަކަށް ރައީސްކަމަށް އިންތިހާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެކެވެ. އޭރަކު ގައުމީ މަސްލަހަތެއް އެއްބައިވަންތަ ކަމެއް އޮންނަންޖެހޭ ކަމަކަށް މުއިއްޒަކަށް ނުވެއެވެ.
ދޮގާ ވަގާ މަކަރުން އެންމެ ފަންސާސް ހަތަރު އިންސަތަ މީހުންގެ ވޯޓުން ދެވަނަ ބުރުން ރައީސްކަމަށް ހޮވެވުނީމާ ވަހުދަތާ އިއްޒަތާ ކަރާމަތާ މުޅިގައިގާ އެލުވައިގެން އެއްބައި ވަންތަ ކަމޭ ގޮވިޔަސް ވާނެ އެއް ކަމެއްވެސް ދެން ނުއޮންނާނެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ ތެރެއިން އެއްލައްކަ ނުވަހާސް މީހުން މުއިއްޒަށް ވޯޓެއް ނުދެއެވެ. ތާއީދެއް ނުކުރެއެވެ. މެޖޯރިޓީއަށް ބޯލަނބައިގެން ތިބެވޭނީ ވެސް މިނިކާ ބާޒެއްހެން ވެރިކަން ޖަހައި ނުގެންނަމަތާއެވެ. ތާއީދުކޮށް ވޯޓުދިން މީހުންވެސް އެތިބީ ވޯޓް ދެވުނު މޮޔަހީވެފައެވެ.
އެއްބައިވަންތަ ކަމޭ ގޮވަމުން ފޮނު އަރުވާއިރު ރައްޔިތުންގެ ހެވާ ލާބައަށް ކުރީގެ ސަރުކާރުން ފަށާފައި ހުރިކަންކަން މުއިއްޒު ގެންދަނީ ބަދަލު ކުރަމުން ހުއްޓަމުންނެވެ. ކުރިން ކުރަމުން އައި ކަންކަމުގެ ތެރެއިން ކަމެއް ކުރާނަމަ އެކަމެއް ކުރިކަމުގެ ނަން އަމިއްލައަށް ހޯދަމުންނެވެ. އެކަމަކު މީހުން ތިބީ ލޮލަށް މިރުސް އެޅިފައެއް ނޫނެވެ.
މާލޭ މީހުނަށް ހުޅުމާލެއާއި ގުޅީފަޅާ ގިރާވަރުފަޅާއި އުތުރު ތިލަފަޅުން ދިންހާ ގޯތި އެގޯތިތަކުގެ ވެރިންނަށް ނުދީ ވާން އޮތްހާ ގޮތެއް ދަނީ މުއިއްޒު ހަދަމުންނެވެ. ކުރީގެ ސަރުކާރުން ރަށްރަށުގައި ކުރަމުން އައި ކަންކަމުން ނުނިމި އޮތް 17 މަޝްރޫއެއްގެ މިލްކުވެރިކަން މިހާ އަވަހަށް މުއިއްޒު ހޯދައިފިއެވެ. ކުރީގެ ސަރުކާރުން އިސްރަށްވެހިންނަށް މާލޭގައި ތައްޔާރު ކުރަމުން އައި މަރުކަޒްގެ ބާނީއަކީ މުއިއްޒު ކަމަށް ވެެގެންފިއެވެ. ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ ބީދައިން ކާޅުހާއްޔަށް މުއިއްޒު ވަނީ ދަނޑިބާނާފައެވެ. ދިވެހިރާއްޖެ ފެށުނީވެސް މުއިއްޒާ ހަމައިންނޭ ހީވާކަހަލައެވެ.
ރައީސް ޔާމީނު ވިދާޅުވާ ކަހަލަ މިނިކާ ބާޒެއްކަމުގައި ނޫނީ މުއިއްޒު ނުވެއެވެ. ރައީސް ޔާމީނާއި ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ދޯކާދީ ހުސްގޮނޑިއަކާއި ޔާމީނުގެ ފޮޓޯ ވިއްކައިގެން ހީލަތާ މަކަރުން ވެރިކަން ހޯދައިގެން ހުރެ މީހުންގެ އިތުބާރު ގެއްލި ގޮތް ހުސްވީމާ ބާގީ ލީޑަރުންނާ މަޝްވަރާކޮށްގެން ވެރިކަމުގައި ފައިހަރު ލައްވަން ގައުމިއްޔަތޭ އެއްބައިވަންތަކަމޭ ކިޔާ ދެފައިތަޅާ ރުޔަސް މުއިއްޒާ އެއްބައިވާނެ މީހަކު އޭގެތެރެއަކު ވެސް ނެތެވެ. ހޯދެން އޮތްގޮތަކުން ދައުލަތް އިރާލައިގެންވެސް ހޯދުން ނޫން ކަމެއް އެމީހުން ނުކުރާނެއެވެ.