އެހެންބަޔަކު ކުރީމާ ގެއްލޭ މުއިއްޒު ކުރީމާ ނުގެއްލޭ މިނިވަންކަން

އެހެން ބަޔަކު ކުރީމާ ގެއްލޭ މުއިއްޒު ކުރީމާ ނުގެއްލޭ މިނިވަންކަން މިއަދު ރާއްޖޭން ފެނިގެން މިދަނީއެވެ. ދިފާއީ ވަޒީރު ގައްސާނު މައުމޫނު ބުނާގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަކީ ޑރ. މުއިއްޒު އެންމެ އިސްކަންދޭ ސިޔާސަތެވެ. އެއިން ކަމަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް މުއިއްޒު ސަރުކާރަކު ނުހުންނާނެޔޯލައެވެ. އެހެން ކަމަށްވާނަމަ އިންޑިއާ އާއިއެކު ކުރީ ސަރުކާރުން ބޭއްވި ގާތްގުޅުމުން މިނިވަންކަން ގެއްލިފައި މުއިއްޒު ސަރުކާރުން ގާތްކަން ބޭއްވުމުން ނުގެއްލޭ މިނިވަންކަމަކީ އަޒާތެއްގެ އަރަތެކެވެ.
ކުރީ ސަރުކާރުތަކުން އިންޑިއާ އާއިއެކު އެއްބަސްވުންތަކެއް ވެގެން ރާއްޖޭގައި ކުރަމުންއައިހާ ކަމަކީ އަޅުވެތިކަން ކަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ވަރަށް ބޮޑަށް ސިފަކުރިއެވެ. ރައީސް ޔާމީނާއި ޑރ. މުއިއްޒާއި ގައްސާނާއި ނައިފަރު ޝިޔާމާއި އަދުރޭއާއި ތރާކުނު ސައީދުފަދަ އެތައް ބަޔަކު އެއްވާނަކަށް ނިކުމެ އިންޑިއާގެ އަޅުވެތިކަމުން ސަލާމާތްވާން މަސައްކަތް ކުރިއެވެ. ފުޅާ އިންޑިއާ އައުޓް ކެންޕޭނެއް ޖައްސާ ރައްޔިތުންގެ ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ.
އިންޑިއާއިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުން ކުރުމަކީ އިންޑިއާގެ އަޅުވެތި ކަމުގެ ބައެއްކަމަށް ގޮވާލެވުނެވެ. އިންޑިއާގެ އެތައްހާސް ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދާކަމަށް ތުހުމަތު ކުރިއެވެ. އިންޑިއާގެ އަސްކަރީ ބޭސްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ހުރިކަމަށް އަޑުފެތުރިއެވެ. ރާއްޖޭގައި އިންޑިއާގެ އެހީގައި ހިންގަމުންއައި ތަރައްގީގެ ޕްރޮޖެކްތްތަކަކީ އިންޑިއާގެ އަޅުވެތި ކުރުމެއްކަމަށް ދެއްކިއެވެ. އިންޑިއާއިން ދިން ލޯނާއި ހިލޭއެހީ އަކީވެސް އަޅުވެތި ކުރުން ކަމަށް ގަބޫލުކުރުވިއެވެ.
ނަތީޖާއެއްގެ ގޮތުން މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމުން ސަރުކާރުން ފާޅުގައި އިންޑިއާ ދެކޮޅަށް ހަރަކާތްތައް ފަށައިގަތެވެ. ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރު ބޭނުން ކުރުން މެދުކަނޑާލައި މޯލްޑިވިއަންގެ ބޯޓެއްގައި ދަވާދުލައިގެން އެއަރ އެންބިއުލާންސް ހެދިއެވެ. ސަރަހައްދު ބަލަހައްޓަން އިންޑިއާގެ އުޅަނދު ފަހަރު ބޭނުން ކުރުމުގެ ބަދަލުގައި ތުރުކީން ޑްރޯން ގަނެގެން ގެނައެވެ.
އިންޑިއާގެ 2 ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވާލުމުގެ ހިތްވަރު ނެތިގެން އިންޑިއާގެ އަސްކަރީ އެ އުޅަނދުތައް އޮޕަރޭޓްކުރަން ތިބި އިންޑިއާގެ އަސްކަރީން ބޭރުކޮށްލާ ނަމުގައި މަދަނީންގެ ގޮތުގައި ފަންނީ އިންޑިއާ މީހުން ގެނައެވެ. ތިބިކަމަށް ބުނި އެތައްހާސް އިންޑިއާ ސިފައިން އެރީ މައްޗަށް ކަމެއް ފައިތަޅާ ދަށަށް އަޑިއަށް ދިޔައި ނޫންކަން ނޭގުނަސް އިންޑިއާ ސިފައިން ބޭރުކޮށްލެވިގެން މަތިހަށި ނަގާފައި އުޅުނުއިރު ސެނަހިޔާ ހޮސްޕިޓަލްގައި ޔުނީފޯމް އެޅި އިންޑިއާ ސިފައިންގެ އެތައް ބަޔަކު މަސައްކަތް ކުރަމުން ދިޔައެވެ.
ރާއްޖެއަށް ބިހާއި އަލުއްވާއި ފިޔާފަދަ ބާވަތްތައް އިންޑިއާއިން ގެނައުމުގެ ބަދަލުގައި ޕާކިސްތާނާއި ތުރުކީން ގެންނަން ނިންމިއެވެ. ރާއްޖެއަށް ކާޑުގެ ބާވަތްތައް އިންޑިއާއިން ގެނައުމުގެ ބަދަލުގައި ތުރުކީން ގެންނަން އުޅުނެވެ. ބޭސްފަރުވާ ކުރަން ދިވެހިން އިންޑިއާއަށް ފޮނުވުމުގެ ބަދަލުގައި ބެންކޮކާއި ދުބާއީން އާސަންދަ ދޭން މަސައްކަތް ކުރިއެވެ. އިންޑިއާއިން ޑޮކްޓަރީ ބޭސް އެތެރެކުރުމުގެ ބަދަލުގައި ޔޫރަޕުން ރާއްޖެއަށް ބޭސް ގެންނަން ހިފާލިއެވެ.
މެއި، 2024، ގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގައި ބުނީ ސަރުކާރުގެ ވިސްނުމަކީ ދިވެހިން މެދުވެރިކޮށް ދިވެހިންނަށް ހިދުމަތް ދިނުން ކަމަށެވެ. މުއިއްޒު ސަރުކާރުގައި ރައީސް މުއިއްޒުގެ ވިސްނުމަކީ ދިވެހިންގެ ގާބިލްކަން އިތުރުކޮށްގެން ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ހިދުމަތެއް ދިނުންކަމަށެވެ. ސިފައިން މެދުވެރިކޮށް ދެވޭ ހިދުމަތެއް ކަމަށް ވިޔަސް އަދި އެ ނޫން މުއައްސަސާއަކުން ދެވޭ ހިދުމަތެއް ވިޔަސް ހަމަ ދިވެހިންނަށް ހިދުމަތް ކުރާނީ ދިވެހިން ކަމަށެވެ. ނަމަވެސް މިއަދު މިޖެހުނީ ކޮންތާކު ހެއްޔެވެ.