ގައުމަށް ވާއެއްޗެއް ވާނީ ގާސިމުގެ ނުބައިކަމާ އަމިއްލަ އެދުން ބޮޑުކަމުން
ގައުމަށް ރަނގަޅުގޮތް ގާސިމަށް ނޭނގޭނެކަން ރައްޔިތުން އޮތީ ބުނެދީފަ!
ރާއްޖެ އަނދަވަޅަކަށް ވެއްޓި ރައްޔިތުން ގެއްލުމާއި ހަލާކުގެ ތެރެޔަށް ހުށަހެޅިގެން ދަނީ ބުރުމާ ގާސިމުގެ ނުބައިކަމާ އަމިއްލަ އެދުން ބޮޑުކަމުންނެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ސަބަބަކުން ނޫނެވެ. ބުރުމާ ގާސިމު އަނގަ ފުރާފައި އެއްޗެއް ބުނާއިރަށް އެއީ ތެދަކަށް ނުވާނެއެވެ. ކަންކަން ހިނގަނީ ކިހިނެއްކަން އެންމެނަށް ވެސް އެނގެއެވެ.
ދައުރުން ބޭރުން މިއަދު މަޖިލިސްގެ ޖަލްސާއެއް ބޭއްވީ ވަޒީރުންނަށް ރުހުން ނުދިނުމުގެ މައްސަލައަށް ގޮތެއް ނިންމުމަށެވެ. ރުހުންދޭނެ ވަޒީރުނާއި ނުދޭނެ ވަޒީރުން އެނގޭނީ މަޖިލިސް މެންބަރުންނަށެވެ. ގިނަ މެންބަރުންނަށް ރުހުން ދޭން ފެންނަ ވަޒީރަކަށް ރުހުން ލިބޭނެއެވެ. މެޖޯރިޓީ ރުހުންނެތް ވަޒީރަކަށް ރުހުމެއް ނުލިބޭނެއެވެ. މަޖިލީހުގައި އެހެން ކަންކަންވެސް ނިންމަނީ އެގޮތަށެވެ. އެއީ ޑިމޮކްރަސީގެ މައިގަޑު ހަމައެވެ.
މަޖިލީހަކީ ސަރުކާރުން ހުށަހަޅާހާ ކަމެއް ނުވަތަ ހުށަހަޅާ ނަމެއް އެގޮތަށް ފާސްކޮށްދޭން އޮންނަ ސަރުކާރުގެ ރަބަރުތައްގަޑެއް ނޫނެވެ. ސަރުކާރުން ފޮނުވާހާ ވަޒީރަކަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ގާސިމަށް މިއަދުވީ އަންނަ މަޖިލީސް އިންތިހާބުގައި މާމިގިލީ ދާއިރާގެ ގޮނޑިއަށް ޕީއެންސީން މީހަކު ނުނެރޭން ނިންމާ ގާސިމަށް ޓިކެޓް ވެދުން ކުރީމާކަން އޮޅެގެން އުޅޭ މީހަކު ނޫޅެއެވެ.
ރައީސްގެ ކެބިނެޓަށް ރުހުން ނުދިނުމަކީ ދިވެހި ގައުމަށް އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫންކަމަށް ބުނާއިރު ދިވެހި ގައުމަށް ރަނގަޅުގޮތް ގާސިމަށް ނޭނގޭނެކަން މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ބުނެދީފައެވެ. ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާއެއް އަބަދުވެސް ދެނީ ގާސިމުކަމަށް ރައްޔިތުން އޮތީ ބުނެފައެވެ. ރައްޔިތުންނޭ ކިޔައިގެން ގާސިމު މިހާރު އަނގަ ހުޅުވާނީ ވަރަށް ލަދެއް ހަޔާތެއް ނެތީމައެވެ. ކުރިން އަމަލުކުރި ގޮތާއި ހިލާފަށް މަޖިލީހުން ކަމެއް ކުރުމާ ނުކުރުން ކަނޑައަޅަނީ މަޖިލީހުގެ މެޖޯރިޓީންނެވެ. ގާސިމެއް ނޫނެވެ. މެންބަރަކަށް ވީތީ ގާސިމަށް ފެންނަ ގޮތަކަށް ގާސިމު އަމަލު ކުރުމަކަށް ހުރަހެއް ނެތެވެ.
މިއަދު ގައުމު އޮތް ހާލަތަށް ރިޔާއަތްކުރާ ވާހަކަ ގާސިމު ނުދައްކާށެވެ. ރައީސް ސޯލިހު ވެރިކަމުގެ ގޮއްރާޅަކީވެސް ގާސިމެވެ. ކޮވިޑްގެ ހިތްދަތި ހާލަތުގައި ގެންގުޅުނު މުއައްޒަފުންތައް ކަނޑާފާ ފޮނުވާލީ ގެއަށެވެ. ތިބި މަދު މުއައްޒަފުންނަށް ދިނީ އެންމެ ރުފިޔާ ހާހެކެވެ. ހަތަރެސް ފަޔަށް އަންގިލައްވައިގެން ބޮނދާ އޮތީ ސަންއައިލެންޑްގައެވެ. މަޖިލީހުގެ އެންމެ ޖަލްސާއަކަށް ހާޒިރެއް ނުވެއެވެ.
ކޮވިޑް ފެސިލިޓީ ހަދައިގެން ބަންދުކުރި ރިސޯތުތައް ދައްކައިގެން ކޮވިޑް ތެރޭގައި ދައުލަތުން ދެމީ ފައިސާއެވެ. ކޮވިޑް ރެކަވަރީ ގޮތުގައި ގައުމަށް ލިބުނުހާ ފައިސާގެ ބޮޑުބައި މަކަރާ ހީލަތުން ދިރުވާލީ ފެން ފޮދަކާވެސް ނުލައެވެ. ކޮންމެ ސަރުކާރެއް އަންނައިރަށް ހީލަތް ތެރި ގޮތްގޮތަށް އެގްރީމަންޓްތައް ހަދައިގެން އެއަރޕޯޓްތަކާއި ފަޅުތަކާ ރަށްތައް ނަގައިގެން އެއްވެސް ކަމެއް ނުކޮށް ބާއްވާ ސަރުކާރު ބަދަލުވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތް ދަވާލުމަކީ ބުރުމާގެ ތޮބީއަތެވެ.
ރާއްޖޭގެ ޕޮލިޓިކަލް މަސްރަހު ބަދަލުވެގެން ދާތަނާއި ދާގޮތް މިކަލޭގެ އަކަށް ނުފެނެއެވެ. ރާއްޖެއަށް އެއްވެސް މީހަކު އެހީތެރި ނުވާނީ ކާކު ކިހިނެތް ކަންތައް ކުރާތީކަންވެސް ނުފެންނަ ވަރަށް ކަނުވީމާ މީހުންގެ ތެރެއަށް ނިކުމެ އުޅޭކަށް ރަނގަޅެއް ނުވާނެއެވެ. ގައުމު ނިކަމެތިވެ އަނދަވަޅަކަށް ވެއްޓިގެންދާނީ ގާސިމުގެ ސަބަބުންނެވެ. އެހެން ބައެއްގެ ސަބަބަކުން ނޫނެވެ. މިވަރުގެ ގޮތްފޮތް ނެތް މީހަކު ރައްޔިތުންގެ ހެވާ ލާބައޭ ކިޔައިގެން އެބަ އަނގަ ދިޔާކުރެއެވެ. ޖީޓީ ދިޔަ މަގުން ނުގޮސް ސަލާމަތް ވިއްޔާ ރަނގަޅެވެ.