ޤާނޫނުއަސާސީ ސިފަކުރަނީ އެބޭފުޅަކަށް ފައިދާހުރި ގޮތަކަށް

ހުރިހާ ބާރެއްގެ މައްޗަށް ވަނީ ދައުލަތުގެ އެންމެމަތީ ވެރިއެއް: ނަޝީދު

ޤާނޫނުއަސާސީ ސިފަކުރަނީ އެބޭފުޅަކަށް ފައިދާހުރި ގޮތަކަށް

ހަނދާނުގެ ފަތް ފުށްތައް ކޮޅުކޮޅަށް އުކާލުމުން ފެންނަން ހުރި ހަގީގަތް ވަރަށް ސާފެވެ. ދުރު މާޒީއެއް ނޫނެވެ. 27 ޖެނުއަރީ 2012 ވީ ހުކުރު ދުވަހެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއޔާ ކަމުގައި އޭރު ހުންނެވީ ގ. ކެނެރީގޭ މުހައްމަދު ނަޝީދެވެ. އާދައިގެމަތިން ކޮންމެ ހުކުރު ދުވަހެއް ހެނދުނު ރައީސް ނަޝީދު ރޭޑިއޯ ހިތާބެއް ދެއްވައެވެ. ރައީސް ނަޝީދު ދެއްވި އެންމެ ފަހުގެ ރޭޑިއޯ ހިތާބު ދެއްވީ 2 ފެބްރުއަރީ 2012 ވީހުކުރު ދުވަހުއެވެ.

ޖެނުއަރީ 27، 2012 ގައި ދެއްވި ރޭޑިއޯ ހިތާބަކީ އެ މަނިކުފާނުގެ 132 ވަނަ ރޭޑިއޯ ހިތާބެވެ. ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ދެއްވި އެންމެ ފަހު ރޭޑީއޯ ހިތާބުގެ ކުރިން ދެއްވި ހިޔާބެވެ. ނަޝީދުގެ ވެރިކަމުގެ ނިމުން ފެށިގެން ހޫނުވަމުން އައި ދުވަސްވަރު ދެއްވި 132 ވަނަ ރޭޑީއޯ ހިތާބު ވަރަށް ފުން މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވިއެވެ. 

ރާއްޖޭގެ ގާނޫނު އަސާސީ ސިފަކުރެއްވުމުގައި އެމަނިކުފާނުގެ ވިސްނުންފުޅު އޮތްގޮތް ވަރަށް ސަރީހަކޮށް ރައްޔިތުންނަށް ހާމަކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރީއްޔާ ގެ ހައިސިއްޔަތާ މަގާމް ރައްޔިތުންނަށް އޮޅުން ފިލުއްވަ ދެއްވިއެވެ. އެ މަނިކުފާނުގެ އިބަރާތުން އެ ވާހަކަފުޅު މިއަދު ވެސް ރައްޔިތުންނަށް އާވެއާވެ އެބަހުއްޓެވެ. 

ރައީސް ނަޝީދު އެ ދުވަހު ހިތާބުގައި ވިދާޅުވި މުހިންމު އެއް ވާހަކަފުޅުގެ ހަނދާން އައުކޮށްލަމެވެ. އެ މަނިކުފާނު ވިދާޅުވީ " އަޅުގަނޑުމެން ރާއްޖޭގައި އެކުލަވައިލެވިފައިވާ ޤާނޫނުއަސާސީގެ ސިފަ ބަޔާން ކުރަމުން އަޅުގަނޑުމެން މިހާރު މިގެންދަނީ، އެއިރެއްގައި އެބޭފުޅަކަށް ފައިދާހުރި ގޮތަކަށް. އެހެން ނަމަވެސް، މި ޤާނޫނުއަސާސީއަކީ ރިޔާސީ ނިޒާމެއްކަން، ހުރިހާ ބޭފުޅުންވެސް ހަނދުމައިގައި ބަހައްޓަވަންޖެހޭނެ" އެވެ. އާދޭހެވެ. " ތިންބާރު ވަކިވެފައި މިވަނީ. ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި އަދި ޝަރީޢަތް ހިންގުމުގެ ބާރު" އެވެ. 

ދެން ވިދާޅުވީ ކީކޭ ކަމަށްތޯއެވެ. " މިހުރިހާ ބާރެއްގެ މައްޗަށް މިވަނީ ދައުލަތުގެ އެންމެމަތީ ވެރިއެއް، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ޢައްޔަންކޮށްފައި، ކަނޑައަޅާފައި" ހުންނަވާކަމަށް އަޑުފުޅަށް ބާރުލައްވާ ވިދާޅުވިއެވެ. އިތުރަށް ތަފްސީލްކޮށް ދެއްވަމުން ވިދާޅުވީ " ޤާނޫނުއަސާސީން އެ ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ އެންމެމަތީ ވެރިޔާ ކުރަންޖެހޭ ކަންކަން، ވަރަށް ޞަރީޙަ ޢިބާރާތުން، ވަރަށް ސާފުކޮށް އެނގެން އެބައޮތް" ކަމަށެވެ. 

ވަރަށް ބޮޑު ތެދުފުޅެކެވެ. " ޤާނޫނުއަސާސީއެއް ތަންފީޛެއް ނުކުރެވޭނެ، ޤާނޫނުއަސާސީއެއް އަޅުގަނޑުމެންނަކަށް ހިންގަމަކުން ނުދެވޭނެ، އަޅުގަނޑު މިދެންނެވި ބާރުތަކުގެ ތެރެއިން އެއްވެސް ބާރެއް، އެ ކަނޑައަޅާފައި އޮތް މަސައްކަތް ނުކުރާ ކަމަށްވަނީވިއްޔާ" ރައީސް ނަޝީދު ވިދާޅުވިއެވެ. އޭރު އެމަނިކުފާނު ވިދާޅުވި ގޮތުގައި" ޚާއްޞަކޮށް، ދައުލަތުގެ އެންމެމަތީ ވެރިޔާއަށް ލާޒިމްކޮށްފައިވާ ކަންކަން، ޤާނޫނުއަސާސީ ތަންފީޛު ކުރުމުގައި ކޮށްގެން މެނުވީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުން އުންމީދު މިކުރި ޤާނޫނުއަސާސީގެ ފޮނި މޭވާ އަޅުގަނޑުމެންނަކަށެއް ނުލިބޭނެ"އެވެ. 

ރައީސް ކަމުގައި ހުންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ވަރެއް ނެތެވެ. ހުރިހާ ބާރުތަކަށް ވުރެ ރައީސުލްޖުމްހޫރިއްޔާ މައްޗެވެ. ހުރިހާ ބާރެއްގެ މައްޗަށް ދައުލަތުގެ އެންމެމަތީ ވެރިއެއް ގާނޫނު އަސާސީގައި އޮންނަކަމަށް ވެއެވެ. ވެރިކަން ގެއްލި ވަޑައިގަތުމުގެ ފަހުން ރައީސުލްޖުމްހުރިއްޔާ އަކީ އެއްވެސް މީހަކަށް ނުވެއެވެ. 

މަޖިލީހުގެ ރައީސްކަމުގައި ރައީސް ނަޝީދު ހުންނެވުމުން ހުރިހާވެސް އެއްޗަކީ މަޖިލީހެވެ. ރައީސުލްޖުމްހުރިއްޔާ މަގަމުގެ ހައިސިއްޔަތުން ސިޓީފުޅެއް ތަނަކަށް ފޮނުއްވަން ޖެހެނީވެސް މަޖިލީހުގެ ރައީސްގެ އިޒްނަ ހޯއްދަވައިގެންނެވެ. ވެރިކަމުގެ ނިޒާމުވެސް އޮންނާން ޖެހެނީ ރައީސް ނަޝިދަށް ބާރު އޮންނަގޮތައް އިންތިޒާމް ވެފައެވެ.