މުއިއްޒު ގައުމު ވައްޓާލަނީ ހަގުރާމައެއްގެ ނުރައްކަލަށް
ފުރައްސާރަ ކުރެވެނީ ނިއުކުލިއަރ ބާރަކާ ދެކޮޅަށް ކަމެއް ނޭނގޭ
އުތުރު ތިލަފަޅަށް ދިވެހި ސަރުކާރުގެ ބާރު ހިނގާ ނުހިނގާ ޑރ. މުއިއްޒާއި ޕީޕީއެމް- ޕިއެންސީ އަކަށް ނޭނގޭނެއެވެ. އުތުރު ތިލަފަޅުގައި ބިނާކުރާ ދިވެހި އަސްކަރިއްޔާގެ މިލިޓަރީ ޑޮކްޔާޑް ސަރަހައްދަށް ވަދެވޭ ބަޔަކާ ނުވަދެވޭ ބައެއްވެސް ޑރ. މުއިއްޒަކަށް ނޭގޭނެއެވެ. ދޮގު ދޮލަނގުގެ އަހުލުވެރިންނަށް ދޮގު ވިއްކައިގެން ނޫނީ ވެރިކަން ހޯދަން ތާއީދު ހޯދާނެ ގޮތެއް ނެތުމަކީ އެހެން ބަެއެއްގެ މައްސަލައެއް ނޫނެވެ.
އުތުރު ތިލަފަޅު ޑޮކްޔާޑް ސަރަހައްދަކީ މަސައްކަތު ސައިޓެވެ. އެތާ ބިނާ ކުރަނީ އަސްކަރީ ބިނާއެކެވެ. އަސްކަރީ ބިނާތައް ކުރެވޭ ތަންތަނަކީ ހިތުހުރި މީހަކު ހިތުހުރި ގޮތަކަށް ވަދެ ނިކުމެ އުޅެވޭ ތަންތަނެއް ނޫނެވެ. އެ ތަންތަނަށް ވަދެ އުޅެވޭނީ އެ ތަންތަނަށް ވަންނަން ޖެހޭ އެކަމަށް ހުއްދަ އޮތް ބަޔެކެވެ. ދިވެހި އަސްކަރިއްގެ ވެސް ކަމާބެހޭ މީހުންނޫން އެހެން ބަޔަކަށް އެތަނަކަށް ވަދެ ނިކުމެއެއް ނޫޅެވޭނެއެވެ. އެހެން ނޫނަސް އެއްވެސް މަސައްކަތު ސައިޓަކީ އެކަމެއްގައި އުޅޭ ބަޔަކަށް ނޫނީ ވަދެ އުޅެވޭ ތަންތަނެއް ނޫނެވެ. އެއިއްޔަކީ އެތަނަކީ އިންޑިއާ ސިފައިންގެ ބޭހަކަށް ވެގެން ވާކަމެއް ނޫނެވެ.
ހޮސްޕީޓަލެއްގެ އޮޕަރޭޝަން ތިއޭޓަރަށް ވަދެވެނީ އެ ކަމަކަށް ހާއްސަވެފާ ތިބޭ ޑޮކްޓަރުންނާއި ނަރުހުންނާއި ކަމާބެހޭ ބަޔަކަށް އެކަންޏެވެ. ބޭންކު ތަކުގެ ތިޖޫރީ ހުޅުވާ އެއަށް ފައިސާ އަލާ ފައިސާ ނަގާ ހެދުމަކީ ހިތުހުރި މީހަކަށް ކުރެވޭ ކަމެއް ނޫނެވެ. ބޭނުން ކޮންމެ މީހަކަށް ބޭނުން ކޮންމެ އިރަކު ބަނޑޭރިގެ އަކަށްވެސް ނުވަދެވެއެވެ. އެތަނަށް ވެސް ވަދެވޭނީ ވެސް ހުއްދަ ލިބިގެން ވައްދާ މީހެކެވެ. މުއިއްޒު ނިދާ ކޮޓަރިއަކަށް ވެސް އެންމެންނަކަށް ނުވަދެވޭ ނޫން ހެއްޔެވެ.
މީހަކު ބޭނުން ވާއިރަށް ބޭނުން ވާހާ ކަމެއް ނުވުމަކީ މިނިވަންކަން ނެތުމެއް ނޫނެވެ. ބާރުވެރި ފަރާތުގެ ބާރު ނުހިނގުމެއްވެސް ނޫނެވެ. އަލުވެރި ވުމެއްވެސް ނޫނެވެ. ކޮންމެ ކަމަކަށް ވެސް ހަމައަކާއި އުސޫލެއް އޮވެއެވެ. އުތުރު ތިލަފަޅަށް ދިވެހި ސަރުކާރުގެ ބާރު ނުހިނގާކަން މުއިއްޒަށް އެނގޭނީ އެ ތަނަކީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި އޮތްތަނެއް ނަމަތާއެވެ. އުތުރު ތިލަފަޅުގައި ހަދާ ޑޮކްޔާޑްގެ މަސައްކަތު ސައިޓަށް ދިވެހި އަސްކަރިއްޔާގެ ކަމާބެހޭ މީހުން ވަދެނިކުމެ ކުރަންޖެހޭ ކަންކަން ކުރުމަށް ފުރުސަތު ނެތިގެން ދިވެހި އަސްކަރިއްޔާ އަކުން ނޫޅެއެވެ. މުއިއްޒު ވެސް ވެރިކަމަށް އައިސް ގޮނޑި އަޅައިގެން އުތުރު ތިލަފަޅު ޑޮކްޔާޑުން ނުފައިބާ އިންނަން މަޑުކޮށްލާށެވެ. އޭރުން އެ ފުރުސަތު އޮންނާނެއެވެ. ނެގިނެގިފާ ޖެހުނަސް މިހާރަކު އެ ފުރުސަތެއް މުއިއްޒަކަށް އަދި ފިތުނަ ދޮލަނގަކަށް ވެސް ނުއޮންނާނެއެވެ.
ރަންކޮޅާއެވެ. ދޭދޭ ގައުމުގެ ދެމެދުގައި ވެވޭ އަސްކަރީ އެއްބަސްވުން ތަކަކީ ވެސް އެފާޑުގެ އެއްޗެކެވެ. އެއްޔަކީ ފޮޅި އަވީލާހެން މަގުމަތީގައި އަވީލާފާ އޮންނަ އެއްޗެއް ނޫނެވެ. ގައުމީ ސަލާމަތާ ގުޅުން ހުރި އެއްވެސް އެއްޗަކީ ދައުލަތުގެ ސިއްރެވެ. އެއީ ހޮޓާ ތަކުގައި ހުންނަ ބޮޑު ގުޅައެއް ނޫނެވެ. މަގާމުގެ ހައިސިއްޔަތުން އެގެން ޖެހޭ ބަޔަކަށް ނޫނީ އަންގަޖެހޭ އެއްޗެއް ނޫނެވެ. ކިތަންމެ ބޭނުންވިޔަސް ބަޑި ގުދަނުގައި ހުރި ހަތިޔާރުގެ ވައްތަރުތަކާއި އަދަދާއި ދިފާއީ ސިއްރުތަކަކީ އާއްމުކުރާ ކަންކަމެއް ނޫނެއް ނޫން ހެއްޔެވެ.
ފިތުނަވެރިން ފިތުނަ އުފައްދާ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން ގައުމީ ސަލާމަތީ ސިއްރު ތަކެއް އެއްވެސް ބަޔަކު ހާމައެއް ނުކުރާނެއެވެ. ކުރާކަށް ނުވެސް ޖެހެއެވެ. ރައްކާތެރި ވާންޖެހޭ ކަންކަމަށް ރައްކާތެރި ވުމަކީ ވަކި ބައެއްގެ ނުފޫޒުން ހިނގުމެއް ނޫނެވެ. ދިވެހި އަސްކަރިއްޔާގެ މައްޗަށް އެއްވެސް އެހެން ބައެެއްގެ ނުފޫޒެއް ނެތެވެ. ނުވެސް އޮންނާނެއެވެ.
މިނިވަންކަން ގެއްލޭ ކަމުގެ ބިރު ރައްޔިތުންނަށް ދައްކައިގެން ވެރިކަމަށް އާދެވިދާނެ ކަމަށް މުއިއްޒަށް ހީވަނީ ހެއްޔެވެ. އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ އަހުވަންތަ ގުޅުމަށް އިންޑިއާ އާއި ޖެހިގަނެގެން ވެރިކަމަށް އައިސް ފަހުން އިންޑިއާ ހައްދާ ލެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ. ކަންކަން މި ދާވަރުން މުއިއްޒުގެ ވެރިކަމެއްގައި ދިވެހިރާއްޖެއަށް ޖެހޭނީ މިހާރު ޔޫކްރޭނަށް ޖެހިފައި އޮތް ހާލެވެ. އެވަރަށް އިންޑިއާ ރުޅި އެބަ އަރުވައެވެ. ހަމަ ތެދެކެވެ. ރާއްޖޭގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައިވެސް މުއިއްޒަށް ރައްޔިތުން ނޫނެކޭ ބުނަންޖެހެއެވެ.