ކަނޑުން ބައެއް ދޫކޮށް ނުލާކަމަށް މުއިއްޒު ވިދާޅު ވެއްޖެ
އެނޫން ސްޓޭންޑެއް ހިފެހެއްޓި ނަމަ ގެއްލުންވާނެ
ކަނޑު ވިއްކި ކަމަށް ބުނެ ޕީޕީއެމް ދައްކާ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ދޮގު ވާހަކައެއް ކަމަށް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ. އެހެން ވިދާޅުވީ ޑރ. މުއިއްޒު ތާއީދު ހޯއްދަވަން ރަށްރަށަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އަތޮޅު ތެރޭގެ ރައްޔިތަކު އެމަނިކުފާނާ ބައްދަލުކުރައްވާ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އިޓްލޮސްގައި ހިންގި ޝަރީއަތުގައި ސަރުކާރުން ގެންގުޅުއްވީ ރާއްޖެއަށް އޮތް އެންމެ ފައިދާ ބޮޑު ސްޓޭންޑްއެވެ. އެނޫން ސްޓޭންޑެއް ހިފެހެއްޓި ނަމަ ރާއްޖެއަށް ވާނެ ގެއްލުން މާބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އޭނާ މައުލޫމާތު ދިނެވެ.
މުއިއްޒު ވިދާޅުވާ ގޮތުންވެސް އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮތިއްޔާ ފުށުއަރާ ދެގައުމެއް މަޝްވަރާކޮށްގެން ގޮތެއް ހަމަޖެއްސުމަށް ގާނޫނުވެސް ބުނެއެެވެ. މޮރިޝަސްގައި ރާއްޖެއާ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮތްކަން ދުނިޔޭގެ ކަނޑުތަކުގެ ފުށުއެރުން ހައްލުކުރާ ޓްރައިބިއުނަލުން (އިޓްލޮސް) ގަބޫލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ހަމަތަކާ ދެކޮޅަށް އެއްވެސް ބަޔަކަށް އިގްތިސާދީ އިމުގެ މައްސަލައެއް ހައްލު ނުކުރެވޭނެ ކަަމަށް މުއިއްޒު ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިންޑިއާ އާއި ލަންކާއާއި ދިވެހިރާއްޖޭގެ އަގްތިސާދީ އިމުގެ ފުށުއެރުން މީގެ ސާޅިސް އަހަރުކުރިން އެއްބަސް ވުމަކުން ހައްލުކޮށް އެގޮތަށް ތިން ގައުމުން މިހާރުވެސް އަމަލު ކުރެވެމުން އައުމަކީ އޭގެ މިސާލެއް ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ވެއެވެ.