އިރުތިޝާމަށް: ވެރިކަން ހޯދަންއުޅެނީ ހަނގުރާމަ އިއުލާނުކުރަމުން

އުޅުއްވަނީ އިންޑިއާ ކަނޑު ނުރައްކަލުގެ ތެރެއަށް ވައްޓާލަން

އިރުތިޝާމަށް: ވެރިކަން ހޯދަންއުޅެނީ ހަނގުރާމަ އިއުލާނުކުރަމުން

މާބޮޑަށް އެނގިގަނެގެން ނޫޅެށެވެ. ގެއްލުނު ވަޒީރު ކަމުގެ މަސްތުގައި ފެންމައްޗަށް އަރައިގެން އުޅޭނެ ކަމެއް ނެތެވެ. ޔާމީނުގެ ވެރިކަން ނިމި ވަޒީރުކަން ގެއްލުމުން ގާސިމު ކައިރިއަށް ވަދެ ގާސިމުގެ ސިޔާސީ ހަޔާތް ފުނޑާލާފައި މުއިއްޒުގެ ވަޒީރުކަމަކަށް ފައިނަގައިގެން އަނގަ ދިޔާކުރަން ފެށީހެއްޔެވެ. 

ޔާމީނު ބުނެގެން ގާސިމުކައިރިއަށް ގޮސް ބޮޑު މުސާރަކައިގެން ނެތް މޮޅު ހޯދައިގެން ވަގު ކުކުޅުކާ ބުޅަލަކަށް ވެގެން ޖުމްހޫރީގައި ވައްވައްޖެހީ މި ދުވަސް ހޯދަންކަން ނޭނގޭ މީހަކު ނޫޅެއެވެ. ސިޔާސީ ގޮތުން ގާސިމް ފުޑާލުމަށް ޔާމީނު ހަވާލުކުރި ޓާސްކް ނިމިއްޖެ ދޯއެވެ. ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ހިމާޔަތް ހޯދައިގެން ވަޒީރުކަމުގައި ކުރި ވައްކަމާ ހިޔާނާތުގެ ތުހުމަތުން ބަރީއަވެ ފަސް އަހަރު ވަންދެން ގާސިމު އަތުން މިލިއަނުން ފައިސާ ދަމައިގަނެގެން ފަސް އަހަރުގެ ގެއްލުން ފޫބައްދާ ލެވިއްޖެ ނޫން ހެއްޔެވެ. މިހާރު ހުވަފެން ބަލަމުން ތިޔަ ކުރާކަމަކީ މުއިއްޒު ވެރިކަމަށް ގެނެސްގެން ވަޒީރުކަމެއް ލިބޭތޯ ހުރި މީހެއްކަން އެންގުމުގެ މަސައްކަތްކަން އެނގެއެވެ.

ޓްވިޓަރގައި ރާގު ރާގަށް މުއިއްޒު ދިފާއުކޮށް މީހުންނާ ވިއްދާލައިގެން އިރުތިޝާމް އުޅޭ ބޭނުން ނޭނގިގެން އުޅެނީ ކާކަށް ހެއްޔެވެ. އަސްކަރީ ގޮތުން ބްރެގޭޑިއަރ ދީދީ މެންނަށް ރައްދު ދޭން ހަޔާތް ގަނެ ބަލާށެވެ. ރައްޔިތުންގެ ސަލާމަތާއި ހައްގު ރައްކާތެރި ކުރުމުގެ ގައުމީ ވާޖިބު ހަނދާން ނެތިގެން އުޅެނީ ބްރެގޭޑިއަރ އިބްރާހީމް ދީދީއަކަށް ނޫނެވެ. އޮޅި ހަނދާންނެތިގެން އުޅެނީ ޑރ. މުއިއްޒަށާއި އިރުތިޝާމަށެވެ. އަދި ސިޔާސީ ބޭނުމުގައި އިންޑިއާ އައުޓް ގޮވާ ބައި ގަނޑަށެވެ. 

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ވެގެން ވެރިކަމުގެ ދަހިވެތި ކަމުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ގުރުބާން ކުރަން ހީލަތްތެރި ވާހަކަ ދައްކާ ރައްޔިތުންގެ ބޯދޮއްވަން ނުހަދާށެވެ. އާރާ ބާރުގެ ގޮތުން ދުނިޔޭގެ ބޮޑު ބާރަކާ ޖެހި ނުގަނެ ރައްޔިތުންގެ ވޯޓު ހޯދަން ނޭނގިގެން ގައުމު ނުރައްކަލަށް ވައްޓާނުލާށެވެ. އިބްރާހީމް ދީދީ އެ ވިދާޅުވަނީ ހައްގު ތެދެވެ. ޑރ. މުއިއްޒު ކުރައްވަން އުޅުއްވާ ކަމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ވައްޓާލައްވާ، މިޤައުމާއި ޤައުމު ހިމެނޭ ސަރަހައްދު ހަމަނުޖެހުމަށް ވައްޓާލުމެވެ. 

ދޭދޭ ގައުމުގެ މެދުގައި އުފެދި ކުރިއަށްދާ ބައިނަލްއަގުވަމީ ގުޅުމުގެ ތެރެއިން އެއްގައުމު އަނެއް ގައުމަށް އެހީތެރިވެ ދިނުމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ މިއަދުގެ ބަވަނަވެތި ދުނިޔޭގައި އަމަލު ކުރެވޭ ގޮތްކަން ކަނޑައެޅިގެން އެނގިތިބެ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށް ރައްޔިތުންގެ ވޯޓް ބޭނުން ވެގެން ގައުމީ ސަލާމަތައް ނުރައްކާތެރި ކެންޕޭން ކުރާނެ ކަމެއްނެތެވެ. 

ރާއްޖޭގައި އިންޑިއާ ސިފައިން ގެނެސް ބައިތިއްބައިގެން އުޅުނީ މުއިއްޒާއި އިރުތިޝާމް ވަޒީރުކަންކުރި ޔާމީނު ސަރުކާރުންނެވެ. ހެލިކޮޕްޓަރާއި ޑޯނިއަަރ ބޯޓްގެ އޮޕަރޭޝަނަށާއި ސެނެހިޔާ ހޮސްޕިޓަލްގެ ރޫޓިން ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ގޮތުގައި އިންޑިޔާ އަޝްކަރިއްޔާގެ އެހީތެރިކަން ހޯދީވެސް ތިޔަ ބައިގަނޑެވެ.

އުތުރު ތިލަފަޅުގައި ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ހަދާ ޑޮކްޔާޑް ހަދާދެނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައެވެ. ތަނަކީ ދިވެހި އަސްކަރިއްޔާގެ އަސްކަރީ ބޭނުމަށް ގާއިމުކުރެވޭ ތަނެއް ކަމުން އެތަން ބިނާކުރުމުގައި ބޭނުންވާ އެހީތެރިކަން ދިނުމުގައި އިންޑިއާގެ އަޝްކަރިއްޔާގެ މަދަދާ އެހީތެރިކަން ލިބެއެވެ.

ބުނެވި ދިޔަ ޒާތުގެ ކަންކަމަކީ އިންޑިއާ ސިފައިން މި ރާއްޖޭގައި ގާއިމުވެ ތިބުން ކަމަށް ސިފަކޮށްގެން ރައްޔިތުން ކައްކުވާ ދެ ގައުމުގެ ގުޅުން ގޯސްވާ ހިސާބަށް ސިޔާސީ ގޭސް އަނބުރަނީ ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ބޭނުމުގައެވެ. ރައްޔިތުން ރުޅިއަރުވާ ގާނޫނީ ސަރުކާރާމެދު ރައްޔިތުން ނަފުރަތު ކުރުވާށެވެ. ރައްޔިތުންގެ ތާއީދު ހޯދާނެ އެހެން ގޮތެއް ނެތިގެންނެވެ.

ހަމަތެދެކެވެ. ޑރ. މުއިއްޒު ވެރިކަމަށް އަންނަން މަސައްކަތް ކުރަނީ އިންޑިއާ އާއި ހަނގުރާމަ އިއުލާނު ކުރަމުންނެވެ. މުއިއްޒު ޖަހަމުން އެގެންދަނީ ހަނގުރާމައިގެ ޑަނޑޫރާއެވެ.