ސަލަފީން މެދުވެރިކޮށް ޔާމީނު ކުޑަގޮޅިއަށް!
ހިތުން ރައީސުލްޖުމްހޫރިއްޔާ ހެދިގެން އުޅޭ މޭޔަރ މުއިއްޒުގެ މަސައްކަތަކީ ވެރިކަން ހޯދުން
އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ގައުމު ހަވާލު ކުރަން ޖެހޭ ކަމަށް ބުނާއިރު މުއިއްޒުގެ އެތެރެ ހަށީން ރޯވެ އަނދަމުންދާ އަލިފާންގަނޑު މޫނުމަތިން ވެސް ފާޅުވެއެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ ޔާމީނު ރިޔާސީ އިންތިހާބުގައި ވާދަކުރަން އެންމެ ނޭދޭ މީހަކީ މިހާރުވެސް ހިތުން ރައީސުލްޖުމްހޫރިއްޔާ ހެދިގެން އުޅޭ މޭޔަރ މުއިއްޒެވެ. ސަލަފު ޖަމުއިއްޔާއާއި ގުޅިގެން ދީނީ ކާޑު ދައްކައިގެން ރައީސްކަން ހޯދަން މުއިއްޒު ހުރީ ފެން ބޮވާފައެވެ.
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ހިންގޭ ސަރީއަތުގައި ޔާމީނަށް ޖަލު ހުކުމެއް ގެނެވޭތޯ ލައްކަ މަސައްކަތް މުއިއްޒު އެބަކުރެއެވެ. ބާބުލްއަވަލީއާއި މެހި ޖެހިފައިވާ ގޮށުގެ ތެރެއިން ސަލަފީން މެދުވެރިކޮށް ޔާމީނު ކުޑަގޮޅިއަށް ފޮނުވުމުގެ ހީލަތްތެރި މަސައްކަތް ސިއްރުން މުއިއްޒު ކުރާކަން ނޭނގޭނީ އެހެން ބަޔަކާ ގުޅިފައި ނެތް ނަމަތާއެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ޒަމްޒމް އަޒީބެގެ ދައުރެއް ނެތުމަށް ވުރެ ގާތީ އޮތުމެވެ. ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.
މާލެ ސިޓީ މޭޔަރަކަށް ހޮވުމުން މުއިއްޒުގެ ހިތް އަރާ އޮތީ އާސުމާނުގައެވެ. މާކަންވާ މީހަކަށް ވެގެން ސިނަމާލެ ބުރިޖުގެ ކްރެޑިޓް ޔާމީނަށް ދޭތީ ފިސާރި ތުންފިއްތާކަން ހޮދު ޔާމީނަށް ވެސް އެނގިވަޑައި ގަނެއެވެ. 25 ބުރީގެ ޓަވަރުތަކާއި ސިނަމާލެ ބުރިޖުގެ މިލްކު ވެރިއަކީ މުއިއްޒު ކަމަށް ސަލަފީން ގެ ބަޔަކު ގައިމު ބުނާނީ ކަމެއް ވެގެންތާއެވެ.
މާލެ ސިޓީ މޭޔަރު ކަމުގައި ހުރެގެން މާލެ ސިޓީގެ ކުރިއެރުމަށާއި މާލެ ސިޓީގައި އުޅޭ މީހުންގެ ލުއި ފަސޭހައަށް އަޅާ ތިލަމާލެ ބުރިޖްގެ މަސައްކަތް ހުއްޓުވަން ވެސް އެހުރީ ހިފާލާފައެވެ. ކުރީގެ ރައީސް ޔާމީނަށް ކެންޕެއިން ކުރާނަމުގައި ކްރެޑިޓް ނެގުން ނޫންކަމެއް މުއިއްޒު ނުކުރެއެވެ.
އަނެއް ކޮޅުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާ ކެރޭނެއް ވެއްޓި ދެރަކަންކަން ދިމާވުމަުން މާލޭ މޭޔަރ އުޅެގަތް ގޮތުން ޕްލެޓްފޯމް ފަރަށް އެރުމުގައި މޭޔަރ މުއިއްޒުގެ އަތެއް އޮތްކަމަށް ބުނާ މީހުން އެބައުޅެއެވެ. ދެރަކަންކަން ދިމާވުމަކީ މަސައްކަތުގެ މާހައުލުގާ އާކަމެއް ނޫނެވެ. ބުޅިކެނޑެނީ ކެޔޮޅުންގެ އަތުންނެވެ. ދެރަކަންކަން ދިމާވަނީ ކޮންމެހެން ބައެއްގެ ނާގާބިލު ކަމަކުން ނޫނެވެ. ގަސްތުގައި ހަސަދަވެރި ބައެއްގެ ރޭވުމުން ވަރަށް ބޮޑެތި ދެރަ ލިބިފައި ހުންނަނީ މަދެއްކޮށް ނޫނެވެ. އެކަމަކު އެކަމުން ވެސް މުއިއްޒު އުފައްދަނީ ފިތުނައެވެ.
ޕްލެޓްފޯމް ފަރަށް އެރުމުގައި މުއިއްޒުގެ އަތެއް ނެތްނަމަ ޖަހާ ތަނބެއް ޕްލެޓް ފޯމެއް ހަރުނުލާ އޮޔާދާ ކަމަށް ބުނެ މީހުން އެއްކޮށްގެން ޖަގަހަ ޖަލްސާގައި މަލާމާތެއް ނުކުރީހެވެ. އެކަމުން މުއިއްޒުގެ ނިޔަތް ވަރަށް ސާފެވެ. މާލެ ސިޓީގެ ހެވާ ލާބަޔަށް ކޮންމެ ބަޔަކު ކަމެއް ކުރިޔަސް އެއްބާރުލުންދީ ހަދަން މަތިވެގެން ހުރެ ފުރައްސާރަ ކުރަން އެންމެ ތާހިރީ މާލޭ މޭޔަރު މުއިއްޒެވެ.
ތަރައްގީ އޮޔާ ހިނގައްޖެއޭ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ނުދޭނަމޭ ބުނާއިރު ފުރަތަމަ ދައުރެއް ރައީސް ސޯލިހަށް ލިބިވަޑައިގަތީ މުއިއްޒު ހޯދާދިން ވޯޓަކުން ނޫނެވެ. ވެގެން ވިއްޔާ ޔާމީނަށް ވެސް މުއިއްޒުގެ ވޯޓަކީ ހަރާން އެއްޗެކެވެ.
ތަރައްގީ އޮޔާ ގޮސްގެން އުޅޭކަމަށް ވާހަކަ ދައްކާއިރު މުއިއްޒަށް މާލޭ ސިޓީ ކައުންސިލުން ސްޓާފް ނައިޓް ބާއްވާ ގަހުގެ ވިޔަފާރިކޮށް ޕާކިން ސްލޮޓް ވިއްކެނިކޮށް ހެވެވެ. އޭރުން އެ ހުރީ ތަރައްގީ ކޯދުލާ އަރައަރައެވެ. މުއިއްޒުގެ ތަރައްގީގައި ނުހުންނަނީ މިސްކިތްތަކުގެ ކަރަންޓްބިލާ ފެންބިލް ދައްކާނެ ފައިސާއެވެ. އެކަމަކު ސަލަފް މީހުން ބޮލަށް ޗިޕް ޖަހައިގެން ކުޅެނީ ދީނީ ކާޑެވެ.
ތިންރުއް ޕާކާއި ރަސްފަންނު ފަނާވެ ދާއިރު މަރާމާތަށް ހޭދަކުރާނެ ސިޓީކައުންސިލްގައި ފައިސާ ހުންނަ ކަމަކަށް ނުވެއެވެ. އެ ތަންތަން އާބާތުރަ ފިލުވާނެ ފައިސާ ނެތަސް ބޭރު މަގުގައި ބޮޑު އަގުގައި ކަދުރު ރުއް ގަނެގެން ގެނެސް ސަލާމަތް ނުވާހާ ބޮޑު އަގަކަށް އަމިއްލަ ޖީބަށް ބައިއަޅާ ގޮތަށް ރައްޓެހި ބަޔަކަށް ދީގެން ރުއްބުޑު ގައުފޮޅު ރާނަން ހަރަދު ކުރާނެ ފައިސާ ހުރެއެވެ.
ހިތުން ރައީސުލްޖުމްހޫރިއްޔާ ހެދިގެން މޭޔަރު މުއިއްޒު ސިޓީ ކައުންސިލުގައި ހިންގާ ފަސާދައިގެ ވާހަކަ މި ފަހަރު އަދި ދައްކާކަށް ނެތީމެވެ. އެ އެޕިސޯޑް އޮތީއެވެ. މުއިއްޒާ ގުޅުވައިގެން ހަރުތާކު ޖެހެންދެން ހުއްޓާނުލާ ދައްކަން އޮތް އެއް ވާހަކައަކީ މާލޭގައި ފާލުން ނައްޓައިގެން އުޅޭ ބިދޭސީންގެ ކަންކަން މުއިއްޒަށް ހައްލު ކުރަން ނޭނގުނު ވާހަކައެވެ. ގަވައިދާ ހިލާފަށް މާލޭގައި ފާލުން ނައްޓައިގެން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގާ ބޮޑު ފޭއްޔަކުން ފޭލިވެ ކަތިވަޅި ޖެހި ހިސާބު ފެންނަ ވަރަށް މުއިއްޒު ބަރަހަނާ ވެފައި ހުރި ވާހަކައެވެ.
އިހައްދުވަހު މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސިޓީކައުންސިލް ޒިންމާއިން ރެކެން ދެއްކި ބަހަނާއަކީ ކޮވިޑްތެރޭގައި ކުރީގެ ކައުންސިލުން ހެދި ސާވޭއެއްގެ ވާހަކައެވެ. އެއީވެސް މުއިއްޒު އައިފަހުން ހެދި ސާވޭއެއް ނޫނެވެ. އެހެން ނޫނަސް ސާވޭއެއް ހަދާ ރެކަމަންޑޭޝަން ތަކެއް ދިނުމުން ސިޓީކައުންސިލްގެ ޒިންމާ އަދާކުރެވުނީ ކަމަށް ވާނެހެއްޔެވެ. ނުވާނެއެވެ. ނޭވަޔަކު ދެކޮޅު އަނގަ ފުރާފައި ސަރުކާރުގެ މުއައްސަސާތައް ފެލިވެފައިވާ ކަމަށް ދޭހަވާ މޭރުމުން މުއިއްޒު ވާހަކަ ދެއްކުމުން މުއިއްޒު ފޭލިނުވެ ހުރިކަމަކަށް ވެސް ނުވާނެއެވެ. އެހެން ބައެއްގެ ބޮލުގައި އިލްޒާމު އަޅުވައިގެން ކަންކަމުން ރެކެން ނުހަދާށެވެ.
ގާނޫނާއި ހިލާފަށް 200 ވިޔާފާރިއެއް މާލޭގައި ބިދޭސީން ކުރާކަމަށް ތަންކޮޅެއް ކުރީން ސިޓީކައުންސިލުން ބުނެފައިވެއެވެ. މިހާރު އެ އަދަދު ހުރީ ކިހާ ވަރަކަށް ކަން ސިޓީކައުންސިލަށް އެނގޭ ހެއްޔެވެ. އެކަން ބަލަން އަނެއްކާ ވެސް ސާވޭ އެއްހަދާފައި ނަތީޖާއާއި ރެކަމަންޑޭޝަން އަވަހަށް ފޮނުވާށެވެ. އޭރުން އެ އޮތީ ޒިންމާ އަދާކުރެވިފައެވެ. އެވަރުގެ ސަވޭއެއް ހަދާލަން ކިއްކުރާ ސިޓީ ކައުންސިލެއް ހެއްޔެވެ. ކުދި ބަޔަކަށް ސައި ދީފައި އެކަން ކުރަން ހަވާލު ކުރިޔަސް ބުނި ގޮތަކަށް ސާވޭކޮށް އެއްދުވަހުން ވެސް އެކަން ކޮށް ނިންމާލާނެއެވެ.
ނެތިގެން އުޅެނީ ސާވޭ ކުރާނެ ސިޓީ ކައުންސިލެއް ނޫނެވެ. ޒިންމާދާރު މަސައްކަތެއް ކުރާނެ ސިޓީ ކައުންސިލެކެވެ. ސިޓީ ކައުންސިލަކީ ފެޑަރަލް ސަރުކާރަކަށް ހެދިގެން މޭޔަރ ރައީސުލްޖުމްހޫރިއްޔާއަށް ވެގަނެގެން ސަރުކާރުގެ ސިޔާސަތުތައް އޯވަރޓޭކްކޮށް ފުށުންޖަހާ ސަރުކާރު ހިންގަން ދަތިކުރުމަކީ ލާމަރުކަޒު ވުމެއް ނޫނެވެ.
އޮޅެގެން ނޫޅޭށެވެ. ސަރުކާރަށް އެއްބާރުލުން ދޭންޖެހެނީ ސިޓީ ކައުންސިލުންނެވެ. ރައްޔިތުންގެ ވޯޓަކުން ސިޓީ ކައުންސިލް ހޮވަނީ ދައުލަތުގެ ތެރޭގައި އިދިކޮޅު ސަރުކާރެއް އުފައްދާ ސަރުކާރަށް ދަތިކޮށް ހިންގުން ހުއްޓުވާކަށް ނޫނެވެ. އެއްބާރުލުން ދީގެން ކާމިޔާބު މަސައްކަތް ތަކެއްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދާށެވެ. އަންނަން އޮންނަ އިންތިހާބެއް އިދިކޮޅަށް ކާމިޔާބުކޮށް ދިނުމަށް ޖާގަ ހަދާކަށް ނޫނެވެ.