ސްޓެލްކޯ ގްރޭޓްމާލޭ ބެކަޕް ޕަވަރ ޕްލާންޓް
ބެކަޕް ޕަވަރ ޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް
ގްރޭޓާ މާލޭ އެމަޖެންސީ ބެކަޕް ޕަވަރ ޕްލާންޓުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލައިފިއެވެ. ހުޅުމާލޭގެ ބާ އިންޖީނުގޭގައި ގާއިމުކޮށްފައިވާ މި ބެކަޕް ޕަވަރ ޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓްއެވެ. ސްޓެލްކޯ ބެކަޕް ޕަވަރ ޕްލާންޓް ގެ މަސައްކަތް ކުރީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.
މަސައްކަތް ކުރިއަށް ގެންދިޔައީ އަތޮޅުތެރޭގައި ހުންނަ އެކުންފުނީގެ އިންޖީނުގެ ތަކާއި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގައި ތިބި އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ހާއްސަ ޓީމަކުންނެވެ. މަސައްކަތަކީ ބުރަ އަދި އެހާމެ އަވަހަށް ކޮށް ނިންމާލި މަސައްކަތެކެވެ.
ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހާއްސަކޮށްގެން ހެދި ބެކަޕް ޕަވަރ ޕްލާންޓުގެ ސަބަބުން ކަރަންޓް ދިނުމުގައި ދިމާވާ ކުއްލި މައްސަލަތައް ހައްލުވެ ހުއްޓުމެއް ނެތި ކަރަންޓު ފޯރުކޮށް ދެވޭނެ ކަމުގެ ޔަގީންކަން ސްޓެލްކޯއަށް ކަށަވަރުކުރެވިއްޖެ ކަމަށް މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއެވެ.
ބެކަޕް ޕަވަރ ޕްލާންޓްގެ ބޭނުން ހިފަނީ މިހާރު ހުރި ތިން ޕަވަޕްލާންޓުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުންވާ ނަމައެވެ. ނުވަތަ އިމަރޖެންސީއެއް ދިމާވެއްޖެ ހާލަތެއް ގައެވެ. އިންޖީނެއް ހުއްޓުމާއި މެއިންޓެނަންސަށް ނަގާ އިންޖީނުތަކުން ދެމުން އަންނަ ކަރަންޓްގެ އުނިކަން ފޫބެއްދުމަށް ބެކަޕް ޕްލާންޓްގެ ބެނުން ހިފަނެއެވެ.
ހުޅުމާލޭގައި ގާއިމްކުރި އެމެޖެންސީ ޕަވާރ ޕްލާންޓުގެ މަސައްްކަތް ނިންމާލީ އެއް މަސް ދުވަހުންނެވެ. ސްޓެލްކޯގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު މިއީ ފުރަތަމަ ފަހަރެވެ.