ރިޒާވް 1.13 ބިލިއަން ޑޮލަރުގަ! ރައްޔިތުން ކަރުތާފެނުގަ!

ރިޒާވް 1.13 ބިލިއަން ޑޮލަރުގަ! ރައްޔިތުން ކަރުތާފެނުގަ!

ރައީސް މުއިއްޒެވެ. ދިވެހި ސަރުކާރެވެ. އޮޅުވާލަން ނުހައްދަވާށެވެ. ދައުލަތުގެ ރަސްމީ ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށް އުފުލިގެން ބައިސާ ކެނޑުމަކީ ބޮޑު އޮޅުވާލުމެކެވެ. އަނގަފުރާ ކޮންމެ ވާހަކައެއް ދެއްކެވިޔަސް ދިވެހިރާއްޖޭގެ އިގުތިސޯދަށް އިތުބާރެއް ނެތެވެ. ބޭރު ފައިސާ ދައުރުވާ މިންވަރު ހަރުދަނާ ވެގެނެއްވެސް ނުދެއެވެ. 

ދައުލަތުގެ ރަސްމީ ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިގެން ރައްޔިތުންގެ ލޮލުގައި އަޅުވަން އުޅޭ އަދުނުގެ ހަގީގަތް ދަންނަ މީހުން ބައިވަރެވެ. މާތް ކަލާކޯއެވެ. އެންމެންނަކީ ގަމާރުންނެއް ނޫނެވެ. ޖުމްލަ ރިޒާވް އާއި ބޭނުން ކުރެވޭ ރިޒާވްއަކީ ކޮންއެއްޗެއްކަން އޮޅިގެން ބަޔަކަށް އުޅުނަސް ގިނަ މީހުނަށް ވާނުވާ އެނގެއެވެ. 

ޖުމްލަ ރިޒާވް އަކީ އެމް.އެމް.އޭ ގައި ރައްކާކުރެވިފައިވާ ބޭރު ފައިސާގެ މުޅި ޖުމްލަ ކަމާއި ބޭނުންކުރެވޭ ރިޒާވް އަކީ ދައުލަތުން ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްފަހު، ބާކީ ހުންނަ ފައިސާގެ މިންވަރުކަން ނޭނގޭނީ މަދު މީހަކަށެވެ. އެހެން އެކަން އޮއްވާ ޖުމްލަ ރިޒާވްގެ އަދަދު ބިލިއަނުން ހުރިކަން ދައްކައިގެން އާންމުން ރުއްސަން އުޅުމަކީ، އޭގެ ހަގީގީ މާނަ ނޭނގޭ މީހުންނަށް ކަންކަން އޮޅުވާލުމަށް ކުރާ ކަމެކެވެ.

ބޭރުގެ ދަރަނިތަކާއި، ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ނުވަތަ އެނޫންވެސް ބޭރުގެ މާލީ އިލްތިޒާމްތައް އަދާކުރުން ފަސްކޮށް، ނުވަތަ އެ ދަރަނިތައް އަލުން ތަރުތީބުކޮށް ނުވަތަ ދެއްކުމުގެ މުއްދަތު އިތުރުކޮށްފިނަމަ އެ ފައިސާ އަދަދުތައް ހުރި ފައިސާގެ ގޮތުގައި ހިސާބުތަކުން ފެންނަން ހުންނާނެއެވެ. ނަމަވެސް، އެއީ އަދާކުރަންޖެހޭ ޒިންމާތަކުގެ ނިމުމެއް ނޫނެވެ. އެ ޒިންމާތައް ހަމަ އެގޮތުގައި ދެމިއޮންނާނެއެވެ.

ދައުލަތުގެ ރަސްމީ ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިގެން މަތިހަށި ނަގާއިރު ހަގީގަތަކީ ރާއްޖެ މިދަނީ އިގްތިސާދީ އަޑިގަނޑަކަށެވެ. ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް ގައުމުގައި މާލީ ހަމަޖެހުމެއް އިގްތިސޯދީ ހަމަޖެހުމެއް ނެތެވެ. ހަމަ ޖެހުމެއް އަތުވެދާނެ ކަމުގެ ކުލަވެސް ނުފެނެއެވެ. މިދާ ބާރުމިނުގައި ކަންކަން ގޯހުން ގޯހަށް ދާނަމަ ހަގީގަތުގައިވެސް ހިތިބޭސް މިފަހަރު ރައްޔިތުން ބޯންޖެހޭނެއެވެ. ކުރިއަށް އޮތްތާ ބޮޑުތަނުން ދަތިވާނެއެވެ. މިހާރުވެސް ރައްޔިތުން ތިބީ ކަރުތާފެނުގައެވެ.