މުއިއްޒަށް ނޫސްވެރިކަން ސައިޒެއް ނުކުރުވޭނެ!

ފުރުސަތުނެތް ކޮންމެ މީހަކަށް ހީރަސް ނިއުސް ގައި ޖާގަ އޮންނާނެ

މުއިއްޒަށް ނޫސްވެރިކަން ސައިޒެއް ނުކުރުވޭނެ!

މައުލޫމާތާ ހަބަރު ފަތުރާ ސައިޓްތައް ވެރިކަމަށް ފާޑުކިޔާތީ ބްލޮކް ކުރެވިދާނެއެވެ. ނޫސްތައް އުވާލާ ނޫސްވެރިން ސަސްޕެންޑް ވެސް ކުރެވިދާނެއެވެ. ނޫސްވެރިންނާ ހިޔާލު ފާޅުކުރާ މީހުން ހައްޔަރު ވެސް ކުރެވިދާނެއެވެ. ބްލެކްމޭލުކޮށް ފްރޭމު ވެސް ކުރެވިދާނެއެވެ. ނޫސްވެރިންނަށް ހަމަލާދީ ޒަހަމްކޮށް އަތްފައި ބުރިކޮށް މަރާ ވެސް ލެވިދާނެއެވެ. ނަމަވެސް އިދިކޮޅު ފިކުރު ފުހެއެއް ނުލެވޭނެއެވެ. ދުލާ ގަލަމުގެ ބާރު ކަނޑުވައެއް ނުލެވޭނެއެވެ. ތަފާތު ހިޔާލު މަރައެއް ނުލެވޭނެއެވެ.

އިހުތިރާމާއި ލޯތްބާ އިއްޒަތަކީ އޮބި އަޅައިގެން ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. ކަމެއް ގޯސްކޮށް ކުރީމާ އެކަމެއް ކުރިބަޔަކު ގޯސްނުވެ ގޯސްވަނީ އެ ވާހަކަ ދައްކާ މީހާއެވެ. ބުރިކުރަން އުޅެނީ އެވާހަކަ ދައްކާ ދުލެވެ. އަތުލަން އުޅެނީ އެވާހަކަ ލިޔާ ގަލަމެވެ. ބްލޮކް ކުރަން އުޅެނީ އެ ވާހަކަ ހާމަކުރާ ސައިޓެވެ. އުވާލަން އުޅެނީ އެ ވާހަކަ ދައްކާ މީޑިއާއެވެ. ގޮށްމުށުގެ ވެރިއެއްގެ ކިބައިން އެންމެ ބޮޑަށް އެންމެ އަވަހަށް ފާޅުވަނީ އެސިފައެވެ.

ތަން މިނަށް ލިބިއޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ވެރިކަން ހޯދުނީމާ ބިރު ގަންނާނެއެވެ. ހެދުނުހާ ވަގާ ދޮގާ މަކަރު ފަޅާ އަރަންޏާ ފައިތުރުތުރު އަޅާނެއެވެ. ހީލަތާ މަކަރުން ޕާޓީ ޓިކެޓް ފޭރިގަނެ ބަޔަކު މީހުންގެ ރޫހީ ލީޑަރ ބަންދުގައި ހުރުމުން ހިތްދަތި ކަމުގައި ތިބި ވަގުތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެމީހުންގެ ހިތްދަތިކަމަށް ތަސައްލީ ހޯދާދިނުމުގެ ދޮގު ވައުދުން ހޯދި ބާރުގެ ހަގީގީ ސިފަ ފާޅުވާން ފެށީމާ ހަޖަމެއް ނުވާނެއެވެއެ. ހުސްގޮނޑިއާއި ހިޔަނީގައި ހުރި ބޮޑު ފޮޓޯގެ ހަދާން މީހުނަށް އައުކޮށްދޭ ވަރަކަށް ރުޅި ގަދަވާނެއެވެ.

ދޮގުރެހުން ހުއްޓާ ނުލާ ފެތުރިހާ ދޮގުގެ ޖާދޫގައި ދުނިޔެ ރަންވީ މީހުންގެ ލޮލުގައި ބަނދެވިފައިވާ ކަނު މޮހެވި ލޯހުލުވާ ލެވުނުއިރު އޮޅުކޮށްގެން ގެއަށް ލައިގެން މިތިބެވެނީ ގެރިހަން ލައިގެން އޮތް މިނިކާ ވަގެއްކަން އެނގެން ފެށީމާ ވައްވައް ޖަހާނެއެވެ. އަތުޖެހުނު މީހަކު ވީދާ ނޮޅާ ކައި ހުސްކޮށްލާނެއެވެ. އެހެން ނޫނީ މިނިކާވަގު މިނިކާ ވަގަކަށް ނުވާނެއެވެ.

މުއިއްޒު ވެރިކަން ހޯދުމަށް ފަސާދަ އުފައްދަން ބޭނުންކުރީ މީޑިއާއެވެ. ކުރީ ސަރުކާރުގެ އެސްއޯއީ ތަކުން އެތަންތަން މާރކެޓް ކޮށްދޭން ފައިސާ ނަގައިގެން އެކަންނުކޮށް އޭރުއޮތް ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި މީޑިއާތަކާ ދެކޮޅަށް އޭރުއޮތް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައެވެ. އޭރު މީޑިއާ ތަކުން ކުރީ ކުރާނެ ކަމެކެވެ. ދެއްކީ ދައްކާނެ ވާހަކައެވެ. ކުރީ ސަރުކާރުން އެކަން ހަޖަމު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޑީލްހަދައިގެން މުއިއްޒު ކެބިނެޓްގެ ވަޒީރުކަމަށް ދަންދެން މީޑިއާ ހެޑުން އެތިބީ ހޯދައިގެނެވެ. 

މީޑިއާ އެބިއުސްކޮށްގެން ވެރިކަމަށް އެރިގޮތަށް އަރާ ދިމާކުރީ ތަފާތު ފިކުރުެ މީޑިއާ ތަކާއި ނޫސްވެރިން ފުޑާލާށެވެ. އެންމެ ފުރަތަ ހަމަލާ ދިޔައީ ޕީއެސްއެމް ނިއުސް ހެޑް އަފްސަލް އަށެވެ. އެންމެ ފަހުން Dhiyavaru.com އާއި kurusee.com އަށެވެ. ކުރިކަންތައް ހަލާލުކޮށް ދިފާއު ކުރަން ސަރުކާރުން ނިކުތީ ޗީފް ސްޕޯކްސް ޕަރސަން ޝަހީބެވެ. ވިދާޅުވީ ގަވައިދުން ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް މީޑިއާ އަކަށް ފިޔަވަޅު ނާޅާ ވާހަކައެވެ.

ކިތަންމެ އޮފެއް ކޮށްގެން ހަމަޖެހޭ ހިތްތިރި ރަހުމަތްތެރި ކަމެއް ދައްކައިގެން ހުއްޓަސް ޝަހީބަކީ ބްރޮޑްކަމްގެ ރައީސަކަށް ހުރެ މީޑިއާތައް މިލިޔަނުން ލައްކައިން ޖުރުމަނާކޮށް ބަންދުކުރަން އުޅުނު މީހެއްކަން ހަނދާން ނެތޭހާ ނޫސްވެރިން ހަނދާން ބައްޔެއް ނޫނެވެ. ތިމާ ނޫން އެހެން މީހުންނަކީ ނޫސްވެރިކަމުގެ އުޑެއް ބުޑެއް ނޭނގޭ މީހުން ކަމަށް ހަދައިގެން އުޅުނު ފިސާރި މަވެތި މީހެއްކަން ނޭގޭ އެކަކު ނެތެވެ. އެފަދަ މީހެއްގެ ފަރާތުން ނޫސްވެރިކަމަށް ހެވެއް ރަނގަޅެއް ވެދާނެ ކަމަކަށް ދެކޭނެ ނޫސްވެރިއަކު ރާއްޖޭގައި ހުންނާނެއެކޭ ހިތަކަށް ނާރައެވެ. 

އެކަކުވެސް ފަހަތަށް ނުޖެހޭށެވެ. ފާޑުކިޔާށެވެ. މައުލޫމާތު ހިއްސާ ކުރާށެވެ. ފުރުސަތު ނެތިގެން ބުނަންޖެހޭ ވާހަކަ ނުބުނެ ނުހުންނާށެވެ. ބަޔަކަށް ފޮޅިއެކޭ ހީވިޔަސް ފުރުސަތުނެތް ކޮންމެ މީހަކަށް ހީރަސް ނިއުސް ގައި ޖާގަ އޮންނާނެއެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ކޮންމެ ވާހަކައެއް އިޖުތިމާއީ މިންގަޑަށް ފެތޭ ގޮތަށް މި ނޫހުން ފޯރުކޮށް ދޭނަމެވެ. މަސްދަރު ރައްކާތެރި ކޮށްދެވޭނެ ކަމުގެ ކަށަވަރުކަން ވެސް ދެމެވެ.