މީޑިއާ ކޮންޓްރޯލް ބިލް އުފަންކުރީ ޗެނަލް 13 ބަންދުކުރަން

މީޑިއާ ކޮންޓްރޯލް ބިލް އުފަންކުރީ ޗެނަލް 13 ބަންދުކުރަން

މީޑިއާ ކޮންޓްރޯލް ގާނޫނަކީ އަބުރު ރައްކާތެރި ކުރުމުގެ ހެޔޮނިޔަތުގައި ވުޖޫދުކުރި ގާނޫނެއް ނޫނެވެ. އަބުރު ރައްކާތެރި ކުރުމުގެ ނިވަލުގައި ގާނޫނެއް އުފަންކޮށްގެން ކުރަން އުޅޭކަމަކީ ވަކި މީޑިއާތަކެއް ވުޖޫދުން ފުހެލުމާއި ބައެއް މީޑިއާ ވާގި ނައްތާލުމެވެ. 

މިނިވަން މީޑިއާ ނައްތާލުމުގެ އިސް މޭސްތިރިއަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަހުމަދު ނަޒިމް ކަމަށް ބެލެވެއެވެ. ނާޒިމް އެހާބޮޑަށް އެކަމަށް ބޭނުންވަނީ ކީއްވެހެއްޔެވެ. 

ނާޒިމަކީ ރައީސް ޔާމިނު ވެރިކަމަށް އައުމުގެ ކުރީން ރައީސް ޔާމީނުގެ މިތުރުގެ ގޮތުގައި މަޝްހޫރު ވެފައިވާ މުޅި ރާއްޖެ ދަންނަ މީހެކެވެ. ތަފާތު ޕްރެޝަރތަކާ ހުރެ ވެރިކަމަށް އަންނަން މަސައްކަތް ފެށި ހިސާބުއްސުރެ ރައީސް ޔާމިނަށް މިތުރު ނާޒިމާ ފެޔަށް ޖެހެން މަޖުބޫރު ވިއެވެ. އަދި ރައީސް ޔާމީނު ވެރިކަމުގައި ނާޒިމުގެ ސިޔާސީ ބާރު މުޅިން ކަނޑުވާލާ 25 އަހަރަށް ޖަލަށްލުން ވެގެން ދިޔައީ އެ ދެ މީހުންގެ ހަސަދަވެރިކަމުގެ ހުޅުފަޅައިގެން ދިޔަކަމަށެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި ނާޒިމް ޖަލުން ސަލާމަތްވެ ޕީޕިއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް މުއިއްޒަށް ޖަހައިގަތުމުގެ މާސްޓަރ މައިންޑަކީ ވެސް ނާޒިމު ކަމަށް ސިޔާސީ މުފައްކިރުން ބުނެއެވެ.

މުއިއްޒަށް މުޅި ޕީޕިއެމް ދަމައިގަނެވުނު ނަމަވެސް ޗެނަލް 13 އަތުލައެއް ނުގަނެވެ. ޗެނަލް 13 ވީ ޔާމީނުގެ މައުތު ޕީސްއަށެވެ. މުއިއްޒަށް ސިޔާސީ ގޮތުން އެންމެ ގެއްލުންދޭ ޗެނަލަކަށް ޗެނަލް 13 ވުމަކީ މުއިއްޒަށާއި ނާޒިމަށް ހަޖަމުކުރެވޭ ކަމަކަށް ނުވިއެވެ. 

އެހެން އެކަން އޮއްވާ ޗެނަލް 13 އިން ގެނެސްދިން " ބެލްކަނި " ވީޑިއޯ ރިޕޯޓް ވެގެން ދިޔަޢީ މިނިވަން މީޑިއާ އުލުބައިންދަން ނަމިރާ ނާޒިމް ތެދުވަން ޖެހުނު ސަބަބަށެވެ. ޗެނަލް13 ބަންދުނުކޮށް ނަމިރާ ނާޒިމަށް ހަމަނިދި ނުނިދޭނެ ކަމަށް ބުނެއުޅެއެވެ.