ރައީސް އެންމެ އިސްކަންދެއްވީ އެއްބައިވަންތަކަމަށް

އެއްބައިވަންތަކަން ގާއިމު ކުރެވޭނީ ތަފާތު ކުރުން ނައްތާލައިގެން

ރައީސް އެންމެ އިސްކަންދެއްވީ އެއްބައިވަންތަކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އިސްކަން ދެއްވީ މުޖްތަމައުގައި ސުލްލްހަވެރިކަން ގާއިމު ކުރުމަށާއި ދިވެހިން އެއްބައިވަންތަކޮށް އެކުވެރި ކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމަށެވެ. އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އިރު އޮތް އެންމެ އުނދަގޫ ކަމަކަށް ވެވަޑައިގަތީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން މުޖްތަމައުގައި އަމާންކަމާއި ސުލްހަވެރިކަން ގެއްލިފައި އޮތް އޮތުމެވެ. އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ވަރަށް އަސަރާއި އެކުގައެވެ.

ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި އާންމުންގެ މެދުގައި ސުލްހަވެރިކަމާއި އެއްބައިވަންތަކަން ގާއިމު ކުރެވޭނީ ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި ތަފާތު ކުރުން ނައްތާލައިގެންނެވެ. ހަމަހަމަކަމާއި އެކު ހިދުމަތްތައް ފޯރުކޮށް ދީގެންނެވެ. އެހެން ނޫނީ ސުލްހަ މަސަލަސްކަން ގާއިމު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ މުޖްތަމައުގައި ސުލްހަވެރިކަން ގާއިމުކުރެއްވުމަށާއި ދިވެހިން އެއްބައިވަންތަ ކުރެއްވުމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް އެއްބައިވަންތަކަން ގާއިމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ދުވަހެކެވެ. އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެއްޓެވި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ، ވަކި ރަށެއް ތަފާތު ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތެއް ފޯރުކޮށްދެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން އަސާސީ ހިދުމަތް ތަކުން މަހުރޫމްވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާތީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ހިދުމަތްތައް އެންމެ ފުރިހަމައަށް ގާއިމުކޮށް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.