2018ގައި އޮތް ހާލަތަށް އިޔާދަ ކުރަން ދެން ނޫޅޭ
160އަށްވުރެ ގިނަ ރަށާ ފެނަކަ މައިއޮފީހަށް 7000 މުއައްޒަފުން ވެސް މަދު
ރަށުގައި ތިބެ އަދާކުރާނެ ވަޒީފާ ނުހުންނަ ވާހަކަ ސިޔާސީ ގޮތުން ކަން ބޮޑުވާ ކަމެއްގެ ގޮތުގައި އެއިރަކު އޮންނަ ސަރުކާރެއްގެ ވާދަވެރިން އަބަދުވެސް ދައްކައެވެ. ރައީސް ސޯލިހު އެ ޝަކުވާތަކަށް ނިމުމެއް ގެނެވޭތޯ ގިނަގުނަ މަސައްކަތް ކުރެއްވިއެވެ. ކާމިޔާބު ތަކެއްވެސް ހާސިލު ކުރެއްވިއެވެ.
ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުޅާދާއިރާއެއްގައި ގާއިމު ކުރައްވަން ފެއްޓެވި އެއްސަބަބަކީ ވެސް ރަށްރަށުގައި އަނބިދަރީން ކައިރީގައި ތިބެގެން ގިނަ ބަޔަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ. އަސާސީ ހިދުމަތްތައް ފުޅާކޮށް އެހިދުމަތްތައް ދިނުމަށް އެކަށީގެންވާ ވަރަށް ވަޒީފާ އުފައްދާ އެ ވަޒީފާތަކަށް އެރަށަކުން ގިނަ ބަޔަކަށް ވަޒީފާ ދިނުމަކީ ރަށްރަށުގެ އިޖުތިމާއީ ހަމަޖެހުން އިތުރު ވެގެން ދިޔަކަމެކެވެ. މުއައްޒަފުންނަށް ހައްގު ޗުއްޓީތަކާ ލުއިތައް ދީގެން ހިދުމަތަށް ބުރޫ ނާރުވާ ހިދުމަތް ދެވޭ ގޮތް ހެދުމެވެ.
އަރިއަތޮޅާއި މާލެއަތޮޅާއި ފެލިދެ އަތޮޅާއި މާލެ ސިޓީ ނޫން މީހުން އުޅޭ ހުރިހާ ރަށެއްގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ފެނަކަ ކޯޕަރޭޝަންގެ ޒިންމާއެކެވެ. މިދައްކަނީ އެއްރަށެއް ދެރަށެއްގެ ވާހަކައެއް ނޫނެވެ. 160އަށްވުރެ ގިނަ ރަށުގެ ވާހަކައެވެ.
2018 ވަނަ އަހަރު ރައީސް ސޯލިހުގެ ވެރިކަން ފެށުނުއިރު އެއިން ކޮންމެ ރަށެއްގައި ފެނަކައިން ދެމުން އައީ ކަރަންޓްގެ ހިދުމަތް އެކަންޏެވެ. ވަކި ދެތިން ރަށެއްގެ ނަރުދަމައާއި ފެނުގެ ހިދުމަތް ދެމުން އައެވެ. ހުރިހާ ހިދުމަތެއްހެން ދެމުންއައީ އަމާކީތީ ފަރަށްދާ އުސޫލުންނެވެ.
ކަރަންޓުގެ ހިދުމަތް ދެވެނީ ބަލިމީހަކަށް އައިވީ ދޭ ގޮތަށެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ކެނޑެއެވެ. ރެޔާއި ދުވާލު ދެވޭ ކަރަންޓްގެ ހިދުމަތް ދިނުމަށް ކޮންމެ ރަށެއްގައި ތިބެނީ ދެތިން މީހުނެވެ. އެމީހުން ތިބެނީ ދެވަރުން އެއްވަރުވެ ހަކަތަ ހުސްވެފައެވެ.
މުޅި ރާއްޖޭގެ ބޮޑު ބަޔަކަށް އަސާސީ ހިދުމަތް ދޭން މުޅި ރާއްޖޭގައި ތިބެނީ ފެނަކަ ކުންފުންޏަށް ނިސްބަތްވާ އެންމެ 2756 މުއައްޒަފުންނެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދީ ފެސިލިޓޭޓް ކޮށްދިނުމަށް މާލޭގައި ހުންނަ ފެނަކަ މައި އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުން ވެސް ހިމެނޭ ގޮތުންނެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި އެހުރިހާ ރަށްރަށުގައި ހުރި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރައްވާ ފެނަކައިގެ މަސައްކަތުގެ މާހައުލު ތަނަވަސް ކުރެއްވިއެވެ. ކޮންމެ ރަށެއްގައިވެސް ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ބުރަޔަކަށް ނުވާވަރަށް އެ ރަށަކާ އެކަށީގެންވާ ވަރަކަށް ހިދުމަތްދޭ މުއައްޒަފުން އިތުރު ކުރެއްވިއެވެ. ކަރަންޓްގެ އިތުރަށް ފެނާއި ނަރުދަމާގެ ހިދުމަތް ރަށްރަށުގައި ގާއިމުކޮށް އެ ހިދުމަތްތައް ދިނުމަށް ވެސް މުއައްޒަފުން ހާއްސަ ކުރެއްވިއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 4،623 ވަޒީފާ އިތުރަށް އުފައްދަވާ ރަށުގައި އަނބިދަރިން ކައިރީގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށްދެއްވިއެވެ.
2023 ވަނަ އަހަރު (މިއަހަރު)ގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް ފެނަކާގައި 7,379 މުވައްޒަފުން ތިބިގެން މާބޮޑަށް ހާސްވެގެން އުޅޭކަށް ނުޖެހެއެވެ. 160 ރަށަށްވުރެ ގިނަ ރަށެއްގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވެ ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުވެ ހިނގައިގަތުމަކީ ގެއްލުމެއް ނޫނެވެ. އެޔާއެކު އެރަށް ރަށުގެ އިގްތިސާދީ ހަރަކާތް ތަކަށް ހަކަތަ ލިބި ހިނގައި ގަންނާނެއެވެ. ރަށުތެރޭގައި އެނބުރޭ ފައިސާ އިތުރުވެ ފުދުންތެރިކަން އިތުރުވާނެއެވެ.
2018 ވަނަ އަހަރު އޮތް ހާލަތަށް ކަންކަން އިޔާދަ ކުރަން ދެން ނޫޅޭށެވެ. ރަށްރަށުގައި އަދާކުރާނެ ވަޒީފައެއް ނެތޭ ބުނެ ކުރި ޝަކުވާތައް އެކޮޅުކޮޅުން ޖަހާ މުއައްޒަފުން މާގިނައޭ ކިޔައިގެން ޝަކުވާ ނުކޮށްބަލާށެވެ. ރަށްރަށުގެ މީހުނަށް ވަޒީފާ ލިބޭތީ ބަޔަކަށް ހަސަދަވެރި ވެވެނީ މާ ބޮޑަށެވެ. މިހާރު ދެން ވެރިކަންވެސް ބަދަލުވީއެވެ. ގާއިމު ކުރަން ފަށާ ނުނިމިހުރި އަސާސީ ހިދުމަތްތައް ނިންމާ އަދިވެސް އިތުރަށް ވަޒިފާ އުފައްދާ ރަށްރަށުގެ އިގްތިސާދީ އިންޖީނު ހުއްޓުނަނުދީ އިތުރަށް މަސައްކަތް ކުރަން އުޅެބަލާށެވެ.