މަސްކިރާތާ 48ގަޑިއިރުން ދޭންބުނި ފައިސާނުދޭތީ ނައިފަރު މަސްވެރިން ހަނާވަނީ
އެއް ދޯންޏެއްގެ 16 ބިލަށް 2 މިލިއަން ރުފިޔާ ސަރުކާރުން ނުދޭ
މަސްވެރިން މަސް ކިރާތާ 48 ގަޑި އިރު ތެރޭގައި މަހުގެ ހަމައަގު މަސްވެރިންނަށް ދޭނެކަމަށް މި ސަރުކާރުން ފޮނިކެނޑިއެވެ. މަސްވެރިކަމާ ބެހޭ ވަޒީރު ނައިފަރު ޝިޔާމު މަސްވެރިކަމޭ ކިޔައިގެން އަނގަދިޔާ ކުރާތީ ފަކުރު ގަނެއެވެ. މަސްވެރި ރަށަކަށް އުފަން ޑައިވަރަކަށް ފިޝަރީޒް މިނިސްޓަރުކަން ލިބުނީމާ މޮޅުތަކެއް ވާނެ ކަމަށް ބަޔަކު ހީކުރިއެވެ.
މުއިއްޒު ސަރުކާރުގައި ރައްޔިތުންނަށް ދަރާފައި ނުބާއްވާނެ ކަމަށް ބުނެ އެންމެ އަޑުގަދަކުރާ އެކަކީ މަސްވެރިކަމުގެ ވަޒީރު ނައިފަރު ޝިޔާމެވެ. ޝިޔާމަށް އެނގެނީ މަޖިލީހުގައި ވަދު އަޅައިގެން ރިޝްވަތު ކަންނެލި ބާނާށެވެ. މެންބަރުން ގަންނަން އެތައް މިލިޔަން ރުފިޔާއެއް މިސަރުކާރުން ހަރަދުކުރިއިރު މަސްވެރިން ތިބީ ބޭނި މަސްކޮޅަށް އަގުނުލިބިގެން އަނގަޔާ އަތާ ދިމާނުވެ ނިހާއީ ބިކަހާލުގައެވެ.
ނައިފަރަށް ނިސްބަތްވާ މީހަކު މަސްވެރި ވަޒީރުކަމުގައި ހުރެ ނައިފަރު މަސްވެރިންނަށް އަގު ނުދެވޭ ސަރުކާރަކުން ރާއްޖޭގެ އެހެން މަސްވެރިންނަށް އަގުދޭނީ ކިހިނެއް ހެއްޔެވެ. މިނިސްޓަރަށް ގުޅޭ ނަމްބަރާއި ގުޅާނެ ގޮތް އެނގޭ ގުޅާ މެސެޖްކޮށް އުދަނގޫކުރާ ނައިފަރު މީހުނަށް ހޯދާ ނުދެވޭ ފައިސާއެއް ޝީޔަމަށް އެހެން ބަޔަކަށް ހޯދައެއް ނުދެވޭނެކަން ގައިމެވެ.
ހައްގު ތެދެކެވެ. ނައިފަރު މަސް ދޯންޏަކުން މި ސަރުކާރަށް ގަތް މަހަށް ފައިސާ ނުދޭ 16 ބިލު އެބައޮތެވެ. ފައިސާ ލިބެންޖެހޭ 16 ބިލަށް ސަރުކާރުން ދައްކަންޖެހޭ ރުފިޔާގެ މިންވަރު 2 މިލިއަނަށް ވުރެގިނައެވެ.
ނައިފަރު އޮޑިވެރިޔަކު މައުލޫމަތު ދިން ގޮތުގައި އެންމެ ފަހުން އޭނާގެ ދޯނީގެ މަސް ބިލަކަށް ސަރުކާރުން ފައިސާ ދީފައިވަނީ ހުސްވި ޑިސެމްބަރ މަހު ނުވައެއް ގައެވެ. ޑިސެނމްބަރު މަހު ނުވައެއްގައި އެދިން ފައިސާއަކީ ނޮވެންބަރ 11 ވަނަ ދުވަހު ކިރި މަސް ބިލަށްވާ 179000.00 ރުފިޔާއެވެ. އޭގެ ފަހުން 16 ބިލުގެ ފައިސާ އެއޮތީ ނުދައްކައެވެ. މަސްކިރާތާ 48ގަޑި އިރު ތެރޭގައި މި ސަރުކާރުން ފައިސާ ދޭގޮތް ކިހާ ތާހިރުހެއްޔެވެ.
ކިރާ މަހަށް ފައިސާ ނުލިބިގެން މަސްވެރި އާއިލާތައް ތިބީ ގޮތް ހުސްވެފައެވެ. މަސްކިރާތާ 48 ގަޑިއިރުން ދޭން ބުނި ފައިސާ ނުލިބި އޮޑި ދޯނިފަހަރު މަހަށް ފުރުވޭކަށް ނެތެވެ. މަސްވެރި އާއިލާތަކު އަނގަޔާ އަތަކާ ދިމައެއް ނުވެއެވެ. ހަލާލު މަސައްކަތުން ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ބައްކޮށްލައިގެން ފައިސާ ނުދީ ތިބޭކަށް ނައިފަރު ޝިޔާމުމެން ލަދެއް ހަޔާތެއް ނެތެވެ. ނައިފަރުގެ އެންމެ ދޯންޏަކަށް މިސަރުކާރުން މިހާލު ޖައްސާލާފައިވާއިރު އެހާލުގައި އުޅެނީ ކިތަކަށް މަސްވެރި އާއިލާ ހެއްޔެވެ.