މިއަދަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: ރައީސް ސޯލިހު
މިއަދަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެހެން ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަން ކުއްވެރި ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޖިލީހުގައި ރައީސް މުޢިއްޒު، އެ މަނިކުފާނުގެ ޕާޓީއަށް ލިބިފައިވާ ސުޕަރ މެޖޯރިޓީ ބޭނުން ކުރައްވައިގެން، "މީޑިއާ ކޮންޓްރޯލް ބިލު" ކަމަށް ކިޔާ ބިލެއް އަވަސް އަވަހަށް ފާސްކުރައްވައިފި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. " މިއީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ނިމުމަކަށް އައުމުގެ ނިޝާނެއް" ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވެއެވެ.
ނޫސްވެރިންނާއި، އިދިކޮޅު ޕާޓީތަކާއި، މީޑިއާ ޖަމްޢިއްޔާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އަދި ޢާންމު ރައްޔިތުންގެ އިހުތިޖާޖުތަކާ ދެކޮޅަށް، މި ބިލު މަޖިލީހުން ފާސްކުރެވުނު ރޭވުންތެރި ގޮތުން، ސަރުކާރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ދެއްވާ އަހައްމިއްޔަތުކަން ކުޑަކަން ހާމަވެގެންދާ ކަމަށް ވެސް ކުރީގެ ރައީސް ސޯލިހު ވިދާޅުވިއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކުރެވޭ ފުރައްސާރައަށް ބޯނުލަނބާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމްޑީޕީން ހުރިހާ ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި ސިޔާސީ ހައްގުތަކަށްޓަކައި ސާބިތުކަމާއެކު ކުރިއަށްދާނެ ކަމާށާއި ނުހަނު ބާރަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.