ބަތާހަރާމީން ހަނދާން ނައްތާލައިގެން މުއިއްޒެއް ނުހުއްޓުވޭނެ!

މުއިއްޒުގެ ނުފޫޒާ ގޮށްމުށު ބާރުން ރައްޔިތުންގެ މަޖިލީހުން ކޯޓްތަކުގެ ގާނޫނަށް އިސްލާހުގެނެސް ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލަނީއެވެ. ޖުޑިޝަރީ އިސްލާހުކުރުމަށް އަވަސްއަރައިގަނެގެން ކުރަން އެނޫންކަމެއް މުއިއްޒަކަށް ނުފެނުނެވެ. އަބަދުވެސް އެންމެވެސް ކަންބޮޑުވެގެން އުޅެނީ ޖޭއެސްސީގެ ކޮމްޕޮސިޝަން އޮންނަ ގޮތަށެވެ. ސިޔާސީ ނުފޫޒުން ކަޅިވެފައި ޖޭއެސްސީ އޮންނާތީއެވެ. އެކަމަކު ވެރިކަން ލިބުމުން މުއިއްޒަށްވެސް ޖޭއެސްސީ އިސްލާހު ކުރާކަށް ނުފެނުނެވެ. އިސްލާހެއް ނުކުރެވުނެވެ. މަޖިލީހާއި ޖޭއެސްސީ ބޭނުން ކޮށްގެން ކުޅެންފެށީ ސްޕްރީމް ކޯޓާއެވެ. ފަނޑިޔާރުންނާއެވެ.
ޝަރީއަތާއި ޖުޑީޝަރީގެ އެއްވެސް ތަޖުރިބާއެއް ނެތް ނަމުން ގާނޫނީ ވަކީލެއް ކަމުގައިވާ ގުރައިދޫ ކުޑަ ރިޒާ ޖޭއެސްސީގެ ރައީސް ކަމުގައި ބައިންދައިގެން ރާއްޖޭގެ ޝަރުއީ ނިޒާމް އެދަނީ މުއިއްޒު ފުޑާލަމުންނެވެ. މާ މާތް މީހަކަށް ހެދިގެން އިލްމީ މަސައްކަތް ކުރާކަމަށް ދެއްކިގެން ފޮރުވެގެން ހުރެ މުއިއްޒުގެ މުށުތެރެއަށް މުޅި ޖުޑިޝަރީ ލާދޭން އިސްކޮށް މަސައްކަތްކުރާ މީހަކީ ޖޭއެސްސީގެ ރައީސް ހުސައިން ރިޒާއެވެ.
ބޭބެ (މަޝްހޫރު ލޯޔަރ އިބްރާހީމް ރިޒާ) ނިޔާވުމުގެ ފައިދާ ނަގައިގެން ހަމްދަރުދީގެ ވޯޓުން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ހޯދައިގެން ޖޭއެސްސީގެ ރައީސް ކަމަށް ވެގެން އެހުރި ރިޒާއަށްވުރެ ވަކީން ނުބައި ނުލަފާ މީހަކު މަދީތާއެވެ. ޝަރުއީ ނިޒާމް މުއިއްޒު ބޭނުން ގޮތަކަށް ބައްޓަންކޮށް ދިނުމަށް ބަންޑާރަ ނައިބު ކަމުގައި ހުރި އުޝާމާ ގުޅިގެން ފަނޑިޔާރުންނާ ކުޅެނީ ގުރައިދޫ ކުޑަ ރިޒާ ނޫން ދެވަނަ މީހެއްނޫނެވެ.
މަޖިލީހުން މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ގާނޫނު އަސާސީން ދިން އިސްލާހުގެ މައްސަލައިގެ އަޑުއެހުމެއް ސްޕްރީމް ކޯޓުގައި މިއްދަށް ތާވަލްކޮށްފައި ވަނިކޮށް ސްޕްރީމް ކޯޓުން އެއްފަހަރާ 3 ފަންޑިޔާރުން މިއަދު ސަސްޕެންޑް ކޮށްލުމުން ގުރައިދޫ ރިޒާގެ ހަގީގީސިފަ ފާޅުވީއެވެ. އެއްޔަކީ އިއްތިފާގެއް ނޫނެވެ. ދުރާލާ ރޭވިގެން ހިންގާލި ޖަރީމާއެކެވެ. ކުއްލިޔަކަށް ސްޕްރީމް ކޯޓުން 3 ފަނޑިޔާރުން ސަސްޕެންޑް ކުރިކުރުމަކީ މުއިއްޒުގެ އޯޑަރަށް އުޝާމާއި ނަމިރާ ނާޒިމާއި އިހުސާނުގެ ރޭވުމަށް ގުރައުދޫ ކުޑަ ރިޒާ ޖުޑިޝަރީއަށް ދިން އުދުވާނީ ހަމަލާއެކެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނަ ވާހަކއަކީ ދޮގެއް ނޫނެވެ.
މުއިއްޒު ބޭނުންވާ ގޮތަށް ޖޭއެސްސީގެ ތަހުގީގުތަކާއި ނިންމުންތައް ރާވާ ހިންގާ ލޮބީކޮށް ކޯޑިނޭޓް ކުރަނީ ސީދާ ގިރައިދޫ ހުސައިން ރިޒާއެވެ. މުއިއްޒުގެ މުށުތެރެއަށް ޝަރުއީ ނިޒާމާއި މުޅި ގައުމު ވައްޓާލަދެމުން ދަނީ ގުރައިދޫ ހުސައިން ރިޒާމެން ކަހަލަ ގައްދާރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަމުގައި ރައްޔިތުންގެ ވަކީލުންގެ ސިފައިގައިތިބެ ރައްޔިތުންނަށް ހަރާންކޯރުވާ މުއިއްޒުގެ ޕަޕެޓުންނަށް ވެފައިވާ ބަތާހަރާމީންގެ ވާހަކަ ނުދައްކާ މުއިއްޒު ފަހަތަށް ޖައްސާ ސައިޒެއް ނުކުރެވޭނެއެވެ.