އިޒްރޭލުގެ ބްލެކްލިސްޓުން ރާއްޖެއަށް މުއިއްޒު ޖާގަހޯދައިފި
އިޒްރޭލް ޕާސްޕޯޓް ބޭން ނުކޮށް ބޭންކުރި ނަން އެޅި އަވަދިވީ.
ރައްޔިތުންގެ ޕްރެޝަރާ ހުރެ ރައްޔިތުންގެ މަޖިލީހުން އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް ރައީސް މުއިއްޒަށް ދެންނެވިތާ 7 މަސްވަނީއެވެ. ގާނޫނީ ހުރަސްތަކެއް ހުރި ކަމުގެ ބަހަނާގައި އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ނުހުއްޓުވާން ސަރުކާރުން ލައްކަ މަސައްކަތް ކުރިއެވެ. ރައްޔިތުންގެ ޕްރެޝަރަށް ކެތްނުވެގެން އެންމެފަހުން ސަރުކާރުން ހިތުން ބޮލުގެ އެއްޗެއް ހެދީއެވެ. ހެދި ބޮލުގެ އެތި ގޮވީ އަތަށެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބައްވާ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމާގުޅޭ ކަންކަން ކުރަން ވަޒީރުންގެ ކޮމެޓީއެއް ހެދިއެވެ. ވަޒީރުންގެ މަޖިލީހުގެ އެ ޖަލްސާއަށް ފަހު ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމަތު ދިނީ ރާއްޖޭން އިޒްރޭލު ޕާސްޕޯޓް ބޭންކުރަން ނިންމިކަމަށެވެ.
ދެނަކާ ދެނެއްނެތެވެ. މުޅި ދުނިޔޭގައި މީޑިއާގެ ފަލަސުރުހީއަށް ރާއްޖޭން އިޒްރޭލް ޕާސްޕޯޓް ބޭންކުރިކަމަށް އަޑުފެތުރި ނިމިއްޖެއެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރާކަން ރައްޔިތުންނަށް އެނގެއެވެ. މުޅި ދުނިޔެއަށް އޮތީ ރާއްޖޭން އިޒްރޭލް ޕާސްޕޯޓް ބޭން ކުރިކަމަށް އަޑުއަރުވާފައެވެ. ގެރި ވެވަށް ވެއްޓި ނިމުނީއެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ނުކޮށް ބޭންކުރި ނަން އެޅި އަވަދިވީއެވެ.
ދިވެހިރާއްޖެއިން އިޒްރޭލް ޕާސްޕޯޓް މަނާކުރި ކަމުގެ އަޑު މުޅި ދުނިޔެއަށް އަރުވާ އިންތިހާ ދަރަޖައިގެ މުނާފިގުކަން ދެއްކިއިރު ކަމުގެ ނާޒުކުކަން ކުޑަކޮށްވެސް ވަޒަން ކޮށެއްނުލައެވެ. ހަގީގަތް ފޮރުވައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ހަދައިފިއެވެ.
އިޒްރޭލް މަނާކުރަން އުޅޭގޮތް ރައްޔިތުންނަށް ދެއްކުމުގެ ގޮތުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ސަރުކާރުގެ ސްޕަރމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް އެއޮތީ ފޮނުވާފައެވެ. ރައްޔިތުން އިންތިހާ ދަރަޖައަށް ބޭނުންވެގެން އުޅޭތީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށްޓަކާ އެ މައްސަލަ މަޖިލީހަށް ހުށަހެޅިތާ މަހަކަށްވުރެ ގިނަވީއެވެ. ކުރަން އުޅޭ ކަމެއްނަމަ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލު އޮތް މަޖިލީހަކުން އެކަން ނުކޮށް 24 ގަޑިއިރުވެސް ނުބޭއްވީހެވެ. ނުނިންމާ ލަސްކޮށް ފަސްކުރަނީ ކުރަން ބޭނުން ނެތިގެންނެވެ. ކުރަން ބޭނުންވިޔަސް ކުރެވެން ނެތިގެންނެވެ.
އިޒްރޭލް ޕާސްޕޯޓް ބޭން ނުކޮށް އޮތުމުން ވާނެ މޮޅެއް މިހާރަކު ނެތެވެ. މުޅި ދުނިޔޭގެ މާލީ ނިޒާމާއި އިގްތިސޯދު ކޮންޓްރޯލު ކުރަނީ ޔަހޫދީންނެވެ. ޔަހޫދީންގެ ނުފޫޒުނެތް ވިޔާފާރިއެއް ސިނާއަތެއް ދުނިޔޭގައި މަދެވެ. މުޅި ޔޫރަޕާއި އެމެރިކާއާއި އިންޑިއާ އާއި މުޅި އަރަބި ދުނިޔޭގެ މައްޗަށް ޔަހޫންދީންގެ ބާރާއި ނުފޫޒު އޮތްވަރު ނޭނގޭ ކުޑަ ކުއްޖަކުވެސް މަދުވާނެއެވެ. އިޒްރޭލުގެ ބްލެކްލިސްޓުގެ ލައްކަ މަތިން މުއިއްޒު ރާއްޖެއަށް ޖާގަ ހޯދައިދީފިއެވެ.
ރަނާއި ރިއްސާއި ތެލާއި ޖަވާހިރާއި ގޭހާއި ފައިސާއާއި މީހުން އޮތް ބިޔަ ބޮޑެތި އިސްލާމީ ގައުމުތަކަށް ކުރަން ނުކެރިގެން އުޅޭއިރު އަތެއްފައެއް ނުހެލޭ ދަރަނިން ބޯހިކެންނެތް ދިވެހިރާއްޖެއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ކަންދައްކަންވެސް ހުސްއަތާ އަލިފާނުގައި ހިފީމާ އަތްފިހުން ނޫންކަމެއް ނުވާނެއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރިކަމަށް މުޅި ދުނިޔެއަށް އަޑުއަރުވާފައި ނިކުމެ ބައިހަދާފައި ގޮސް އެމެރިކާއާއެކު އިގްތިސާދީ އެހީތެރިކަން ހޯދާ ވާހަކަ ދެއްކުމަކީ ރުނބާ މުށިން ބާލަން އުޅުން ކަހަލަ ކަމެކެވެ. މުނާފިގުކަން ނުދައްކާ ރައްޔިތުންނަށް ކަންކަން ސާފުކޮށްދީގެން ހަގީގަތާ ކުރިމަތިލާން ގަންނަނީ ހާދަހާ ބިރެކެވެ.