ހަރަދު ކުޑަކުރަނީ ސިޔާސީވެރިންގެ ޖީބު ބޮޑުކޮށްގެން!
ނެތިގެން އުޅެނީ އިސްލާހު ކުރުމުގެ ނިޔަތް
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށްބުނެ މާލީ ވަޒީރު ފޮންޏެއް ކަނޑާނެ ކަމެއް ނެތެވެ. ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރު ބޮޑުވީ ހަރަދު ކުޑަކުރަން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިގެން ކަމަށް ބުނެ އެހެން ބައެއްގެ ބޮލަށް ކަނޑާލަން ނުހަދާށެވެ. ވެރިކަމާ ހަވާލުވެގެން ތިޔަ ތިބީ ކަންކަން ރަނގަޅު ކުރާނެ ކަމުގެ ދޮގު ވައުދުވެގެން ނޫންހެއްޔެވެ.
ގައުމު އޮތް ހިސާބުން އިސްލާހީ ފިޔަވަޅުތައް އަޅަން ޖެހޭކަން ނޭނގިގެން އުޅެނީ ކާކަށް ހެއްޔެވެ. ނެތިގެން އުޅެނީ އިސްލާހު ކުރުމުގެ ނިޔަތެވެ. ކެރުމެވެ. ހިތްވަރެވެ. ދައުލަތުގެ މުއައްސަސާތަކަށް ގެންނަންޖެހޭ ރިފޯމްތައް ގެނެސް ހަރަދު ކުޑަކުރުމުގެ އަޒުމުގައި ހުރި ވާހަކަ ދައްކަނީ އަނގައިންނެވެ. ހަބަރު ސުރުހީ ހެދުމަށެވެ. އަމަލު ހުރީ ދިމާ ދެކޮޅަށެވެ.
އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ކުރިމަތިވާނެ ކަންކަމާއެކު ޕީއެސްއައިޕީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް މާލީ ވަޒީރު ބުނުމުން ހަރަދު ކުޑަކުރަން ކަމެއް ކުރުމުގެ ނިޔަތް ނެތްކަން ވަރަށް ސާފެވެ. ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމުގެ ވާހަކައިގެ ކުރިއަށް ސިޔާސީ ގޮތުން ކުރިމަތިވާނެ ކަންކަމަށް ހަރަދު ކުރާނެ ކަމުގެ ވާހަކަ ބުނުމުން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ވިސްނުން ނެތްކަން މާ ރަނގަޅަށްވެސް އެނގިގެން ދެއެވެ. އެހެން އެކަން އޮވެގެން ކުޑަކުރެވޭނެ ރިކަރަންޓް ހަރަދަކާ ކެޕިޓަލް ހަރަދެއް ނުއޮންނާނެއެވެ.
ސިޔާސީ ގޮތުން ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރާ ބަޔަކަށް ކުޑަކުރެވޭނީ ކޮން ހަރަދެއް ހެއްޔެވެ. އާމްދަނީ ހޯދަން ބިނާކުރަނިވި ކަމެއް ނުކުރެއެވެ. ބާޓާ އުސޫލުން ފަޅުތަކާ ބިންތަކާ ބަހާ ނަގަނީއެވެ. ދައުލަތަށް އާމްދަނީ ހޯދުމަށްވުރެ އިސްކަންދެނީ ސިޔާސީންގެ ޖީބުތައް ފުރާލުމަށެވެ.
އަނެއްކޮޅުން ސިޔާސީ މަގާމުތައް ދިނުން އެންމެ ތަންފުކެއްވެސް މަދެއް ނުކުރެއެވެ. ދެތިން ހާހަށްވުރެ މިހާރުވެސް ދީގެން އުޅޭ ސިޔާސީ މަގާމު މަދެއް ނޫނެވެ. ޑުބްލިކޭޓް ކުންފުނިތައް އުފެއްދުމުގައިވެސް ހައްދެއް ނެތެވެ. އެކަމަކު ދައްކަނީ މުއައްސަސާތައް ރިފޯމް ކުރުމުގެ ވާހަކައެވެ.
ދައުލަތަށް އާމްދަނީ ހޯދަން ކަނޑަނީ ރައްޔިތުންގެ ޖީބެވެ. ކިރާ މަހަށް މަސްވެރިންނަށް އަގެއް ނުދެއެވެ. ވަޒީފާއިން ވަކިކުރަނީ ރަށްފުށު ދެރަވަރު ނުއައްޒަފުންނެވެ. އެކަމަކު ބިލިޔަނުން ހޭދަކޮށްގެން ހޯދަނީ ޑްރޯނެވެ. ކަނޑާލަން ރާވަނީ ފެނާ ކަރަންޓާ ކާޑުގެ ސަބްސިޑީއެވެ. އުނިކޮށްލަން އުޅެނީ ރައްޔިތުންނަށްދޭ ބޭސްފަރުވާ ކުރާ އާސަންދައިންނެވެ. ވަކިކުރަން ރާވަނީ ސިވިލް ސާރވިސް މުއައްޒަފުންނެވެ. ބޮޑުކުރަން ހިފަނީ މުދަލާއި ހިދުމަތުގެ ޓެކްސްއެވެ. ހުރިހާ ދެރައެއް ނިކަމެތި ރައްޔިތުންނަށެވެ. ފުފެނީ ސިޔާސީވެރިންގެ ޖީބެވެ.