މުއިއްޒު އުޅެނީ އަޒުލު ނުކޮށްގެން

ގާނޫނާ ހިލާފު ކަންކަމަށް ގާނޫނީ ހަމަ އަޅުވައިގެން މުއިއްޒު ދައުލަތް ފާލުން ނައްޓުވާލަނީ

މުއިއްޒު އުޅެނީ އަޒުލު ނުކޮށްގެން

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކު ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވުމަކީ އެމީހަކު މަގާމުން އެއްފަރާތް ކުރަން ޖެހޭ ސަބަބެކެވެ. ރައީސް މުއިއްޒާ މެދު އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ރައްޔިތުންގެ އިތުބާރު މިހާ އަވަހަށް ވަނީ ގެއްލިފައެވެ. ގާނޫނު އަސާސީއާ ކަނޑައެޅިގެން ދަނީ ހިލާފުވަމުންނެވެ. ފާޅުކަން ބޮޑުކޮށެވެ. މުއިއްޒު ގާނޫނު އަސާސީއާއި ގާނޫނުތަކާ އެހާވަރަސް ހިލާފު އެވަނީ މުއިއްޒު ގެންގުޅޭ ގާނޫނީ ޓީމް ރާވައިގެން މުއިއްޒަށް ދޭ ކެއްސަކުން ނޫންބާއޭ ހިތަށް އަރައެވެ. 

ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް އެމަގާމުގައި ހުރެ ކުރާ ގާނޫނާ ހިލާފު ކަންތައް ތަކުން ފަހުން ރެކިގަނެ މުއިއްޒު ބޮލަށް ކަނޑާލަން ކުރާކަމެކޭ ވެސް ހާދަ ހީވެއެވެ. ގާނޫނާ ހިލާފު ކަންކަމަށް ގާނޫނީ ހަމަ އަޅުވައިގެން މުއިއްޒު ލައްވާ ދައުލަތް ފާލުން ނައްޓުވާ ލާނީ އެހެންވެ ތާއެވެ. މުއިއްޒު ބޭނުންވާ ގޮތް ހަލާލު ކުރަން ދުސްތޫރީ ނިޒާމް ހާރުވާނީ އެހެން ވެތާއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ވަޒީރެއްގެ ގޮތުގައި ހުރެވޭނީ ރައީސް އައްޔަނުކޮށް އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބި ވަޒީރުކަމުގެ ގާނޫނީ ހުވާކޮށްގެންނެވެ. އައްޔަނުކޮށް ހުވާ ކުރިޔަކަސް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ މީހަކަށް ވަޒީރުކަމެއް ނުކުރެވޭނެއެވެ. ގާނޫނު އަސާސީ ބުނާ ގޮތަކީ އެއީއެވެ. ވަޒީރު ކަމަށް މީހަކު އައްޔަނުކޮށް ހުވާކޮށްގެން ވަޒީރުކަމުގައި އެމީހަކަށް ހުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. 

ޑރ. ޝަހީމާއި ޑރ. ހައިދަރާއި އަހުމަދު އުޝާމް ވަޒީރުންގެ މަޖިލީހުގައި މިހާރު އެތިބެނީ ގާނޫނާ ހިލާފަށެވެ. އެތިން މީހުންނަކީ ވެސް އެ މީހުން މިހާރު އެ އަދާކުރާ މަގާމުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ބައެކެވެ. މަތިމައްޗަށް އައްޔަނު ކޮށް ހުވާ ކުރުވިޔަސް އެ ވުޒާރާތަކުގެ ވަޒީރުންގެ ގޮތުގައި އެ ތިން މީހުންނަކަށް ނުތިބެވޭނެއެވެ. ބައިތިއްބައިގެން ވެސް ނުވާނެއެވެ. އެއީ ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފަށް ރައީސް މުއިއްޒު ކުރާކަމެކެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނީ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށް ރައީސަށް ފޮނުވުމުން ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤު ކުރާން ވާނެ ކަމަށް ގާނޫނު އަސާސީ ބުނެއެވެ. އެބިލު ތަސްދީގުނުކޮށް ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ފެންނަ އިޞްލާޙަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމަކީ ރައީސަށް އޮތް ގާނޫނީ ބާރެކެވެ. 

ގާނޫނު އަސާސީގެ 91 ވަނަ މާއްދާ: ބިލު ތަޞްދީޤުކުރުމާއި އަލުން ވިސްނުމަށް އަނބުރާ ފޮނުވުން

(ހ) ރައްޔި ތުންގެމަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާން ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލުތަޞް ދީޤުކުރާން ވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާން ވާނެއެވެ.

(ށ) ރައަޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއް ޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާންވާނެއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއާޔާ ތަޞްދީޤު ކުރުމަށް ފޮނުވާ ބިލެއް ތަޞްދީޤުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށަ ނުވަތަ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައި ފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމަށް ބަލައި ، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާންވާނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއް ޖެނަމަ، އެ ބިލެއް ރައީސުލް ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަން ރައީސަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ.

މިހެން މިކަން އޮތް އިރު ރޯދަމަހު އިންތިހާބު ނުބާއްވާ ގޮތަށް އިންތިހާބާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ފާސްކޮށް ތަސްދީގު ކުރަން ފޮނުވުމުން ތަސްދީގުނުކޮށް އަނބުރާ ފޮނުވުމުން އެބިލު އެއްވެސް ބަދަލެއް ނުގެނަސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެވަނީ ފާސްކޮށްފައެވެ. އެ ހިސާބުން ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަން ރައީސަށް މަޖުބޫރު ވާނެއެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ މިހާރު 80 އެވެ. 87 ކަމަށް ބެއްޔަސް އެބިލް ފާސްކުރީ 47 މެންބަރުންގެ ވޯޓުން ކަމުން ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތު ލިބެއެވެ. 87 މެންބަރުގެ އަގުލަބިއްޔަތަކީ 44 އެވެ. އެހެން ކަމުން ރައީސް މުއިއްޒަށް އެބިލް ޖެހޭނީ ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރާށެވެ. މިއަދު މަޖިލީހުން ފާސްކުރި ރޯދަމަހު އިންތިހާބު ނުބާއްވާ ބިލް ތަސްދީގު ނުކޮށްފިނަމަ އެކަން ވާނީ ރައީސް މުއިއްޒު ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވީ ވުމަކަށެވެ.

އެނގި ހުރެ ގަސްދުގައި ގާނޫނު އަސާސީ މުއިއްޒު ހިލާފުވަމުން މިދަނީ އަޅެ ކީއްވެގެން ހެއްޔެވެ. އެހާވެސް ފިއްތުން ބޮޑީހެއްޔެވެ. ވެރިކަމަކީ ހީކުރި ވަރަށް ވުރެ ބުރަ ބޮޑު ކަމަކަށް ވީހެއްޔެވެ. ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރިގެން އެއްވެސް ތަނެއް ނުފެންނަނީ ހެއްޔެވެ. ނޫނީ މަކުނު ސައްކެޔޮ ގަހަށް އެރިގޮތަށް ނުފޭބުނުހެން ނަގޫ ފިތިގެން ނުފޭބިފައި ހުރީ ހެއްޔެވެ. އުޅޭ ވައްތަރުން ހީވަނީ މުއިއްޒު އުޅެނީ އަޒުލު ނުކޮށްގެން ހެންނެވެ.