މިސައިލާ ކްލާސްޓަރބޮމާ ބޮންއަޅާ ބޯޓް ނުހޯދާތަ!

އެއްކަލަ 116 ބިލިއަން ރުފިޔާގެ ދަރަނި އަދާވީތަ!

މިސައިލާ ކްލާސްޓަރބޮމާ ބޮންއަޅާ ބޯޓް ނުހޯދާތަ!

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ވަރަށް އިތުބާރާ އެކު ޑރ. މުއިއްޒު ރައްޔިތުންގެ ކުރި މައްޗަށް ހުއްޓި ވަޑައިގެން ހުންނަވާ ވިދާޅުވީ " ތިޔަ ބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ހުއްޓި މިހުރީ، ނިކަން ހުތޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި" ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ވަޅުގަނޑަކީ ރައްޔިތުންގެ އުންމީދު ތަކާއި ރައީސް މުއިއްޒު އެކުލަވާލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާއި ދެމެދުގައި އޮތް ވަޅުގަނޑެއް ކަމަށެވެ. 

17 ނޮވެންބަރު 2023 ދުވަހު ކުރުކޮށް ސާފުކޮށް އެ ވިދާޅުވެ ދެއްވީ އެ އޮތް ވަޅުގަނޑެއްގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް މުއިއްޒު ސަރުކާރަށް ހާސިލު ކޮށްދެއްވެން ނެތް ވާހަކައެވެ. ދިވެހިރާއްޖޭގެ އިޤުތިޞާދު އެ ދުވަހު ވެއްޓިފައި އޮތް ފުން އަނދަވަޅުން އަރައިގަނެގެން ރައްޔިތުންނަށް ހިދުމަތެއް ކޮށްދެވޭނެ ވަރު ނުވާނެ ކަމަށް ވިދާޅުވީ މުޅި ދުނިޔެއަށް އިވޭ ވަރަށެވެ. މުއިއްޒު ދިވެހި ދައުލަތާ ހަވާލުވެ ވަޑައިގެން އިރު 119 ބިލިއަން ރުފިޔާއަށް ދިވެހި ދައުލަތުގެ ދަރަނި އަރާފައި އޮތްކަމަށް އަސަރާއެކު ވިދާޅުވިއެވެ. ރާއްޖޭގެ މުޅި މާލީ ޙަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަންޏަކީ އެއީ ކަމަށް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވިއެވެ. 

އަސަރާއެކީ ރައީސް ދެއްކެވި ވާހަކަފުޅު ތަކުން ރައީސް އަރިހުން އެއްވެސް ކަމަކަށް އުންމީދު ނުކުރެވޭ ވަރަށް އެ ދުވަހު ރައްޔިތުން މާޔޫސް ކޮށްލެއްވިއެވެ. ދަރަނި އަދާކުރުން ނޫން އެއްވެސް ކަމެއް ސަރުކާރުން ކުރަން އޮވެދާނެ ކަމަކަށް ރައްޔިތުންނަށް ގަބޫލެއް ނުކުރެވެއެވެ. 

އާމްދަނީ ހޯދަން ކުރަން މަޖުބޫރު ކަމެއް ނޫނީ ސަރުކާރުން ނުކުރާނެ ކަމަށް ގަބޫލު ކުރެވުނެވެ. އިސްރާފް ކުޑަކޮށް ކުރިއަށްވުރެ ބޮޑުތަނުން ދައުލަތުގެ ހަރަދު ކުޑަކުރާނެ ކަމަށް ބެލެވުނެވެ. ވަޒީރުންނާއި ސިޔާސީ މަގާމުތައް މަދުކޮށް އާމްދަނީ އިތުރު ކުރެވެން ހުރި ކަންކަމަށް ނޫނީ ލޯލާރިއެއް ވެސް ހަރަދު ނުކުރާނެ ކަމަށް ޔަގީން ކުރެވުނެވެ. ސަރުކާރު ކުޑަކޮށް ކޮމެޓީތަކާއި ބޯޑްތައް މަދުކޮށް ކުންފުނިތައް މާރޖުކޮށް ގަވަރނަންސް ވަރުގަދަ ކުރާނެ ކަމަށް ބެލެވުނެވެ. އިސް ސަފަށް ގާބިލު މަދު ބަޔަކު ލައިގެން އެފެސެންޓް ކުޑަ ސަރުކާރެއް އޮންނާނެ ކަމަށް އުންމީދު ކުރެވުނެވެ.

މަނިކާ ރޯއްޖާއެވެ.! ކަން ކުރަނިއްޔަކީ އެހެންނަކުން ނޫނެވެ. ބައި ބޮޑު ކުރަން ނުކުރާ އެއްކަމެއް ނެތެވެ. ގިނަވެގެން ދިހަވަރަކަށް ވަޒީރުން ލައިގެން އެކުލަވާލެވެން އޮތް ސަރުކާރެއް އެކުލަވާލީ 22 ވަޒީރުން ލައިގެންނެވެ. ވަޒީރުންނަށް ވުރެ މަތީން ސީނިއަރ މިނިސްޓަރެކެވެ. ވަޒީރުން ފެންވަރުގައި ތިރީހަކަށް މީހުންނެވެ. ސްޓޭޓް މިނިސްޓަރުން ސަތޭކައާއި ކައިރި ކުރަނީއެވެ. ވަޒީރުންގެ ނައިބުން ދުއިސައްތައަށް އަރަނީ އޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. ރަސްމީ ދަފްތަރަށް ނާރާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންގެ ހިސާބެއް އަދަދެއް ނޭގެއެވެ. ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކަށް އައްޔަނު ކުރާ ސިޔާސީ މަގާމް ތަކުގެ އަދަދެއް އަމްދުން ނޭނގެއެވެ. 

ދެން އޮތީ ކުންފުނިތަކެވެ. ކުރިއްސުރެވެސް އޮތްހާ ދިރުން ނެތް ކުންފުނިތައް ބާއްވައިގެން ކުންފުނިން ކުންފުނި އުފައްދަނީއެވެ. ކޮންމެ މިނިސްޓްރީއަކާއި މުއައްސަސާއަކުން ކޮލެޖު ތަކާއި އެކަޑަމީ ތަކާއި ރިސަރޗް ސެންޓަރ އުފައްދަނީ ފަތުއަޑު ކިޔާފައެވެ. ހައްޖު ކޯޕަރޭޝަނާއި ޒަކާތު ހައުސްއާއި ނަން ހުސްކޮށް މުއައްސަސާތަކާއި ބޯޑްތަކާއި ކޮމެޓީތަކާއި ކުންފުނި އުފެއްދުން ނޫން ކަމެއް މުއިއްޒުގެ ނެތެވެ. ހައްތަހާ ވެސް ދައުލަތުގެ ފައިސާ އިސްރާފް ކުރާނެހާ ގޮތް ގޮތެވެ. 

މައްއސަލައެއް ނެތްތާއެވެ. ދިވެހިން ދެން އުޅޭނީ ސިންގަޕޫރާއި މެލޭޝިޔާއާއި ބެންކޮކުން ބޭސް ފަރުވާ ކޮށްގެންނެވެ. ތުރުކީއާއި އައުސްޓްރޭލިއާއި ދެކުނު އެފްރިކާއިން ކާބޯތަކެތި އެތެރެ ކޮށްގެންނެވެ. ލަންޑަނާއި އެމެރިކާއިން މުނިފޫހި ފިލުވައިގެންނެވެ. ފެންތައްޓެއް ބޯލާހާ ލުއިކޮށް ހައްޖު އުމްރާ ވެގެންނެވެ. އުންމީދުތައް ހާސިލުވެ ދިވެހިން ލަވަކިޔާލާފައި އުޅޭ މަންޒަރު ފެންނަން ފެށީމާ އުފަލުން ރޮވެއެވެ. މިވަރު ބަޔަކަށް އޮންނާނީ ކޮން އިންޑިއާ ހެއްޔެވެ.

އެއަށް ވުރެވެސް އަދި މާ ބޮޑު ކަމެކެވެ. ގައުމީ ދިފާއީ ބާރު ދުނިޔޭގެ ފެންވަރުގެ ބާރަކަށް ހަދަން އަޝްކަރީ މަތިންދާ ބޯޓާއި ހެލްކޮޕްޓަރާއި އެންމެ ފަހުގެ ސަވައިލެންސް އާލާތް ރާއްޖެއަށް ހޯދަނީއެވެ. މަނަވަރާއި ސަބް މެރިންނާއި ނިއުކުލިއަރ ހަކަތައަށް ދާންދެން ނެތިއެއް ނުވާނެއެވެ. އެންމެ ޒަމާނީ ހަތިޔާރާއި ދުރާއި ކުރު ރާސްތާ މިސައިލާއި ކްލާސްޓަރ ބޮމާއި ބޮން އަޅާ ބޯޓް ފަހަރާ ވެސް ނުހޯދައެއް ނުވާނެއެވެ.  

ދިވެހިން ފިކުރެއް ހިޔާލެއް ކުރާނެ ކަމެއް ނެތެވެ. ރައީސް މުއިއްޒު ހުވާކުރެއްވި އިރު އޮތް ފުން އަނދަވަޅު "ގަނޑު" ފަސްއަޅާ ފޮރުވާ ލައްވާ ބިމާ ހަމަކޮށް ލެއްވިލެއް ކިހާ އަވަސް ހެއްޔެވެ. ވެރިކަމަށް ދެމަސް ފުރޭއިރު ދިވެހިންގެ ހުރިހާ އުންމީދެއް ލާފުރާ ފުރުހަމަ ވަނީއެވެ. ރަނގަޅު ނޫނީ މިވެނި ކަމެކޭ ނުބުނެޥޭ ވަރަށެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ. ހުވާ ކުރެއް ވުމަށްފަހު އޮތްކަމަށް ވިދާޅުވި އެއްކަލަ 116 ބިލިއަންގެ ދަރަނިން ހަތަރުއަނާއެއްގެ މިންވަރުވެސް ނުދެއްކެއެވެ. ދެއްކޭނެ ގޮތެއްވެސް ނެތެވެ. އަދިވެސް އެންމެން ބާރަށް މޭގައި އެއް އަތް އަޅާށެވެ.