ހުރިހާ ޝައިތާނުން މުއިއްޒުގެ ވެރިކަމާއެކު އިސްލާންވީތަ!

މިސްކިތްތަކުން ނަމާދާއި ގުރުއާނުގެ އަޑު ބޭރަށް އިއްވުން ހުއްޓާލާތީ ކަންބޮޑުވި ދީނީ ބައިގަނޑު ކޮބާ

ހުރިހާ ޝައިތާނުން މުއިއްޒުގެ ވެރިކަމާއެކު އިސްލާންވީތަ!

މިސްކިތްތަކުން ބޭރަށް ނަމާދުކުރުމާއި ގުރުއާން ކިޔެވުމުގެ އަޑު އިވޭއިވުން ކަނޑުވާލުމަކީ ލާދީނީ ކަމެއް ކަމަށް އެމްޑީޕީ ވެރިކަމުގައި ބަޔަކު ވަރަށް ބާރަށް ގޮވިއެވެ. ނަމާދާއި ގުރުއާނުގެ އަޑުދެކެ ބިރުން ޝައިތާނުން އުޅޭނެކަމަށް ދީންވެރިކަން ދައްކައިގެން އުޅުނު ބަޔަކު އޭރު ކެނޑިނޭޅި ކިޔަމުން އައެވެ. ސަލަފުގެ ގިނަ ޝޭހުންނާއި އަލީ ރަމީޒާއި އެނޫންވެސް އެތައްބަޔަކު އޭރު ކިޔަމުން ދިޔައީ އެހެންނެވެ.

ޑރ. މުއިއްޒު ވެރިކަމަށް އައީ ދީން ނަގާ ބޮލަށް ލައިގެން ދީން ވިއްކަމުންނެވެ. މުއިއްޒާ އަތުގުޅާލާފައި އޮތީ ސަލަފުންނެވެ. އަރަބިން ކައިގެން ތިބިއްޔާ ތިބޭނީ ކައިގެން ކަމަށް ބުނަމުން ދީން ކޮނޑަށްލައިގެން އުޅޭ ޝަހީމްވެސް ހީވަނީ އިސްލާމް ދީން އަލަށް ރާއްޖެއަށް ގެނެވިގެން އުޅޭހެންނެވެ. 

މި ކަލޭގެ ޑރ. ވަހީދުގެ ވެރިކަމުގައި ރާއްޖޭގައި އިސްލާމިކް މިނިސްޓަރކަން ކުރިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ބައެއްގައިވެސް ޝަހީމް އިސްލަމިކް މިނިސްޓަރުކަން ކުރިއެވެ. ރައީސް ޔާމީނު ނެތް ވެރިކަމަކީ ވެރިކަމެއް ނޫން ކަމަށް ބުނެ ރައީސް ޔާމީނުވަރުގެ ދީނަށް ނަސްރުދޭ ވެރިއަކު ނުފެންނާނެ ކަމަށް އަޑަށް ބާރުލާ ގޮވީ އެ ޝަހީމެވެ. ޑރ. މުއިއްޒާ ޖެހުމުން ޝަހީމަށް ދީނަކީ މުއިއްޒޭ ހީވާ ކަހަލައެވެ.  

އިސްލާމީކަންތަކާ ބެހެން ޑރ. މުއިއްޒު ޝަހީމާ ހަވާލު ކުރުމުން ހީވީ ރާއްޖެއަށް އިސްލާމް ދީން އައީ 17 ނޮވެންބަރ 2023 ގައި ހެންނެވެ. ވަލު ދޮރާށިން ވަދެގެންވެސް ރުހުނަސް ނުރުހުނަސް ވަޒީރުކަން ކުރެވެނިކޮށް ޝަހީމަށް ނިމުނީއެވެ. އެފާޑަށް ބައިވަޒީރެއްގެ ގޮތުގައި ދައުލަތުގެ ހަޒާނާއަށް އަތް ދަރާލައިގެން ހުންނަން ޝަހީމަށް ބާރުލިބެނީ އިސްލާމް ދީނުގެ ކޮން ނައްސަކުކަން އެނގޭ މީހަކު އުޑުބަޅު ކުރެއްވި ހިސާބުގައި އުޅެއެކޭ ހިޔެއްނުވެއެވެ. 

ހަރާން ވަޒީރު ކަމެއްގައި ހުރެގެން އަންދުހު އާދަމަގުން ކުރަމުންއައި އެތައް ކަމެއް ބަދަލުކޮށް ނުލެވުނިއްޔާ މޮޅުކަމެއް ނުއޮންނާނެތާއެވެ. މަ މޮޅު ހެދިގެން ފަހަރަކު ކަމެއް އައުގޮތަކަށް ބަދަލު ކުރަން އުޅެގަންނާނީ އެހެން ވެގެންނެވެ. އީދު ނަމާދު ކުރާ ގަޑިއެއްވެސް ޝަހީމަކަށް ކަމަކު ނުދެއެވެ. ހުކުރު ކުރާ ގަޑިއެއް ހުކުރު ކުރާ މީހުނަށް ޝަހީމަކަށް ކަމަކު ނުދެއެވެ. ވަލުބުޑު ނުކެޑުނަސް ބަޔަކު ލައްވާ ހަތީބުކަން ކުރުވެނިކޮށް ޝަހީމަށް ނިމުނީއެވެ. ޝަހީމް ކިހާ މޮޅެއް ހެއްޔެވެ.  

ޝައިތާނުން ބިރުގަންނަވަން މިސްކިތު ތާޅަފިލިތަކުން އިއްވި ނަމާދާއި ގުރުއާނުގެ އަޑުވެސް ކަނޑާލަން ވީއެވެ. ގުރުއާނާއި ނަމާދުގެ އަޑު ކަނޑުވާލަނީ ހުރިހާ ޝައިތާނުން ގަތް ބިރު ކެނޑުނީތާއެވެ. ހުރިހާ ޝައިތާނުން މުއިއްޒުގެ ވެރިކަމާއެކު އިސްލާމް ވީނޫން ބާވައެވެ. އެނގޭ ކަމަކީ މިސްކިތްތަކުން ނަމާދާއި ގުރުއާނުގެ އަޑު ބޭރަށް އިއްވުން ހުއްޓާލަފާނެތީ ކަންބޮޑުވެގެން އުޅުނު ދީނީ ބައިގަނޑަށް މިހާރަކު އެއްޔަކީ ލާދީނީ ކަމަކަށް ނުވެއެވެ. އިސްލާމީ ކަންތަކާބެހޭ ވަޒީރަށް ވެސް އެންމެ ރަނގަޅު ގޮތަކީ މިސްކިތުން ބޭރަށް ނަމާދާއި ގުރުއާނުގެ އަޑު ކަނޑުވާލުން ކަމަށް މިހާރު ވެއްޖެއެވެ.