މަސްވެރިންނަކީ ވިލާއާއި އެންޒީގެ އަޅުންނަށް މުއިއްޒު ހަދާދެނީ!؟
ދައުލަތުގެ ފައިދާ ނުވާ ކުންފުނިތައް އުވާލަން ބޮޑު މަހުޖަނު ގޮވާލުން
އެފްޕީއައިޑީގެ ޒަމާނުއްސުރެ ދިވެހި މަސްވެރިން ބަނާ މަހަކީ ސަރުކާރު މަސްކުންފުނި ހިންގަން ހަވާލުވާ ބަޔަކު ދިރުވަލާފައި ބަކީވާ އެއްޗެއް ސަރުކާރަށާއި މަސްވެރިންނަށް ލިބޭ އެއްޗެކެވެ. ސަރުކާރު މަސްކުންފުނީގެ ކޮރަޕްޝަނުގެ ތާރީހަށް ދާކަށް ނެތީމެވެ. އެންމެން ދަންނަ އެ ބޮޑު ސިއްރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ.
ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ހަރަދު ކުޑަކުރުމުގެ ނަމުގައި ކޮންމެ ކަމެއް ކުރިޔަސް ކުންފުނި ވުޖޫދުގައި އޮތްހާ ހިނދަކު މިފްކޯގެ ވެރިންގެ ޖީބުތައް ނުފުރާ ގޮތަކަށް އެއްކަމެއްވެސް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. ބޭރުކުރާ ކޮންމެ މަސް ޝިޕްމަންޓަކުން މަސް ރިޖެކްޓް ކުރާގޮތާއި ރިޖެކްޓް މަހަށް ވާގޮތަކީ މަސްވެރިން ދަންނަ ބާ ވާހަކައެކެވެ.
އެހެން އެކަން އޮތް އޮތުން ބަދަލުކުރުމަށް އެމްޑީޕީ ސަރުކާރުން ކަންތައް ތަކެއްކުރިއެވެ. މިފްކޯގެ ކޭޝްފްލޯ ދަށްވެ މަސްވެރިން ބާނާ މަހަށް އަގުނުދެވޭތީ އެކަން ފޫބައްދާ މިފްކޯ ދަރަނިވެރި ކަމުން އަރައިގަނެވެންދެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންނަކަށް ހެދިއެވެ. ރަށްރަށުގައި ހުރި މިފްކޯގެ އައިސް ޕްލާންޓްތައް މިފްކޯގެ ދަށުން ވަކިކޮށް އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހެދިއެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަހުން ޔޫރަޕަށް އެތެރެކުރާ މަހަށް ދައްކަންޖެހޭ ޒާތްޒާތުގެ ޓެކްސްތަކާއި ރޯޔަލްޓީތައް ކަނޑާލުމާ ހަމައަށް މަޝްވަރާތައް ކުރެވި 25 ރުފިޔާއަށް މަސްވެރިން އަތުން މަސްގަންނަން ފެށިއެވެ.
މިފްކޯއަށް މަސްކިލޯއެއް ގަންނަ އަގަކީ 25 ރުފިޔާ ކަމަށް ހެދުމުން ރާއްޖޭގައި މަސްގަންނަ ކުންފުނިތަކަށް އެކަންވީ ވަރަށް ބޮޑުކަމަކަށެވެ. އެމީހުން ބޭނުންވީ ނުއަގުގައި މަސްވެރިންގެ އަތުން މަސްގަނެގެން އެމީހުންގެ ޖީބުތައް ބޮޑުކުރާށެވެ. 25 ރުފިޔާއަށް މަސްކިލޯއެއް ނުގަނެވޭނެ ކަމަށް ބުނެ މަކަރުވެރި އަމިއްލަ ވިޔަފާރިވެރިން މަސްގަތުން ހުއްޓާލީއެވެ. ރިޔާސީ އިންތިހާބު ތެރޭގައި މުއިއްޒާ ޑީލް ހަދައިގެންނެވެ.
އެހެން ކަމުން މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ކުރިކަމަކީ އެސްޓީއޯގެ ދަށުން މިފްކޯ ނެރުމެވެ. މިފްކޯއަށް ގަނެފައިވާ މަހަށް ފައިސާ ނުދީ މަސްވެރިން މަގުމަތިކޮށް ލުމެވެ. ބަހަނާއަކަށް ދެއްކީ ކުރީ ސަރުކަރުން މަހުގެ އަގު 25 ބޮޑުކުރުމުން މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅޭކަމަށެވެ. އެންމެ ފަހުން މިފްކޯއަށް މަސްކިލޯއެއް ގަންނައަގަކީ 15 ރުފިޔާކަމަށް ހަދާފައި އެގޮތްވެސް ކަމުނުގޮސްގެން މަހުގެ އަގަކީ ދަށްވެ މަތިވާ އެއްޗަކަށް ހެދީއެވެ. 15 ރުފިޔާއަށް ވެސް މަސްކިލޯއެއް ދެން މަސްވެރިނަށް ވިއްކޭނީ ހާލަކުން ދުވަހަކުއެވެ. މަހުގައި އަގެއް ހުރި ދުވަހެއް އަންނަ ކަމަކަށް މިފްކޯއަކަށް ނުވާނެއެވެ.
މުއިއްޒުގެ ރިޔާސީ ކެންޕޭނަށް މަސްގަންނަ ކުންފުނިތަކުން މިލިޔަނުން ފައިސާ ހަރަދުކުރީ މިދުވަސް ގެންނާށެވެ. މަސްވެރިން ބާނާ ހުރިހާ މަހެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް ނުއަގުގައި ގަނެގެން ބޮޑު އަގުގައި ވިއްކާ ފައިދާ ނަގާށެވެ. ދިވެހި މަސްވެރިން ނޮޅާލާށެވެ. މަސްގަންނަ އަމިއްލަ ކުންފުތަކާ ގުޅިގެން މިފްކޯއަކީ ދުވަހަކު ފައިދާއެއް ވާނެ ކުންފުންޏަކަށް މިފްކޯ ހަދާކަށް މުއިއްޒު ސަރުކާރުން ބޭނުމެއް ނުވެއެވެ. މަހުގެ ކޮންޓްރޯލު ސަރުކާރުން ދޫކޮށްލާ އަމިއްލަ ދެތިން ކުންފުނީގެ އަތްމައްޗަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ދޫކޮށްލައިގެން އެމިހުންގެ އަތުން ކަޓުނަގައިގެން މުއިއްޒުގެ ޖީބުފުރާލުމަކީ މުއިއްޒުގެ އަމާޒެވެ.
ފައިދާ ނުވާ ދައުލަތުގެ ކުންފުނިތައް އުވާލަން ރާއްޖޭގެ ބޮޑު މަހުޖަނު މަޖިލީހުގައި ގޮވާލި ގޮވާލުމަކީ އިއްތިފާގެއް ނޫނެވެ. އޭގެ ފަހަތުގައި އޮތީ ވަރަށް ބޮޑު މަކަރުވެރި ރޭވުން ގަނޑެކެވެ. މުއިއްޒުގެ އިގްތިސާދީ އެޖެންޑާ ބޮޑު މަހުޖަނަށް މާކަމުގޮސްގެން އުޅޭއުޅުމަކީ ސަމާސާ ކަމެއްނޫނެވެ.
މިފްކޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ބުނަމުން ރިޖެކްޓް މަސް ނުކިރާނެ ވާހަކަ ދައްކަމުން ކުރަން އުޅޭކަމަކީ މަހުގެ އަގު ވައްތާލައިގެން މިފްކޯއަށް މަސްގަތުން ހުއްޓާލުމެވެ. އެންމެފަހުން މިފްކޯއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ސަބްސިޑީ ދީގެން ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށް ބުނެ މިފްކޯ އުވާލާ ވިލާއާއި އެންޒީ ހަދާނެއެއްޗެއް ހަދަން ކޮންޓްރޯލެއްނެތި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ދޫކޮށްލަނީއެވެ. މުއިއްޒަށް ބައި އެޅިމާ ނިމުނީއެވެ. އޭރުން މަސްވެރިން ވެގެން ދަނީ ވިލާއާއި އެންޒީގެ އަޅުމަސައްކަތު ކުދިންނަށެވެ.