އިބޫ ފަހަތަށް އަންނި ނާރާނެ! އިންޑިއާ އަރާނީ މުއިއްޒު ކޮޅަށް؟

ރާއްޖޭގައި އެއްވެރިކަމެއް ދެދައުރު އޮންނާކަށް އިންޑިއާ ނޭދޭނެ

އިބޫ ފަހަތަށް އަންނި ނާރާނެ! އިންޑިއާ އަރާނީ މުއިއްޒު ކޮޅަށް؟

އަންނި ބޭނުންވީ އެމްޑީޕީ ވޯޓުން ބޮޑު ބައެއް މަދުކޮށްލައިގެން އިންތިޚާބު ދެވަނަ ބުރަކަށް ގެންދާށެވެ. ކިތަންމެ ރަނގަޅަކަށްވެސް އަންނި އެކަން ކޮށްފިއެވެ. ބޭނުމަކީ ދެވަނަ ބުރުގައި އެންމެން ސަރުކާރާ ދެކޮޅުވެ އިބޫ ފޭލިކޮށްލުމެވެ. މިކަން މިގޮތަށް ކުރުމުގެ ފަހަތުގައި ކިތަންމެ ސަބަބެއް އޮތުން ގާތެވެ. 

ފުރަތަމަ ބުރު ނިމުމާއެކު އައި ރޭގަނޑެއްގައި އިންޑިއާ ސަފީރު އަރިހުން ނުކުމެ ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާގުޅޭ ވާހަކަ ނުދައްކަމޭ އަންނި ބުނީމާ ގަބޫލު ކުރަންވީ ހެއްޔެވެ؟ އެއީ ބޮޑު ދޮގެކެވެ. ދެއްކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވާހަކަ ނޫން ކަމަކަށް ނުބެލެވެއެވެ.

ރާއްޖޭގައި އެއްވެރިކަމެއް ދެދައުރު އޮންނާކަށް އިންޑިއާ ނޭދޭނެއޭ މީގެ ކުރިން ވެސް ބުނެފީމެވެ. ސަފީރު އަރިހުން ނުކުމެ އަނެއް ދުވަހު އަންނި އުޅެންފެށި ގޮތުންވެސް ސަފީރާ އަންނިއާ ދެއްކި ވާހަަކަ އެއޮތީ އަންނި ދަންނަ މީހަކަށް ލަފާކޮށްލަން އެނގޭ ހިސާބުގައެވެ. އަންނި ފައިވިއްދާފައި އެހުރީ ދެންވެސް އިބޫއަށް ލިބޭނެ ވޯޓެއް މަދުވާން އޮތްގޮތެއް ހަދާށެވެ. 

މަޝްރޫޢުތައް ނިމި، ރަށްފުށު މީހުންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބި އިގްތިޞޯދު ދެގުނަވެ ދިވެހިން ތަނަވަސް ވީމާ އިންޑިއާއަށް ދިވެހިން ބަރޯސާވާ ވާވަރު ކުޑަވާނެއެވެ. އެމީހުންނަށް ރަނގަޅު ވާނީ އަބަދުވެސް ސިޔާސީ ކޯޅުން ގަނޑެއްގައި ކުރިއެރުން ހިފެހެއްޓިފައި ދިވެހިން ތިބުމެވެ. ކޮންމެ 5 އަހަރަކުން ސަރުކާރު ބަދަލުވަންޏާ އަބަދުވެސް ދިވެހިން ތިބެން ޖެހޭނީ އިންޑިއާ އާ ދިމާއަށް އަތް ދިއްކޮށްގެންނެވެ.

މުއިއްޒެއް މޫސައެއް ކާސިމެއް ނޯންނާނެއެވެ. ހޮވިއްޖެއްޔާ މުއިއްޒުވެސް ޖެހޭނީ އިންޑިއާގެ އެހީގައި ފަށާފައިހުރި މަޝްރޫޢުތައް ކުރިއަށް ގެންދާށެވެ. އެގަޑީގައި އަނެއްކާވެސް ދިއްކޮށްލާނީ ކޮންމެ ވެރިކަމެއްގައި މުއްދަތު އިތުރު ކޮށްލަން ދިއްކޮށްލާ އެގްރީންޓެވެ.

މޮޔަވެގެން އުޅޭނެ ކަމެއް ނެތެވެ. އިން ވާން ބޭނުން މިންވަރަށް އިންޑިއާ ތިބޭނީ އިން ވެގެންނެވެ. އެއްވެސް ވެރިޔަކަށް ތިޔަ ގޮވާނަގާ އިންޑިއާ އައުޓެއް ނުކުރެވޭނެއެވެ.

އިންޑިއާއަކުން ރާއްޖެ އަޅުވެއްޗެއް ނުކުރާނެއެވެ. އެހެން ނަމަވެސް އެމީހުން ރާއްޖެ ބާއްވާނީ އެމީހުންނަށް އަޅުދާސްވާން ޖެހޭ ހާލަތުގައެވެ. އެއް ވެރިޔަކަށް 2 ދައުރު ނުލިބޭނެ ހުރިހާ ކަމެއް އިންޑިއާ އިން ކުރާނެއެވެ. 

އަދި ބުނަން ހެއްޔެވެ؟ ރާއްޖޭގައި މިތިބަ މަހުޖަނު ރިސޯރޓް އޯނަރުންވެސް ބޭނުންވާނީ ހަމަ އެގޮތެވެ. 5 އަހަރު ވަންދެން ވެރިޔަކު "ފެލާލުމަށްފަހު" އަނެއްކާ އާމީހެއް ގެނެސް އެމީހާ "ފެލާލުމެވެ" ނިކަމެތި ރައްޔިތުންނަށް ރަނގަޅެއް ލިއްބައިދޭ ވެރިޔަކު އެމީހުންނަކަށް ވެސް ކަމަކު ނުދާނެއެވެ.

ދީނާ ގައުމާ ހުއްބުލްވަތަނާ އިންޑިއާ އައުޓްގައި ޖެހިގެން ބަޔަކު ވާވަދެފައި ތިއްބަސް ކަންވާގޮތް އެނގޭނީ އެކަމާ ވިސްނާ ފިކުރު ކުރީމައެވެ.

2028 ގައި ދައުލަތުގެ އާމްދަނީ ދެގުނަވެ އަހަރަކު 7 މިލިއަން ފަތުރުވެރިން އައިމާ ރާއްެޖެ މުއްސަނދިވާނެއެވެ. އޭރުން ބައެއްގެ ފައިބުޑަށް ނުވެއްޓި އަމިއްލަ ހެލިކޮޕްޓަރާ ޑޯނިއާ މަތިންދާ ބޯޓް ފަހަރާ އަމިއްލައަށް އުތުރުތިލަފަޅު ހަދާނެ ފޯރުންތެރިކަން ގައުމަށް ލިބޭނެއެވެ.

އިންޑިއާ އައުޓޭ ގޮވަމުން ތިބެ މިހާރު ތިޔަ ކުރާ ކަމަކީ އިންޑިއާ ފައިބުޑުން ރާއްޖެ ތެދުވިޔަ ނުދިނުމެވެ.