އެމެރިކާ އާއި އީރާނު ވެސް މުއިއްޒަށް އިތުބާރެއް ނުކުރޭ!

އެމެރިކާ އާއި އީރާނު ވެސް މުއިއްޒަށް އިތުބާރެއް ނުކުރޭ!

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ލީޑަރ އަވަހާރަކޮށްލުމުން ރާއްޖޭން އެކަން ކުއްވެރިއެއް ނުކުރެއެވެ. އިޒްރޭލާއި އެމެރިކާ ގުޅިގެން އިސްވެ އީރާނަށް ހަމަލާ ދިނުމަކީ ރާއްޖެ ސަރުކާރަށް މައްސަލައަކަށް ނުވިއެވެ. އިޒްރޭލާއި އެމެރިކާ އާއި ދެކޮޅަށް ޗުއްޕުވެސް ބުނާކަށް ދިވެހި ސަރުކާރަކަށް ނުކެރުނެވެ.

ރާއްޖޭގެ ސަރަހައްދާ ވަރަށް ކައިރިން ދަތުރުކުރި އީރާނުގެ މަނަވަރެއް އެމެރިކާގެ ސަބްމެރިނަކުން ގޮއްވާލިއެވެ. އިންސާނީ އެހީއަށް ބޭނުންވެފައި ކަނޑުމަތީގައި ތިބި އީރާނުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށް ނުދީ ރާއްޖޭން ދިނީ ބީރުކަންފަތެކެވެ. ބެލީ ކަނު ލޮލަކުންނެވެ. ހާލުގައި ޖެހިފައިތިބި އީރާނުގެ މަނަވަރު ސިފައިންނަށް އެހީތެރިކަން ދިނީ ސްރީލަންކާއިންނެވެ.

އީރާނު ހަނގުރާމަ އާއި ގުޅިގެން މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދިވެހި ރައްޔިތުންގެ ތެރޭގައި މުއިއްޒަށް ފާޑުކިޔުން އިންތިހާއަށް ބޮޑުވެ މަގުބޫލުކަން މުޅިހެން ނެތިގެން ދިޔައެވެ. އެމެރިކާ ދެކެ ގަންނާކުރައްވާ ބިރަކުން ޗުއްޕުވެސް ބުނަން ނުކެރޭ މުއިއްޒު އަމިއްލައަށް އެމެރިކާ އާއި އީރާނުގެ އިތުބާރުވެސް އަމިއްލައަށް ގެއްލުވާލައިފިއެވެ. 

ކުރިމަތީގައި މުހިންމު އިންތިހާބެއް އޮތުމުން ގެއްލެމުންދާ ތާއީދު ހިފެހެއްޓުމުގެ ބޭނުމުގައި މުއިއްޒުގެ ބަސްމަގު ބަދަލުކޮށްލުމުން ދެ މީދާ ފެހި ބުޅަލަށް މުއިއްޒު ވެގެން ހިނގައްޖެއެވެ. އިސްރާއީލަށް ރޭދުވާލު ހަމަލާދޭންޖެހޭ އެކު ދައްކާނެ ވާހަކައެއް ނެތްކަމަށް މުއިއްޒު ދުލުން ބުނި ބުނުމަކީ އެމެރިކާގެ ނުރުހުން މުއިއްޒުގެ މައްޗަށް އިތުރު ވެގެން ދިޔަ ކަމެކެވެ. 

ޑިއޯގޯ ގާސިއާއަށް މިސައިލް ފޮނުވުމުގެ ގާބިލުކަން އީރާނުގައި ހުރިކަން ކަށަވަރުވުމަކީ މުއިއްޒުގެ މޭގަނޑު އަނގަޔަށް އަންނަވަރުގެ ކަމަކަށް ނުވެއެއް ނުދާނެއެވެ. އެހެން އެކަން އޮއްވާ އީރާނު މައްސަލައިގައި ދިވެހި ރައްޔިތުންގެ ނުރުހުން މުއިއްޒަށް އިންތިހާއަށް ބޮޑުވެފައެވެ.

އެހެން ކަމުން ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް މީހުންގެ ތާއީދު ހޯދުމަށާއި އީރާނުން ތެޔޮ ހޯދުމުގެ ބޭނުމުގައި ކޮޅުބަދަލުކުރި ގޮތް ދައްކަން މުއިއްޒަށް މަޖުބޫރުވެގެން ގޮތްދެއްކިޔަސް ކުރާނެކަމެއް ނެތެވެ. އީރާނުގެ މަނަވަރު ސިފައިންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުން އީރާނުން ސްރީލަންކާއަށް ހިލޭ ތެޔޮ ލިބޭގޮތް އެދަނީ ހަދާދެމުންނެވެ. އެކަމަކު އެމެރިކާގެ ހަނގުރާމަ މަތީ ބޯޓު ފަހަރަށް އެހީތެރިކަން ދިނުމާއި ހާލުގައި ޖެހުނު އީރާނުގެ މަނަވަރު ސިފައިންނަށް އެހީނުވުމުން މުއިއްޒާ މެދު އީރާނުން ހިތް ހެޔޮވާނެ ގޮތެއްނެތެވެ.