ދެ އިންތިހާބު އެއްކުރަނީ 200 ބިލިޔަން ލޫޓުވާލަން

ދެ އިންތިހާބު އެއްކުރަނީ 200 ބިލިޔަން ލޫޓުވާލަން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާއި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ނުވަތަ ދެއިންތިހާބު އެއްކުރުމަކީ 200 ބިލިޔަން ލޫޓުވާލަން ޖަހާ މަޅިއެކެވެ. އެ މަޅީ އައިސް ބެދޭނީ ރައްޔިތުންގެ ކަރުގައެވެ. ފިކުރެއް ހިޔާލެއްނެތި ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނާ ހިސާބުން ދައުވަތު އެދެވެނީ ދައުލަތުގެ 200 ބިލިޔަން ލޫޓުވާ ލުމަށެވެ. 

ރާއްޖެއަކީ އާމްދަނީގެ ގޮތުގައި އަހަރަކު 40 ބިލިޔަން ލިބޭ ތަނަވަސް ގައުމެކެވެ. އެންމެ ނަގާލާފައިވެސް ރާއްޖެއަށް 5 އަހަރުން 200 ބިލިޔަނުގެ އާމަދަނީއެއް ލިބެއެވެ. އެހުރިހާ ފައިސާއަށް ފަސް އަހަރު ވަންދެން ބަޔަކު ހަދާނެ އެއްޗެއް ހަދަން ދެވޭ ފުރުސަތަކަށް ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ނުބުނުން ވެގެން ދާނެއެވެ.

އެހެނީ ދެއިންތިހާބު އެކުގައި ބޭއްވުމުން މަގާމުގައި ހުންނަ ރައީސް ނޫން މީހަކަށް ވެރިކަމަށް އާދެވޭނެ ގޮތެއް އަދި މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ގޮތެއް ނުއޮންނާނެއެވެ. އޭރުން ފަސް އަހަރު ވަންދެން ދައުލަތުގެ މުދަލާ ފައިސާއަށް ރައީސް ހަދާނީ ހަދާނެ އެއްޗެކެވެ. ރައްޔިތުން ތިބެން ޖެހޭނީ ފަސް އަހަރު ފަހުން އޮންނަ އިންތިހާބު އަންނަންދެން ބަސްހުއްޓިފައެވެ.

މަޖިލީހަށް ކުރިމަތިލާ 93 މެންބަރުންނާއި އެކު 94 ރަނިން މޭޓުން ގޮވައިގެން ވާދަކޮށް މަގާމަށް ހޮވޭ ރައިސުލްޖުމްހޫރިއްޔާ 5 އަހަރު ތެރޭގައި ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނެ އެއްވެސް އެގޮތެއް އޭރަކުން ނުއޮންނާނެއެވެ. މަގާމުގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ ނޫން މީހަކަށް ރައީސްކަމަށް އާދެވޭނެ އެއްވެސް ގޮތެއް އޭރަކުން ނުއޮންނާނެއެވެ. 

މަގާމުގައި ހުންނަ ރައީސަށް ފަސޭހަ ކަމާއެކު ދެވަނަ ދައުރު ހޯދޭނެއެވެ. ދައުލަތުގެ ފައިސާ ތަޅާލައިގެން މަޖިލީހާއި ގައުމުގެ ވެރިކަން ހޯދުން މަގާމުގައި ހުންނަ ރައީސަށް ދެ އިންތިހާބު އެއްކޮށްލުމުން ފަސޭހަވާނެއެވެ. އެއްދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އޮތުމުން މަގާމުގައި ހުރި ރައީސް ނޫން ގޮތެއް ހޯދުމަކީ ރާއްޔިތުންނަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ. 

އޭރުން މަޖިލިސް އިންތިހާބުގައި އެކި ވިސްނުމުގެ މީހުންނަށް ވާދަކުރުމުގެ ޖާގަ ހަނިވެ ސަރުކާރު ކެންޑިޑޭޓް ބަލިކުރަން އުދަގޫވާނެއެވެ. ސަރުކާރު ކެންޑިޑޭޓް ބަލިކުރަންޏާ ކޮންމެ ދާއިރާއަކުން އިދިކޮޅު އެކަކު ނެރުން ނޫން ގޮތެއް އޭރަކުން ނުއޮންނާނެއެވެ. އިދިކޮޅު އެއް ކެންޑިޑޭޓް ނެރުނަސް ސަރުކާރުގެ ކެންޑިޑޭޓުން ބަލިކުރުމަކީ ވޭންދެނިވި ކަމަކަށް ވާނެއެވެ. ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނަންޖެހެނީ އެހެން ވެގެންނެވެ.