ނާމާންކަމަށް ދައުވަތުދޭ ބަޔަކަށް ވެރިން ވެގެންނުވާނެ

ހައިބަތަށް ނޫނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފާ ވަނީ ވަރަށް މަދުން

ނާމާންކަމަށް ދައުވަތުދޭ ބަޔަކަށް ވެރިން ވެގެންނުވާނެ
ފައިލް ފޮޓޯ

ބައެއް ހާލަތްތަކުގައި މީހެއްގެ ސެކިއުރިޓީ ޕްރޮފައިލް މަތިވަނީ އެ މީހެއްގެ އަމަލުތަކުގެ ސަބަބުންނެވެ. ދިވެހިރާއްޖޭގައި އާންމު އުސޫލުން ވެރިކަމަށް މީހަކު ހޮވަނީ ވަރަށް އިތުބާރާއި ލޯތްބާއި އެކުގައެވެ. ވަރަށް ބައިވަރު އުންމީދު ތަކަކާއި އެކުގައެވެ. ވެރިކަމަށް އަރާން ދައްކާ ވާހަކަތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާނެ ކަމުގެ އުންމީދުގައެވެ.

ވެރިކަމަށް އަރަން ދުވަހަކުވެސް މީހަކު ރައްޔިތުން ބައިތިއްބާނީ އަވާ މެންދުރެއްގައި ކަމަކަށް ނުބުނާނެއެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނެސް އެމީހަކަށް ހެޔޮވަރު ކޯޓަކަށް ގާނޫނު އަސާސީ ނުހަދާނެއެވެ. އަދި އަމިއްލަ މަސްލަހަތު ދެމެހެއްޓުމަށް ގާނޫނުތައް ވުޖޫދު ކުރާނެ ކަމަކަށް ވެސް ނުބުނާނެއެވެ. ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރާނެ ވާހަކައެއް ވެރިކަމަށް އަރާ ނުބުނާނެ ފަދައިން ވެރިކަމަށް އަރަން ގާނޫނު ތަކުގައި ހުރި ރައްޔިތުންނަށް ދަތިވާ ކަންކަމުގެ ވާހަކަތައް ދައްކާނެއެވެ.

ރައްޔިތުންގެ ވޯޓު ހޯދުމަށް ރަން އިލޮށިން ކަދުރު ކާންދެއެވެ. ބަލި މީހުންގެ ހާލު ބަލައެވެ. މިސްކިތްތަކަށް ކެމެރާތަކާއި އެކު ނޫނީ ނާރާނެއެވެ. ފަތިސް ނަމާދު ލައިވް ކުރެއެވެ. ދިވެހީންގެ ދިވެހި ވަންތަކަމާއި ދީނާ ގުޅޭ ކަމަކަށް ފާޑު ކިޔުމެއް ނޯވެއެވެ. ގައުމިއްޔަތާއި ގައުމީ ލޯތްބާއި، ދީނީ ވަހުދަތާއި ދީން ހިމާޔަތް ކުރުމުގެ އައްޑަނައަށްވެސް މީހާ ބަދަލުވެއެވެ. 

ވެރިކަމަށް ހޮވޭ ހިސާބުން މީހާއަށް ވާ ގޮތް ބަދަލުވެއެވެ. އެކަކު އޯލްޓަނޭޓިވް ނެރޭޓިވް އެއް ހޯދަން އުޅެފާނެއެވެ. ގައިރު ދީން ތަކުގެ ޝިޔާރުތައް ހާމަކޮށް ފާނެއެވެ. އަދި ދިވެހިރާއްޖޭގައި ބައެއް ގައިރު ދީނުގެ މީހުންނަށް ދިވެހިރާއްޖޭގައި އާބާދުވާން ފުރުސަތުގެ ދޮރު ހުޅުވާލައެވެ. ލޯބިން ވެރިކަމަށް ހޮވާދިން މީހާދެކެ ރައްޔިތުުން ނަފުރަތުކުރާނެ ކަންކަން ކުރެއެވެ.

ކޮންމެ ގައުމެއްގައިވެސް ކޮންމެ ޖަމާއަތެއްގައިވެސް 3 ގިންތިއަކަށް މީހުން އުޅެއެވެ. އާދައިގެ ފަންތި އަކާއި މެދު މިނަކާއި ހައްދު ފަހަނަ އެޅުމެވެ. އާދައިގެ ފަންތީގެ މީހުންނަށް ކޮންމެ ކަމެއް އެންމެ ރަގަޅު ވާނެއެވެ. ބައެއް ފަހަރު ލިބޭ އިނާޔަތަކުން ނެވެ. ނުވަތަ އޮންނަ ގާތް ކަމަކުންނެވެ.

މެދުފަންތީގެ މީހުން ކޮންމެވެސް މިންވަރަކަށް ކަންކަމަށް ނަޒަރު ކުރެއެވެ. އެހެންނަމަވެސް ގިނަ ފަހަރު ބަހެއް ނުބުނެ ހުރެދާނެއެވެ. ކޮންމެ ކަމެއް ވަރިހަމައަށް ވުރެ ތަންކޮޅެއް ކުރިއަށް ޖެހިލާފައިވާ ގިންތިއެކެވެ.

ހައްދުފަހަނައަޅާފައި ކަމަށް ބުނެވޭ މީހުން ގަބޫލު ކުރާ ހަމަތަކާއި ހިލާފު ވެއްޖެ ނަމަ އެކަމެއް ތަހައްމަލު ކުރާކަށް ބޭނުމެއް ނުވާނެއެވެ.  ފާޅުގައި ދެކޮޅުހަދާނެއެވެ.  ޕްރެޝަރ ކުރާނެއެވެ.

ދިވެހިރާއްޖެއަކީ އަމާން ކަމާއި ސުލްހައަށް ލޯބި ކުރާ ބަޔަކު ދިރިއުޅޭ އުފާވެރި ގައުމެކެވެ. މަޖިލިސް މެމްބަރަކު މިދާކަށް ދުވަހު ބުންޏެވެ. ޖިހާދީ ވިސްނުމުގެ މީހުން އުޅޭ ކަމުގެ ވާހަކައެވެ. ނަމަވެސް ޖިހާދު ކުރާން ވީ ސަބަބެއް ނުދައްކާ ވެރިކަމެއްގައި ކުރާނެ ޖިހާދެއް ނޯންނާނެއެވެ.

ޖިހާދު ކުރާން ޖެހޭ ސަބަބުތައް ބައެއް އިލުމު ވެރިންގެ ބަހުންނަމަ ވެއެވެ. އެއީ ދީނުގެ ހައްގުގައި އަދި ބިމުގެ ހައްގުގައެވެ. އިސްލާމް ދީނަށް އުނިކަމެއް އައިސްފާނެ ފަދަ ކަމެއް ގައުމެއްގެ ވެރިއަކު ކޮށްގެން ނުވާނެއެވެ. އަދި ގައުމުގެ ފަސްގަނޑުން ބައެއް ދީނާ ފުށު އަރާފަދަ ކަމަކަށް ޒަމާނެއްގެ ކޮޅުން ވިއަސް ފުރުސަތެއް އޮންނާނެ ފަދަ ދޮރެއް ހުޅުވައިގެން ނުވާނެއެވެ.

ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން އިސްލާމް ދީނާއި ދިވެހި ފަސްގަނޑު ދެކެ އިންތިހާއަށް ލޯބިވެއެވެ. ދިވެހިރާއްޖޭގައި ހައިބަތަށް ޓަކާމެނުވީ ސަލާމަތީ ކަންކަން ވަރުގަދަ ކުރާން ޖެހިފައިވަނީ މަދު ހާލަތެއްގައެވެ. އެމީހަކު އުޅޭ އުޅުމުގެ ސަބަބުންނެވެ. އެމީހަކު ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ. އެމީހެއްގެ ކިބައިގައި ހުންނަ ނުރަގަޅު ސިފަތަކެއްގެ ސަބަބުންނެވެ. ނޫން ނަމަ ދިވެހިރާއްޖެއަކީ ލަވައެއްގައި ބުނާ ފަދައިން “ ބޭރުމީހުން ރާއްޖެ ދެކެނީ ދެވަނައެއް ނެތް ފަދައިން” ނެވެ. އަމާން ކަމާއި ސުލްހަވެރި ތަނެއްގެ ގޮތުގައެވެ.

ތަންތަން ގޮއްވުމާއި މީހުންނަށް ހަމަލާ ދިނުމާއި ކަންކަން މަދު ހަމަޖެހުން އޮތް ގައުމުތަކެއް ދުނިޔޭގައިވެސް މަދެވެ. ހަލަބޮލި ކަމާއި ނާމާން ކަމަށް ދައުވަތުދޭ ބަޔަކަށް ދިވެހީންނާއި ދިވެހީންގެ ވެރީން ވެގެން ނުވާނެއެވެ.