މާފިއާ ބައްޕައާ ދެކޮޅަށް ހެކިބަސް ދިން އަންހެން މީހާ މަރުވެއްޖެ
ހިންގާ ބޮޑެތި ކުށްތަކާ ދެކޮޅަށް ހެކިބަސްދޭ މީހުންނަށްދޭ ރައްކާތެރިކަމާމެދު ކަންބޮޑުވުންތައް އިތުރުވަނީ
މަންމަ މަރާލި މައްސަލައިގައި، މާފިއާއާ ގުޅުން އޮތް ބައްޕައާ ދެކޮޅަށް ހެކިބަސް ދީ އޭނާއަށް އަދަބު ދިނުމުގައި އެހީތެރިވި ޑެނީސް ކޮސްކޯ، ރޯމްގެ އެޕާޓްމަންޓަކުން ވެއްޓި މަރުވެއްޖެއެވެ.
ކޮސްކޯގެ މަންމަ، ލިއާ ގަރޮފަލޯ މަރާލާފައިވަނީ، ބާރުގަދަ 'އެންޑްރަންގެޓާ' ކްރައިމް ސިންޑިކޭޓުގެ މެންބަރުންނާ ދެކޮޅަށް ހެކިބަސް ދިނުމާ ގުޅިގެން 2009 ވަނަ އަހަރުއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އަންދާލުމަށްފަހު ވަޅުލާފައި ވަނިކޮށެވެ. ކޮސްކޯ އޭނާގެ މަންމަ ދެނެގަތީ އޭނާ އަޅައިގެން ހުރި ފަށަކުންނެވެ.
އޭގެ ފަހުން ކޮސްކޯ ވަނީ އޭނާގެ ބައްޕައާއި، އެކަމުގައި ބައިވެރިވި އެހީތެރިޔާއާ ދެކޮޅަށް ހެކިބަސް ދީފައެވެ. އެކަމާ ގުޅިގެން އެ ދެމީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ. ކޮސްކޯ ވަނީ އިޓަލީގެ 'ވިޓްނަސް ޕްރޮޓެކްޝަން' ޕްރޮގްރާމުގެ ދަށުން ހަ އަހަރު ހޭދަކޮށްފައެވެ.
ކޮސްކޯގެ މަރަކީ މާފިއާއާ ގުޅުންހުރި ކަމެއްތޯ ނުވަތަ އަމިއްލައަށް މަރުވީތޯ މިހާރު ޕްރޮސެކިއުޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާ މަރުވިއިރު އެއްވެސް ލިޔުމެއް ނުވަތަ މެސެޖެއް ދޫކޮށްފައި ނުވާއިރު، އޭނާ ވެއްޓުނު ވަގުތު ގޭގައި ހުރި އޭނާގެ ފިރިމީހާއަށް މިވަގުތު ތުހުމަތެއް ނުކުރެއެވެ.
ކޮސްކޯގެ މަރާ ގުޅިގެން، ރޭވުންތެރިކަމާއެކު ހިންގާ ބޮޑެތި ކުށްތަކާ ދެކޮޅަށް ފުރާނަ އަތްމައްޗަށް ލައިގެން ހެކިބަސްދޭ މީހުންނަށް ފޯރުކޮށްދޭ ރައްކާތެރިކަމާއި ނަފްސާނީ އެހީތެރިކަމާ މެދު ވަނީ ކަންބޮޑުވުންތައް އިތުރުވެފައެވެ.


