ހަތިޔާރާއެކު ބަގާވާތެއް ކުރުމަށް ރޭވި ބަޔަކު ހައްޔަރުކޮއްފި
ބަގާވާތުގައި ޖަރުމަނުގެ ޗާންސެލަރ ބަޑިޖަހާ އަވަހާރަކޮށްލުމަށް އޮތީ ރާވާފަ.
ޖަރުމަނު ވިލާތުގެ ސަރުކާރު ހިންގަން ތިބި ހުރިހާ ވެރިން ގަތުލުކޮށް ޖަރުމަނުގެ ޕާލަމެންޓް ހިފުމަށް ރާވާފައިވާ ބަގާވާތެއް ޖަރުމަނުގެ ސްޕެސަލް ފޯސަސް (ކޭ އެސް ކޭ) އިން ހުއްޓުވައިފިއެވެ. ކަނާތު ފިޔައިގެ ހަގުރާމަވެރި ގްރޫޕެއް ކަމަށްވާ "ރެއިންޗް ބާރގަރ" އަކީ ނާޒީ ވިސްނުން ހުންނަ އެމެރިކާގެ ކޮންސްޕިރަސީ ތިއަރީ ވެބްސައިޓް ކިއުނަން ގެ ފޮލޯވަރުންނެވެ.
ބަގާވާތުގައި ޖަރުމަނުގެ ޗާންސެލަރ ވަގުތުން ބަޑިޖަހާ އަވަހާރަކޮށްލުމަށް ރާވާފާ ވާއިރު، ޖަރުމަނުގެ ކެޕިޓަލް ހިފުމަށާއި ހުރިހާ މަޖިލިސް މެންބަރުން ހައްޔަރު ކުރުމަށް ވެސް އީ ރާވާފައެވެ. މި ބަގާވާތް ނާކާމިޔާބު ކޮއްލުމަށްޓަކައި މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި 3 ހާހަށް ވުރެ ގިނަ ސްޕެޝަލް ފޯސަސްގެ ސިފައިން ބައިވެރި ވެފާވެއެވެ.
ޖަރުމަނުގެ 15 ސިޓީއެއްގެ 150 އަށް ވުރެ ގިނަ ގެ ބަލާ ފާސް ކޮއްފައިވެއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 25 މީހަކު ވަނީ ހައްޔަރު ކޮއްފައެވެ. އަދި އިތުރު އެތައް ބަޔަކާއި ދަނީ ސުވާލުކޮށް ތަހުގީގު ކުރަމުންނެވެ.
މި ބަގާވާތް ރާވާފައިވާ އެންމެ އިސް ފަރާތަކީ ޖަރުމަނުގެ ކުރީގެ ރަސްކަލުން ހެންއިންރިޗް 9 ގެ ދަރިކަލުން ޕްރިންސް ހެއިންރިޗް 13 އެވެ. ޕްރިންސް ހެއިންރިޗް 13 އަކީ މިހާރު އުމުރުން 71 އަހަރުގެ ބޭފުޅެކެވެ.
ޖަރުމަނުގެ ފްރެންކް ފާރޓް ސިޓީގައި ފިލާ ހުންނަވަނިކޮށް ޕްރިންސް ވަނީ ހައްޔަރު ކޮއްފައެވެ. ހައްޔަރު ކުރި އިތުރު މީހުންގެ ތެރޭގައި ޖަރުމަނުގެ ކުރީގެ ފާ ރައިޓް ޕާލަމެންޓް މެންބަރަކާއި މިހާރު ވެސް ޖަރުމަނުގެ ސިފައިންގެ ތެރޭގައި އުޅޭ އިސް އޮފިސަރަކާއި ކުރީގެ ޕޮލިސް އޮފިސަރަކާއި ޖަރުމަނުގެ އެލީޓް ސްޕެޝަލް ފޯސަސްގެ މެންބަރުން ހިމެނެއެވެ.
ޖަރުމަނުގެ ބަގާވަތް ރޭވުމުގައި ފައިސާގެ ގޮތުންނާއި ހަތިޔާރުން ރަޝިޔާގެ އެހީތެރިކަން ފޯރުކޮށް ދިންކަމުގެ ތުހުމަތުތައް ވަނީ ކޮއްފައެވެ. ޔުކުރޭން ރަޝިޔާ ހަގުރާމައިގާ ޖަރުމަނުގެ ސަރުކާރުން ރަޝިޔާއާއި ދެކޮޅަށް ޔުކުރޭންއަށް އެހީތެރިވެދޭތީ ރަޝިޔާއިން މި ބަގާވާތައް ވާގިވެރި ވެދާނެ ކަމަށް ބައެއް ނޫސްތައް ބުނެވެ. ނަމަވެސް ރަޝިޔާއިން ދަނީ އެ ތުހުމަތުތައް ދޮގުކޮށް އެކަމަކީ ޖަރުމަނުގެ ދާހިލީކަމެއް ކަމަށް ބުނެފައެވެ.
ޖަރުމަނުގެ ވާތުފިޔާގެ ހަރުކަށި ޖަމާއަތައް ނިސްބަތްވާ އެކްޓިވް މީހުންގެ ގޮތުގައި 19 ހާސް މީހުން އުޅޭނެ ކަމަށް ބެލެވެއެވެ. ޖަރުމަނުގެ ސަރުކާރުން ވަނީ މި ފަރާތްތަކުން އިތުރު ނުރައްކަލެއް ކޮށްފާނެ ކަމަށް ބަލާ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮއްފައެވެ.