ގުރުބާންކުރާ ޖަނަވާރު ގައްޒާއަށް އެތެރެވުން ހުއްޓުވައިފި!

ގައްޒާގެ ހުރިހާ ބޯޑަރެއް ހުރަސްކޮށް ގުރުބާންކުރާ ޖަނަވާރުތައް އެތެރެވުން ވަނީ ހުއްޓުވައިފަ

ގުރުބާންކުރާ ޖަނަވާރު ގައްޒާއަށް އެތެރެވުން ހުއްޓުވައިފި!

ދުނިޔޭގެ ކަންކޮޅުގައި މުސްލިމުން އީދު އުފާ ފާޅުކުރަނީއެވެ. ކައި ބަނޑު ފުރާލައިގެން ކުޅިވަރާއި މަޖަލުގައި ކޮރުލާ ނަށަނީއެވެ. އެހެންނަމަވެސް ގައްޒާގެ ލައްކައެއްހާ މުސްލިމް އާއިލާއަށް ބޮޑު އީދު ފާހަގަކުރުމާއި އުލުހިޔާ ކަތިލުމުން ވަނީ މަހުރޫމްވެފައެވެ. ގުރުބާން ކުރުމަށް ނައަމްސޫފި ގާޒާއަށް އެތެރެކުރުން އިޒްރޭލުން ވަނީ މަނާކޮށްފައެވެ. ބޮޑު އީދުގައި އުލުހިޔާ ކަތިލުމަކީ އިސްލާމީ ދީންގައި ކުރެވޭ ސުންނަތްކަން ގަދަ އަޅުކަމެކެވެ.

ރަފާހުގެ ބޯޑަރު ހިމެނޭ ގޮތަށް ގައްޒާގެ ހުރިހާ ބޯޑަރެއް ހުރަސްކޮށް ގުރުބާންކުރާ ޖަނަވާރުތައް އެތެރެވުން ވަނީ ހުއްޓުވައިފައެވެ. އީދު ދުވަހުގެ ކުރިން ގައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ މި މަނާކުރުމަކީ އިންސާނީ ހައްގުތަކާ ސާފުކޮށް ހިލާފުވީ ހިލާފުވުމެއް ކަމަށެވެ. ގުރުބާން ކުރާ ސޫފިތައް އެތެރެވުން ހުއްޓުވުމަކީ އިންސާނީ އަދި އިސްލާމީ އަގުތަކަށް އެއްވެސް އަޅާނުލުމެއް ނެތްކަން އަންގާދޭ ކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ގުރުބާންކުރާ  ޖަނަވާރުތަކަކީ ބޮޑު އީދުގެ މުހިންމު ބައެއް ކަމަށްވާއިރު ބައިނަލްއަގުވާމީ މުޖުތަމައުން ސީރިއަސްކޮށް ތަދައްހުލުވެ ނަސްލު ނައްތާލުން ހުއްޓުވުމަށާއި މުސްލިމުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ހުއްޓުވަން ޖެހޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމްދީނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މި ޖަރީމާތައް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޒިންމާ އިސްރާއީލާއި އެމެރިކާގެ ވެރިކަމުން އުފުލަންޖެހޭ ކަމަށް ގައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ. 

އިޒްރޭލުން ގައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާ ހިންގަންފެށި ފަހުން ގާތްގަނޑަކަށް 37،300 ފަލަސްތީނު މީހުން ގައްޒާގައި ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަނެއްކޯލުން 85،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ގައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ. އިސްރާއީލުގެ ހަނގުރާމައަށް މިވީ އަށް މަސް ދުވަހުގެ ތެރޭގައި އޮތީ ގައްޒާގެ ބޮޑު ސަރަހައްދުތަކެއް ފަނާވެ ކާނާއާއި ސާފު ފެނާއި ބޭސް ފަދަ ތަކެތީގެ ނުރައްކާތެރި ހިސޯރެއްގެ ތެރޭގައެވެ.