މަކަރާހިލަތުގެ ކައިވެނި މަޅިއެއްގައި ބެދޭ ފިރިހެނުން ގިނަވެއްޖެ
މަކަރުވެރި ކައިވެނި އެޖެންސީތައް ހޯދުމަށް މުޅި ޗައިނާގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ
"ފްލޭޝް މެރިޖް" ގެ ނަމުގައި ހިންގާ ކައިވެނީގެ މަކަރާއި ހީލަތުގެ މަޅީގައި ގިނަ އަދަދެއްގެ ޗައިނާ ފިރިހެނުން ދަނީ ޖެހެމުންނެވެ. ޗައިނާގައި ފަހަކަށް އައިސް އިތުރުވަމުންދާ "ފްލޭޝް މެރިޖް" ނުވަތަ އަވަސް ކައިވެނިތައް ކޮށްދޭ އެޖެންސީތަކުގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ފިރިހެނުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިފަދަ ހާދިސާއެއްގެ ޝިކާރައަކަށްވި އުމުރުން 37 އަހަރުގެ ވަންގް ޖުއާންގް ކިޔައިދިން ގޮތުގައި، ގުޔަންގްގައި ހުންނަ މެޗްމޭކިންގް އެޖެންސީއެއް މެދުވެރިކޮށް އޭނާ ކުރި ކައިވެންޏަށް ގާތްގަނޑަކަށް 400،000 އާއި 500،000 އާ ދެމެދުގެ ޔުއާން ހަރަދުވިއެވެ. ނަމަވެސް، ކައިވެންޏަށްފަހު އޭނާއަށް އެނގުނު ގޮތުގައި އެ އަންހެން މީހާ ވަނީ އޭނާގެ މާޒީގެ ގިނަ މައުލޫމާތުތަކެއް ސިއްރުކޮށްފައެވެ. އޭނާއަކީ ބޮޑެތި ދަރަނިތަކެއް އޮތް މީހެއްކަންވެސް ފަހުން ވަނީ ހާމަވެފައެވެ. ވަންގް އެހީތެރިކަމަށް އެދި އެޖެންސީއަށް ދިޔައިރު، އެ ތަން ވަނީ ބަންދުކޮށް، އެތަނުގެ މީހުން ފިލާފައެވެ.
ޗައިނާގެ އާބާދީގައި އަންހެނުންނަށްވުރެ ފިރިހެނުން އިތުރުވުމުގެ ސަބަބުން، ކައިވެނިކުރާނެ ބައިވެރިން ހޯދުމަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗައިނާގައި އަންހެނުންނަށްވުރެ ފިރިހެނުންގެ އަދަދު ގާތްގަނޑަކަށް 30 މިލިއަން އިތުރެވެ. މިކަމުގެ ނާޖާއިޒު ފައިދާ ނަގައި، އަވަސް ކައިވެނިތައް ކޮށްދޭނެ ކަމަށް ބުނާ އެޖެންސީތަކުން ދަނީ އާންމުންނަށް އޮޅުވާލަމުންނެވެ.
މައްސަލަ ބޮޑުވުމާ ގުޅިގެން ޗައިނާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން 2024 ޖެނުއަރީން ފެށިގެން 2025 މާރިޗްގެ ނިޔަލަށް، ކައިވެނީގެ ވިޔަފާރީގެ ތެރޭގައި ހިންގާފައިވާ އެކި ކުށްތަކާ ގުޅިގެން 1546 މީހުންގެ މައްސަލަ ޕްރޮސެކިއުޓަރުން ވަނީ ބަލާފައެވެ. އަދި ސަރުކާރުގެ ފަސް އިދާރާއަކުން ގުޅިގެން މިފަދަ މަކަރުވެރި އެޖެންސީތައް ހޯދުމަށް މުޅި ގައުމުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
ޤާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ މައްސަލަތަކުގައި ދައުވާ ސާބިތުކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ، އެކަން އެމީހުން ކުރީ ކުރީއްސުރެ ރާވައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ނިޔަތުގައިކަން ކައިވެނިކުރި މީހާ ސާބިތުކޮށްދޭން ޖެހޭތީއެވެ.
ވަންގް ފަދަ މިކަމުގެ ޝިކާރައަކަށްވި ފަރާތްތަކުން މިހާރު ދަނީ، އަވަސް ކައިވެނިތައް ކޮށްދޭނެ ކަމަށް ބުނެ އިޝްތިހާރުކުރާ އެޖެންސީތަކަށް ސަމާލުވުމަށް އެހެން މީހުންނަށް އިންޒާރު ދެމުންނެވެ.


