ވެރިކަމުގެ ހަމަހުން ބޭރުގެ ނުފޫޒުން ސަލާމަތެއް ނުވެވުނު!
އިންޑިއާއިން ސިފައިންގެ ފައުޖުތައް ގެނެސް ގަދަވެ ގަންނަން އުޅުނު ކަމަކަށް މިހާރަކުނުވޭ!
ތެދެކެވެ. މުއިއްޒު ސަރުކާރަށް 6 މަސް ވެއްޖެއެވެ. ހިނގާދިޔަ ހަމަހުގެ ތެރޭގައި ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެއްޖެ ކަމަށް ބުނެ ހޭނުބަހައްޓާ ބަޔަކު އެބަ އަޑު އަރުވައެވެ. މިނިވަންކަމާއި ސިޔާދަތީ ބާރު ކަށަވަރުކުރެވުނު ކަމަށް އެބަޔަކު އަނގަ ފުރާފާ އެބަ ކިޔައެވެ.
އަޖައިބެކެވެ. މިހާރުނެތް ބޭރުގެ ނުފޫޒެއް ކުރިއަކުންވެސް ނެތެވެ. ކުރިން ނެތް މިނިވަން ކަމެއް އަދި ކުރިންނެތް ސިޔާދަތެއް މިހާރަކުވެސް ނެތެވެ. ކުރިން އޮތް މިހާރު ނެތް އެއްޗަކީ ވެރިކަމުގައި ތިބި މީހުންނެވެ. އެނޫން ހުރިހާ އެއްޗެއް ކުރިއަށްވުރެވެސް ބޮޑަށް މިހާރު އެބަ އޮތެވެ. ވެރިކަމަށް އައުމަށް ކީހާޅެންވީ ފަރިއްސަށެވެ. މުއިއްޒު ބުނިގޮތަށް ބޭރުގެ ނުފޫޒުން ސަލާމަތްވެ މިނިވަންކަން ކަށަވަރެއްނުވިއެވެ.
އޮޅުވާލަން ނޫޅޭށެވެ. ވެރިކަމަށް ދަހިލަވައިގެން ފަޔަށް ހިނި އަރައިގެން އުޅުނީ އިންޑިއާ މިލިޓަރީ މިތާ އެބައޮތޭ ކިޔައިގެންނެވެ. އުތުރުތިލަފަޅާއި ހަނިމާދުއާއި ކައްދުއާއި ގަމުގައި އިންޑިއާ މިލިޓަރީ އޮވެގެންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ބާލަން ވައުދުވީ މުއިއްޒެވެ. ވެރިކަމަށް އިންތިހާބުވީ ފަހުންވެސް ދެހާހަށް ވުރެ ގިނަ އިންޑިއާސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ ވާހަކަދެއްކީ މުއިއްޒެވެ. ވެރިކަން ލިބުނު ފަހުން އައްޑޫސިޓީން ކަނޑުވެ ގެއްލުނު ކުއްޖަކު ހޯދަން އިންޑިއާގެ ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު މުއިއްޒު ބޭނުން ނުކުރީ އިންޑިއާ އަސްކަރީ އުޅަނދު ފަހަރަށް ވެގެންނެވެ.
އާހިރުގައި 2000އަށްވުރެ ގިނައިން ތިބިކަމަށް ބުނި އިންޑިއާ ސިފައިން ތިބިކަމަކަށް ނުވިއެވެ. އިންޑިއާގެ އަސްކަރީ ދެހެލްކޮޕޓަރާއި ޑޯނިއާ ބޯޓު ފޮނުވައެއް ނުލެވުނެވެ. ނަމުގައި 76 ސިފައިން ފޮނުވާލާ މަދަނީންގެ ނަމުގައި 76 މިލިޓަރީ މީހުން އެތެރެކޮށް ކުރިންވެސް ހިންގި އަސްކަރީ ވައިގެ އޮޕަރޭޝަން އެގޮތުގައި ހިންގަން ފެށީއެވެ. ސެނަހިޔާގައި ތިިބި އަސްކަރީ ސިފައިންގެ ސަބަބުން މިހާރަކު ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަކަށް ނުވެއެވެ. އުތުރު ތިލަފަލުގައިވެސް އިންޑިޢާ ސިފައިން ތިބިކަމަކަށް ނުވެއެވެ.
އެއްވެސް އިރަކު އިންޑިއާއިން ސިފައިންގެ ފައުޖުތައް ގެނެސް ރާއްޖޭއަށް ގަދަވެ ގަންނަން އުޅުނު ކަމަކަށް މި ސަރުކާރަކަށް ނުވިއެވެ. ލޯނު ނަގާށާއި ލޯނު ސްޓްރަކްޗަރ ކުރުމަށްވެސް މުއިއްޒު ސަރުކާރަށް އިންޑިއާ މިހާރު އޯކޭއެވެ. މުއިއްޒުގެ ވެރިކަމުގައި ކަނޑުއަޑީގެ ސާވޭ އިންޑިއާ އާއި ޗައިނައިން ކުރިޔަސް އެއީ މައްސަލައެއް ނޫނެވެ. އެމެރިކާއިން ލޯއަޅާލުމުން އިޒްރޭލް ބޭން ނުކުރެވުނަސް އެއްޔަކީ ބޭރުގެ ނޫފޫޒެއްގެ ދަށުވުމެއް ނޫނެވެ. ފައިސާނުދީ ބޭރުގެ ކަރުދާސް ކުންފުނިތަކަށް ރާއްޖޭގެ ބިންތައް ކަނޑަކަނޑާފާ ބާޓާ އުސޫލުން ބަހާ ހުސްކުރިޔަސް އެއްޔަކީ ސިޔާދަތަށް އޮތް ނުރައްކަލެއް ނޫނެވެ. ބޭރުގެ ނުފޫޒެއް ނެތި މިނިވަންކަމާއި ސިޔާދަތު ކަށަވަރު ނުވާކަމަށް މިވަނީ މުއިއްޒު ނޫން މީހަކު ވެރިކަމުގައި ހުރީމައެވެ.