މުއިއްޒަށް އެމްޑީޕީ ނައްތައެއް ނުލެވޭނެ!
މުއިއްޒު ސައިޒް ކުރަނީ ޔާމީން
އެމްޑީޕީ ފިކުރު ނައްތާލަން ނިކުމެ ހަޅޭފަޅޭ މިޖަހަނީ ފިކުރެއް ހަމައެއް ލަމައެއް ހުރިބައެއް ނޫނެވެ. އެމްޑީޕީ ފިކުރަކީ ގަދަ 30 އަހަރުގެ ވެރިކަން މުލުން ލުހެލި ފިކުރެވެ. އެމްޑީޕީ ފިކުރަކީ ގޮށްމުށާ އަނިޔާވެރިކަމާ ދެކޮޅު ފިކުރެވެ. އެމްޑީޕީއަކީ ޑިމޮކްރަސީއާއި ސިޔާސީ އިސްލާހުގެ ފިކުރެވެ. އެމްޑީޕީ ފިކުރަކީ އެފިކުރެއްގެ ޖަނާޒާ ބާއްވަން އުޅުނު ގިނަބަޔަކު އިސްލާހުވެ އެފިކުރަކާ ގުޅުނު ފިކުރެވެ.
ފިކުރެއް ހަމައެއް ލަމައެއް ނެތް މިނިކާ ބާޒަކަށް ވައްވައް ޖެއްސޭނީ ފިޔޮއް ކުކުޅެއްގެ ކުރިމަތީގައެވެ. އެމްޑީޕީގެ ކުރިމައްޗަކު ވައްވަކެއް ނުޖެއްސޭނެއެވެ. ތުނބުލައިގެން ގެންގޮސް ވަކިގަނޑު ދަށުލާ ވީދައިގެން ކެވޭނީ ފަތްނުފަޅާ ޅަފިޔޮއް ގަނޑެކެވެ. މައިކުކުޅު ކޮއްޓަކަށްލާ ބަންދުކޮށްފައި ކައިރީގައި ތިބި ކުދިކުދި ފިޔޮއްތަކެއް ޖަހައިގަނެގެން ގެންގޮސްގެން ބަނޑުދަށުލައިގެން ގެންގުޅެވޭނީ މައި ފިއްލަވާލަން ދެނެވެ.
ޔާމީނު ވިދާޅުވީ ހަމަރަނގަޅަށެވެ. ކިތަންމެ ހުތޫރަތްތެރި ވިޔަސް މިނިކާ ބާޒަކަށް ހަނި ފުރުސަތެއް ވެސް ދޭކަށް ނުވާނެއެވެ. އެހެނެއް ކަމަކު ދަނޑިވަޅުބަލާ މިނިކާ ބާޒުހެދިގެން މުއިއްޒު އެހުރީ ދޮގުދޮލަގެއް ވިއްކައިގެން އެނގަކުރި ހިފައިގެންނެވެ. މަގުމަތީ ހޮވާކާން އުޅުނު ފިޔޮއްތަކުގެ ބަނޑު ފުރާދީގެން އެތިބީ ގުނބޯ ހައްދާފައެވެ. މުއިއްޒު ކިޔާހާ ލަވަޔަކަށް އެކަކަށް ވުރެ މޮޅަށް އަނެކަކު ކޮރުލުމުގައި ހަމައެއް ލަމައެއް ނެތެވެ.
ވާނީ އެހެންތާއެވެ. މުއިއްޒު މުގައްދަސް ކުރާ ކޮންމެ މީހަކަށް ދައުލަތުގެ ހަޒާނާ އޮތީ ތައްމިނަށް ހުޅުވާލާފައެވެ. އެއިން ކޮންމެ މީހެއްގެ އަނބިދަރިން ފެށިގެން ވަންހަ ދިލަކޮޅަށް ދައުލަތުން މުސާރަދެއެވެ. މަހު އެއްޗެތިކޮޅުދެއެވެ. ދެނަކާ ދެނެއް ނެތެވެ. ވީމޮޅުގައި އެއެއް މިއެއް ނުބަލައެވެ. ދޮގު ދޮލަނގު ބޮލަށްލައިގެން ރާރާ ގުޑިތަކެއްހެން އެއްވާނަކަށް ދޮގުވިއްކަން ނިކުމެ ހޯބޯ ލަވަނީއެވެ.
މުއިއްޒުގެ އަޅުކުދިންކޮޅު ނަފްރަތުގެ ހުޅަށް ޕެޓްރޯލު އަޅަމުން މާރާމާރީއަށް ދެމުންދާ ހިތްވަރު ރާއްޖޭގެ އެތައް މިތަނުން ފެންނަން ފަށައިފިއެވެ. ވާދަވެރި ކެންޕޭނާއި ވާދަވެރި ސިޔާސީ ހަރަކާތަކީ މުއިއްޒު ދަންނަ ކަމެއްނޫނެވެ. ގަދަކަން ދެއްކުމާ މަވެތިކަން ނޫން ކަމެއް މުއިއްޒާ މުއިއްޒުގެ އައުވާނުންގެ ފުށުން ފެންނަމަކުން ނުދެއެވެ. ފާޅުގައި ނިކުމެ ވާދަވެރިންނާ ކުރިމަތިލާ ތަޅާފޮޅާ މާރާމާރީ ހިންގުން މިވަނީ އާއްމުވެފައެވެ. މުއިއްޒު އެމްޑީޕީ ފުހެލުމަށް ފާޅުކަން ބޮޑުކޮށް ހިންގާ ނޭއްގާނި ކަންކަމާއި ފަތުރާ ނަފްރަތުގެ ބަސްތަކުން މުޅި ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިއެވެ.
އެހެން ނަމަވެސް އެމްޑީޕީ ފިކުރު ނައްތާލަން މުއިއްޒު ކުރާ ކޮންމެ ކަމަކުން އެމްޑީޕީ އިތުރަށް ވަނީ ވަރުގަދައެވެ. އިތުރު ވަނީ ޖޯޝެވެ. ދުރަށްޖެހި އެކަހެރި ވެލައިގެން ތިބިހާ މީހުން އެއް ރޫހެއްގައި ނިކުމެ ދަނީ އަތުގުޅަމުންނެވެ. އެމްޑީޕީގެ ދިފާއުގައި ހިތާ ރޫހުން ގުޅި ލާމެހެމުންނެވެ. ބައިލައްކައަށް ވުރެ ގިނަ ދިވެހިން ހިމެނޭ ބޮޑު ބިޔަ ޕާޓީއެއް ނައްތާލަން ގައިވީދިޔަސް އެމްޑީޕީއަށް ކަހަރުވަކެކޭވެސް ހީނުވާނެއެވެ.
ކުރިއަށް އޮތް އާންމު އިންތިހާބުގައި މުއިއްޒަށް މަޖިލިސް ގެއްލޭތަން ފެނި އަތްފައި ބަޅާބޫޅި ކުރިޔަސް ހަމަ ދާނީ ޗޮކުންނެވެ. ޕީޕީއެމްގެ ދެނައިބުން ހައިޖެކްވެފާ ތިއްބަސް ޕީޕީއެމް އާންމު ގިނަ މެންބަރުން ތިބީ ފިސާރި މިނިވަން ކޮށެވެ. އެ މީހުންގެ ހަގީގީ ލީޑަރ ޔާމީނަށް ނިކަން ވަފާތެރިކޮށެވެ. މުއިއްޒުގެ އުނގަށް ވެއްޓިގަތް ގައްދާރުންނަށް ޔާމީނުގެ ހިތް ހެވެއް ނުވާނެއެވެ. އެމީހުން ވެފައި އެތިބީ ފުޅަނތްގަށެވެ. ހަމަތެދެކެވެ. ސިޔާސީ ގޮތުން މުއިއްޒު ސައިޒު ކުރާނީ ޔާމީނެވެ. އެމްޑީޕީ ހިމޭނުން ބަލަން އޮތަސް މުއިއްޒަށް މަޖިލިސް ލިބޭތަނެއް ނުފެނެއެވެ. މުއިއްޒަށް ދައުރު ނިންމޭ ތަނެއް ވެސް ނުފެނެއެވެ.