ފެނަކައިން ތ. އަތޮޅުގައި ބިނާކުރާ 10އޮފީހުން ފުރަތަމަ އޮފީސް
ހިރިލަންދޫގައި ބިނާކުރި ފެނަކަ އޮފީސް އިމާރާތް ހުޅުވާދެއްވީ ރައީސް ސާލިހު
ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި ފެނަކަ އޮފީސް އިމާރާތް ރަސްމީގޮތުން ހުޅުވައިފިއެވެ. އިމާރާތް ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ކޮޅުމަޑުލު ހިރިލަންދުއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު ހިރިލަންދޫ ފެނަކަ އިންޖީނުގެ ސަރަހައްދުގައެވެ.
ރައީސް ހުޅުވާދެއްވި މި އިންޖީނުގޭގެ އޮފީސް އިމާރާތުގެ ސަބަބުން މުވައްޒަފުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުރިހަމަ ވެގެންދާނެއެވެ. ހިރިލަންދޫގައި އަލަށް ހުޅުވުނު ފެނަކަ އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ހިރިލަންދޫ ރައްޔިތުންނެވެ. އެކަން ރައީސް ސާލިހު ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.
ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކަރަންޓްގެ ހާލަތުގެ މައްޗަށް ބައްލަވާލައްވައި ރައީސް ސާލިހު ވަހަކަފުޅު ދެއްކެވިއެވެ. މީގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަން ފާހަގަ ކުރައްވަމުން މިސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ވިދާޅުވިއެވެ. އެގޮތުން ހިރިލަންދޫގެ ކަރަންޓްގެ ހާލަތުވެސް ބޮޑުތަނުން ރަނގަޅު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތް ކުރި އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ވަނީ އެ އިމާރާތް ބައްލަވާ ލައްވާފައެވެ. ހިރިލަންދޫގައި ބިނާކުރި ފެނަކަ އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ. ތ. އަތޮޅުގައި ފެނަކައިން އިމާރާތް ކުރަމުން ދިޔަ 10 އޮފީސް އިމާރާތުގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ އޮފީސް އިމާރާތަކީ ހިރިލަންދޫގައި ރައީސް ސާލިހު ހުޅުވާދެއްވި އިމާރާތެވެ.