ދަނގެތީގެ ފެނުގެ ވިއުގަ ބަދަލުކުރުން

365 ޓަނުގެ ދެ ޓޭންކާއި 7000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅާނެ

ދަނގެތީގެ ފެނުގެ ވިއުގަ ބަދަލުކުރުން

އދ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވާދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، ދަނގެތީގެ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދެވެ.

ދަނގެތީގެ ފެނުގެ ނިޒާމް 2018 ވަނަ އަހަރުގައި ގާއިމް ކުރެވުނު ނަމަވެސް، މިއަދާ ހިސާބަށް ވެސް އެ ނިޒާމްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށް ދަނގެތި ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދު ވިދާޅުވިއެވެ. އެރަށުގައި 18 ގެސްޓް ހައުސްގައި 280 އެނދު އޮޕަރޭޓް ކުރަމުންދާއިރު ފެން ލޮނުވެފައިވާ މައްސަލައަކީ އަބަދުވެސް ފަތުރުވެރިންގެ ޝަކުވާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއާއި ހަވާލުވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި ދަނގެތީގެ ކައުންސިލްގެ ފަރާތުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅުނު ކަމަށެވެ. އޭރުވެސް ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވިގޮތުގއި އެރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ހައުސިން މިނިސްޓްރީއާއި ހަވާލު ކުރި ކަމަށާއި، އަދި ސަރުކާރުން ސްޓެލްކޯއާއި އެ ނިޒާމް ހަވާލު ކުރުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާއި ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނައިރު، އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރުގައި އެ ހިދުމަތްދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތްތޯ ބެލުން ކަމަށް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އޭނާ ސްޓެލްކޯއާއި ހަވާލުވެ ވަޑައިގެން އިރުވެސް އޮތީ މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލު ތަފާތުވުމެއްގައއެވެ. ޝަރީފުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެހިދުމަތް ލިބިދެވޭނީ ކިހިނެތްތޯ ބެލުމެވެ. އެގޮތުން ސްޓެލްކޯގެ ކަމާއި ގުޅުން ހުރި ޑީޕާޓްމަންޓުގެ ވެރިޔާއަށް ފެނުގެ ހިދުމަތް ދަނގެތީގައި ދެވޭނީ ކިހިނެތްތޯ ބެލުމަށް ހަވާލު ކުރިއިރު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އޭގެ މައުލޫމާތުތައް ދެއްވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާކަމަށްވާނަމަ، ބޭރުގެ އެކުންފުނިން، މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ، އެއްގޮތަކަށްވެސް މިވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އޭގެ ދެ ސަބަބެއް ދަންނަވާލާނަން. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު، ލޯވަޅު އެޅި ފެން ނުހިފަހައްޓާ. އަދި އާރުއޯ ޕްލާންޓުވެސް އެކަށީގެންނުވާ ޕްލާންޓެއް ހުރީ. އެއަށް ބޭނުންވާ ވަރަށް ނޫފެއްދޭ ވަރުގެ ޕްލާންޓް ހުރީ. އެއަށްވުރެ މުހިއްމު އަދި މި ހިދުމަތް އެއްގޮތަކަށްވެސް ނުދެވޭނެ ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މިތަނުގައި އަޅާފައިވާ ހޮޅިތައް ނުވަތަ ނެޓްވޯކް. އެ ހޮޅިތަކަކީ އެއްގޮތަކަށްވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް ފެން ޕްރެޝަރުގައި ދޫކޮށްލުމަށް އެކަށީގެންވާ ހޮޅިއެއް ނޫން." ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދަނގެތީގައި މިވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ފެން ޕްރެޝަރުގައި ދޫކުރުމާއި އެކު ލީކުވާން ފެށިކަމަށް ޝަރީފް ވިދާޅުވިއެވެ. ހޮޅި އެކި ދިމަދިމާލުން ފަޅައިގެން ގޮސްފައިވުމުން މިނިސްޓްރީގައި ދަންނަވައިގެން ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ. އަލުން މިނެޓްވޯކް ގާއިމް ކުރާއިރު، 365 ޓަނުގެ ދެ ޓޭންކާއި، 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލު ކުރުމާއި، 7000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަނގެތީގެ ފެނުގެ ވިއުގަ ބަދަލު ކުރުމަށް ދީފައި އޮތީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ތިން މަސް ދުވަހުގެތެރޭ އެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.