ސްޓެލްކޯއިން ދިއްފުށީ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ގާއިމުކުރުން

ހެޔޮވެރިކަން: ކަރަންޓް، ރައްކާތެރިކަމާއެކު ބޭނުންވާ މިންވަރަށް ފޯރުކޮށް ދިނުން

ސްޓެލްކޯއިން ދިއްފުށީ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ގާއިމުކުރުން

ރައީސް ސާލިހުގެ ހަމަހަމަ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ކަންކޮޅު ތަކުގައި ގިނަގުނަ ހިދުމަތް ތަކެއް ގާއިމުކޮށް ދެމުން އެބަދެއެވެ. ގާއިމުކޮށްފައި ވާ ހިދުމަތްތައް އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް ފުޅާކުރަމުން އެބަދެއެވެ. ފުޅާވަމުން އަންނަ ގެސްޓް ހައުސް ވިޔަފާރި ތަކަށާއި ރައްޔިތުންނަށް ބޭނުންވާ ކަރަންޓް، ރައްކާތެރިކަމާއެކު ބޭނުންވާ މިންވަރަށް ފޯރުކޮށް ދިނުމަކީ މި ސަރުކާރުގެ ހަމަހަމަ ސިޔާސަތުގެ އެއް އަމާޒެވެ.

އިހުތިސާސުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށާއި ގެސްޓް ހައުސްތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ސްޓެލްކޯ ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން އެ ރަށްރަށުގެ ކަރަންޓްގެ ވިއުގަ ފުޅާކޮށް ފެންވަރު މަތި ކުރުމަކީ މެދުނުކެނޑި ސްޓެލްކޯއިން ކުރަމުންދާ ކަމެކެވެ.

މާލެ އަތޮޅު ދިއްފުއްޓަކީ ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރަމުން އަންނަ ރަށެކެވެ. ގެސްޓް ހައުސްތަކަށް ބޭނުންވާ ވަރަށް ކަރަންޓްގެ ހިދުމަތް ލިބުމަކީ އެ ވިޔަފާރި ދެމެހެއްޓުމަށް ބޭނުންވާ މައިގަނޑު އެއް ވަސީލަތެވެ.

ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ދިއްފުށީގައި ވެސް ދެވޭ ކަރަންޓްގެ ހިދުމަށް ފުޅާކޮށް ފެންވަރު މަތި ކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް ސްޓެލްކޯއިން ކުރަމުން ދެއެވެ. އެގޮތުން ދިއްފުށީގައި މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ގާއިމުކޮށް މިއަދު ބޭނުންކުރަން ވެސް ފަށައިފިއެވެ.

ދިއްފުށީގައި މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ގާއިމުކޮށް ހިދުމަތް ދޭން ފެށުމުން ދިއްފުށީގެ ރައްޔިތުންނާއި ގެސްޓް ހައުސް ތަކަށް ކުރިމަތި ވަމުން ދިޔަ ކަރަންޓް ވޯލްޓޭޖް ޑްރޮޕް ވުމުގެ މައްސަލަ ފަދަ އެތައް މައްސަލައެއް ހައްލުވެގެން ދާނެއެވެ.