ހިތާދޫ މީހުނަށް ފެންލިބުނަސް ނުލިބުނަސް މުއިއްޒަށް ވަރިހަމަ!
ހިތާދޫ ފެނުގެ ނިޒާމްގެ ހުރިހާ ކަމެއްހެން ނިންމީ އެމްޑީޕީ ވެރިކަމުގައި
އެމްޑީޕީގެ ވެރިކަމުގައި ކުޑަރަށެއް ބޮޑުރަށެއް ނުބަލާ އަސާސީ ހިދުމަތް ގާއިމުކޮށް ދިނުމުގެ މަސައްކަތް ވަނީ ވަރަށް ބާރަށް ކުރިއަށް ގެންގޮސްފައެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ނެތް ހުރިހާ ރަށެއްގައި ހިދުމަތް ގާއިމުކުރަން އެމްޑީޕީގެ ވެރިކަމުގައި ވަނީ ފަށާފައެވެ.
އެމްޑީޕީ ވެރިކަމުގެ ފަސް އަހަރު ނިމުނު އިރު ގިނަރަށް ތަކެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމް ގާއިމުކޮށް ނިންމާ ހިދުމަތް ދޭން ވަނީ ފަށާފައެވެ. މަސައްކަތް ފަށާ ނުނިމިހުރި ގިނަ ރަށްރަށުގައި ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައެއް ވަނީކޮށް ނިމިފައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުމާއެކު އެކަމެއް އެހުރި ހިސާބަކަށް ވަނީ ހުއްޓިފައެވެ. މަދު ތަނެއްގައި އަލުން މަސައްކަތް ފެށިކަމަށް މި ސަރުކާރުން ދެއްކިޔަސް އެއްވެސް ކަމެއް ރަނގަޅަށް ކުރިއަކަށް ނުކަނޑައެވެ. އެހެންނަމަ ބ. ހިތާދޫގައި ފެނުގެ ހިދުމަތް ލިބުނީހެވެ.
ރައީސް މުއިއްޒު ވެރިކަމަށް އެރުމާއެކު އަސާސީ ހިދުމަތުން މަހުރޫމްވުމުގެ ބިރު އެންމެ ބޮޑަށް އޮތް އެއް ރަށަކީ ބ. ހިތާދޫއެވެ. ބަނދަރުގެ މަސައްކަތް ހުއްޓި އަލުން މަސައްކަތް ފެށޭނެ ދުވަހެއްގެ ކޮޅެއް މެދެއް ނޭގެއެވެ. އެމްޓީސީސީން ކުރުމަށް ހަވާލުވެފައިވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ކުރީ ސަރުކާރުން އަޅާފައިވާ ފުޓްސަލް ދަނޑުގެ މަރާމާތަށް ނުލާހިކު ބޮޑަށް ބޭނުންވެފައި އޮތަސް އެވަރުގެ ކަމެއްވެސް މިސަރުކާރުން ކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ.
ނަސީބު ރަނގަޅުކަމުން ރައީސް ސޯލިހުގެ ވެރިކަމުގައި ނަރުދަމާ ނިޒާމް ގާއިމުކޮށް ހިދުމަތް ވަނީ ދޭންފަށާފައެވެ. ގޭގޭގެ ސެޕްޓިކް ޓޭންކްތައް ފުރިގެން ބޮޑު ހަރަދުކޮށްގެން ނަޖިސް ވަޅުގަނޑުތައް ސާފުކުރަން އުޅުނު ޒަމާން ނަރުދަމަ ނިޒާމާއެކު މާޒީވެގެން ހިނގައްޖެއެވެ. ނަޖިހުން ތަގައްޔަރު ވަމުން ދިޔަ އަޑީފެން ތަގައްޔަރުވުން މުޅިން ހުއްޓުވައިފިއެވެ.
ވާނީ އެހެންތާއެވެ. ރައްޔިތަކަށް ރަނގަޅެއް ވަނެ ކަމެއް އެމްޑީޕީން ނޫނީ ނުކުރާނެއެވެ. އެމްޑީޕީއަށް ރައްޔިތުންގެ އިހުސާސް އެނގެއެވެ. ރައްޔިތުމީހާއަށް ލުއިފަސޭހަކަމާ ތަނަވަސްކަން ހޯދާދިނުމުގެ ފިކުރަކީ އެމްޑީޕީ ފިކުރެވެ. ރައްޔިތުން އަބަދުވެސް ތިބެންވީ އެމްޑީޕީއާ އެކުގައެވެ.
ހިތާދޫ ފެނުގެ ނިޒާމްގެ ހުރިހާ ކަމެއްހެން ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ ކޮށްނިމިފައެވެ. ރަށުތެރޭގައި ފެންހޮޅި އަޅާ އާރޯ ޕްލާންޓް ބަހައްޓާ ތާނގީތައް ވަނީ ބަހައްޓާ ނިންމާފައެވެ. ގޭގެއަށް ފެންހޮޅިވައްދާ މީޓަރާއި އިސްކުރު ބަހައްޓާވެސް ވަނީ ނިމިފައެވެ. ތާނގީތަކަށް ފެންއަޅާ ޓެސްޓްކޮށް ހިދުމަތް ދެވޭ ވަރަށް ހިތާދޫ ފެނުގެ ނިޒާމް ވަނީ ނިމިފައެވެ.
ރައީސް މުއިއްޒުވެރި ކަމަށް އިސްވެ މިހާދުވަސް ވީއިރުވެސް މަސައްކަތްކުރި ފަރާތުން މަސައްކަތް ނިންމުމުންވެސް ހިތާދޫ ފެނުގެނިޒާމާ ސަރުކާރުން ހަވާލުވެ ހިދުމަތް ދޭނެ އަވައްޖެއް ސަރުކާރަށް ވެވުނު ކަމަކަށް ނުވިއެވެ. ހިތާދޫ ފެނުގެ ނިޒާމާ ސަރުކާރުން ހަވާލުވެ ހިދުމަތް ނުދީ އޮތުމުން ރައްކާތެރި ފެނުގެ ހިދުމަތުން ހިތާދޫ ރައްޔިތުން އަދިވެސް ތިބީ މަހުރޫމުވެފައެވެ. ހިތާދޫ ރައްޔިތުން ފެނުން މަހުރޫމުވެފައި ތިއްބަސް ރައީސް މުއިއްޒު ހުންނަވަނީ ޗައިނާ ސުވަރުގޭ ފެނުން ފޯވެގެން ވިއްޔާއެވެ. ހިތާދޫ ރައްޔިތުން ފެންބުއިއްޔާ ނުބުއިއްޔާ މުއިއްޒަށް ކީއްހޭ ބުނާކަހަލައެވެ.