ފުލުހުންނަށް ކުރުސީ ނުފެނި ކައްޒާބު ފެނުނީ؟!

މުއިއްޒު ބުނެދިން ކަންޒާބީ ސިފަހުރި ވެރިޔަކީ މުއިއްޒު

ފުލުހުންނަށް ކުރުސީ ނުފެނި ކައްޒާބު ފެނުނީ؟!

ކައްޒާބަށް ބޭލޭނީ ކޮން އެއްޗެއްކަން ޗާލީ ތުއްތަށް އެގުނަސް ޗާލީ ތުއްތަކަށް ކައްޒާބަކީ ކާކުކަމެއް ނޭގުނެވެ. ހަސަންކުރުސީއަކީ ކާކުކަން ނޭނގުނަސް ކައްޒާބަކީ ކާކުކަން ދިވެހި ފުލުހުންނަށް މިހާރު އެނގިއްޖެއެވެ. ހަސަންކުރުސީ ހޯދަން އެލަން މަސްކްއަށާއި އިންޓަޕޯލަށް ގުޅައިގެންވެސް ދިވެހި ފުލުހުންނަކަށް ހަސަންކުރުސީއަކީ ކާކުކަމެއް ނުހޯދުނެވެ. އެކަމަކު ފުލުހުންނަށް ކައްޒާބު ހޯދާލާކަށް މާބޮޑުކަމަކަށް ނުވިއެވެ. 

ކައްޒާބަކީ ރައީސް މުއިއްޒެކޭ މަށަކު ނުބުނަމެވެ. ގިނަގިނައިން ދޮގުހަދާ މީހުނަށް ކިޔާއުޅެނީ ކައްޒާބު ކަމަށް ރައީސް މުއިއްޒު ބުނާތީ އަޑުއެހީމެވެ. މުއިއްޒު ބުނާގޮތުން މާގިނައި ދޮގުހަދާނީ ކައްޒާބުންނެވެ. ކައްޒާބު ކިޔަންޖެހެނީ ކިހާވަރަކަށް ކޮންކަހަލަ ދޮގެ އްހެދީމާކަން ނޭގުނަސް ރައީސް މުއިއްޒަކީ ދޮގުމައްޗަށް ދޮގުހެދުމުގައި އެނދުކެނޑިފައި ހުރި ވެރިއެއްކަމަށް ގިނަބަޔަކު ބުނެއެވެ. ދޮގު ހަދައިގެން މީހަކު ކައްޒާބަކަށް ވަންޏާ މުއިއްޒަކީ ކައްޒާބަކަށް ވާނެ ކަމަށް ދެކޭމީހުން ރާއްޖޭގައި ގިނައެވެ. 

ހޯމް މިނިސްޓަރާއި ފުލުހުންނަށްވެސް ކައްޒާބަކީ މުއިއްޒުކަމަށް ގަބޫލުކުރެވުނީ ކަންނޭނގެއެވެ. ޗާލީތުއްތުގެ އެކްސް ޕޯސްޓްގެ ދޭހަ ދާހިލީ ސަލާމަތީ ވަޒީރު އިހުސާން އެކްސްގައި ޕޯސްޓް ކޮށްފައި އެބައޮތެވެ. އޭގައި އޮތް ގޮތުންނާއި މުއިއްޒުގެ ދިފާއުގައި މުއިއްޒުގެ އައުވާނުން އެކްސްގައި ދައްކާފައި ހުރި ވާހަކަތަކުންވެސް ކައްޒާބަކީ މުއިއްޒުކަމަށް ގަބޫލުކުރަން މަޖުބޫރު އެބަވެއެވެ. 

މުއިއްޒަކީ ކައްޒާބުކަމުގައި ދެކޭކަށް މަށަކު ނޫޅެމެވެ. ކައްޒާބަކަށް މީހުންނަށް ކިޔާދީ ކައްޒާބުގެ ސިފަޔަށް ކަންކަން ކުރަމުން ދަނީ މުއިއްޒު ކަމަށް ކުޑަކުދީން ވެސް ކިޔާއުޅޭތީ އިވެއެވެ. ސިނގިރެޓްގެ އަވާގައިކުދިވެރިން ދައްކާހާ ވާހަކައަކަށް ގުނބޯ ހެދެންފެށީމާ އެވެވެނީ މިސްކިތު ހުޅުޖެހި މީހާއަށެވެ. 

ދޮގުހެދުމާއި އުނބަށްޖެހުމާއި ހޮޅިކަންކަން ކުރުމުގައި މުއިއްޒުވަރުގެ ވެރިއަކު ދިވެހީން އަދި ނުދެކެއެވެ. ރަސްމާލެ ހިއްކަން ސާޖިދާގޮވައިގެން ގޮސް ބަނޑުމައްޗަށް އަރާ ތެޅެގަތްހެން ކޮންމެކަމެއް ކުރީމާ ކަންކަން ހޮޅިވެ އުނބަން ޖަހަންޖެހި ކައްޒާބަކަށް ވަނީ އަމިއްލައަށެވެ. މަގެއް މަތިން ފެނުނަސް ނުފެނުނަސް މުއިއްޒު ބުނެދީފައިވާ ކަންޒާބީ ސިފަ އެންމެ މަތީ ދަރަޖައަށް ހުރި ދިވެއްސަކީ ޑރ. މުއިއްޒުއެވެ.