ސަރުކާރު ޓެކްސީ ލައިނާއެކު ބަޔަކު ބަނގުރޫޓްވާނެ
ސަރުކާރުން ޓެކްސީ ލައިނެއް ހިންގުމަކީ ގެއްލުން ބޮޑު އެހާމެ ބޮޑު މުސީބާތަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. އާއްމު ރައްޔިތުންގެ އެތައް ބަޔަކު ބޮޑު އަގުދީގެންނާއި ލޯނު ނަގައިގެން ގަނެގެން ދުއްވާ ކާރުތަކާ ވޭނުތައް ދުއްވުން ހުއްޓާލަން ޖެހުމުގެ ސަބަބަކަށް ސަރުކާރުގެ ޓެކްސީލައިން ވެގެން ދާނެއެވެ. އެކަމުގެ ސަބަބުން އެތައްް ބަޔަކު ދަރަނިވެރިވެ ބަނގުރޫޓްވެ އެތައް އާއިލާއެއް ހާލުގައި ޖެހޭނެއެވެ.
ގިނަ އަދަދެއްގެ ޑްރައިވަރުން ސަރުކާރުގެ ޓެކްސީ ލައިން ހިޔާރުކޮށްފިނަމަ އެތައް ސަތޭކަ ކާރަކާއި ވޭނެއް ހުއްޓި އެއްގަމުގެ ދަތުރު ފަތުރަށް ސްނާމީއަކަށް ސަރުކާރުގެ ޓެކްސީލައިން ނުވެއެއް ނުދާނެއެވެ. ކަލަސީންނަށް ނައު ބައުނުވާ އުސޫލުން ރިސްކު ފްރީކޮށް ޓެކްސީ ޑްރައިވަރުން އުޅެން ދިމާކޮށްފިނަމަ ސަރުކާރުގެ ޓެކްސީލައިންގެ ސަބަބުން ސަރުކާރަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުން ވާނެއެވެ.
ސަރުކާރުގެ ޓެކްސީލައިންގެ ޓެކްސީތައް މަރާމާތުކޮށް ބެލެހެއްޓުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހި ސަރުކާރުގެ ސަބްސިޑަރީ ޗޭނަށް އިތުރުވާ ބޮޅަކަށް ޓެކްސީ ލައިން ވެެގެން ދާނެއެވެ. އަނެއްކޮޅުން ސަރުކާރުގެ ޓެކްސީ ދުއްވާ ޑްރައިވަރުން އަމިއްލަ ޒިންމާގައި މިހާރު އުޅަނދު ބަލަހައްޓާހެން ސަރުކާރުގެ އުޅަދެއް ނުބަލަހައްޓާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ގްރައުންޑްވާ ވެހިކަލްތައް ސަރުކާރުގެ ޓެކްސީ ލައިނުގައި ގިނަވުމެވެ. އެހެންކަމުން ސަރުކާރުން ބަލަހައްޓަންޖެހޭ ނުކުޅެދޭ ދަރިއަކަށް ނޫނީ ޓެކްސީ ލައިނު ނުވާނެއެވެ.
އެތައް ބަޔަކު އާމްދަނީ ހޯދަން ތަރުތީބުވެގެން ހިންގަމުންދާ ދާއިރާއެއްގެ ތެރެއަށްވަދެ ސަރުކާރުން ޓެކްސީ ކުރަން އުޅުމުން ޓެކްސީތަކުގެ ފެންވަރު ދަށްވެ މިހާރަށްވުރެވެސް ޓެކްސީ ލިބުން ދަތިވުންނޫން ކަމެއް ސަރުކާރުގެ ޓެކްސީލައިން ތައާރަފްކުރުމުން ނުވާނެއެވެ.
ސަރުކާރުން ޓެކްސީލައިން ތައާރަފް ކުރުމަކުން ކާރޫބާރު ބޮޑު ތޮއްޖެހިފައިވާ އަޑިގުޑަން މާލޭގެ މަގުތައް ފުޅާވެ ބޮޑެއް ނުވާނެއެވެ. ތޮއްޖެހުމެއް ވެސް ނުކެނޑެނެއެވެ. ޓެކްސީ ކުރަން ސަރުކާރުން އަލަށް ވެހިކަލްތަމެއް މާލޭ މަގުމައްޗަށް ނެރުމުން އިތުރަށް ތޮއްޖެހުން ނޫންކަމެއް ނުވާނެއެވެ.
ސަރުކާރުން ބޮޑުހަރަދެއް ކޮށްގެން ގިނަ އަދަދެއްގެ ޓެކްސީތަކެއް ގަތުމުން ބަޔަކަށް ކަމިޝަނުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާ ލިބޭނެއެވެ. ޓެކްސީ ލައިން ގާއިމުކުރުމުގެ ނަމުގައި ބަޔަކު ސަރުކަރުން ލޫޓުވާލުން ނޫން އެހެން މަންފާއެއް ސަރުކާރު ޓެކްސީ ލައިނަކުން ނުވާނެއެވެ.

