ދަރަނި ދަައްކަން ދަރަނި ނަގާ ދަރަނިން ބޯހިކޭކަށް ނެތް
ދަރަނި އަދާކުރުމަށް ދަރަނި ނެގުމަކީ ރާއްޖޭގައި އަައުކަމެއް ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމި ރައީސް ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެން އިރުވެސް އޭރުގެ ނިސްބަތުން ރާއްޖޭ އޮތީ ދަރަނިވެރިކޮށެވެ. ދަރަނިއަދާ ކުރަން ދަރަނި ނެގުންނޫން ގޮތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އައު ގާނޫނު އަސާސީ ތައާރަފް ވުމާއެކު ގާނޫނު އަސާސީ ލާޒިމުކުރާ އެތައް ހަރަދެއް ދައުލަތުގެ ހޭދައިގެ ތެރެއަށް ވަދެގެން ދިޔައެވެ. ތިންބާރު ވަކިވުމާއި އަލަށް އުފެދުނު މިނިވަން މުއައްސަސާތަކުގެ ހަރަދު ދައުލަތުގެ ދުވަހީ ހޭދައިގެ ތެރެއަށް ވަދެގެން ދިޔައެވެ. ލޯކަލް ކައުންސިލްތަކުގެ ހަރަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހަރަދާއި ކުރީގެ ރަައީސުންގެ ހަރަދު އިތުރު ވެގެން ދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމެއްނެތި އިތުރުވަމުންދާ ގޮތަށް ދައުލަތް ހިންގުން ތަރުތީބުވެގެން ދިޔުމަކީ އުފުލަންޖެހުނު ކުޑަ ތަކުލީފެއް ނޫނެވެ. ފަނޑިޔާރުންނާއި ކޯޓުތަކުގެ މުސްތަގިއްލުކަން ކަށަވަރު ކުރުމަށް އުފުލިގެންދިޔަ މުސާރަ އަކީވެސް ވަކީން ކުޑަ ހަރަދެއް ނޫނެވެ.
ގާނޫނު އަސާސީން ލާޒިމުކުރި ހަރަދުބޮޑު ހިންގުމުގެ ނިޒާމްގެ ތެރެއަށް ބިޔަ ވަޒީރުންގެ މަޖިލީހަށް ހިނގާ ހަރަދު އެހާމެ ބޮޑެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ބާރު ލިބިގެން އުފައްދާ ސިޔާސީ މަގާމުތަކުގެ ގިނަކަމާއި މުސާރައާއި އިނާޔަތުގެ ބޮޑުކަން އޮބި އޮންނަ ވަރެއް ނޫނެވެ.
ގާނޫނު އަސާސީން ލާޒިމުކުރި ހަރަދުބޮޑު ހިންގުމުގެ ނިޒާމް އޮތްގޮތަށް އޮއްވާ ރައްޔިތުން ޑިމާންޑްތައް އިންތިހާއަށް އުފުލި ވައުދު ފުއްދުމަށް ހައްދެއްނެތް މިންވަރަށް ހޭދަކުރަން ޖެހެއެވެ. އަނެއްކޮޅުން ސަރުކާރުތަކުގެ ތެރޭގައި ކަށީގެ މަދުގައި އަށަގެންފައިވާ ކޮރަޕްޝަނާއި ހިޔާނާތާއި އިސްރާފަކީ ދައުލަތަށް އޮތް އެންމެ ބޮޑު އަނިޔާއެވެ.
ލިބޭ މިންވަރަށްވުރެ އެތައް ގުނައެއް ހަރަދު ބޮޑު ދައުލަތަކަށް ދަރނި އަދާކުރަން ދަރަނި ނެނގުން ނޫން ގޮތެއް ނޯވެއެވެ. ޓެކްސް އިތުރުކޮށްގެން ނޫނީ ލިބޭ އާމްދަނީ އިތުރުކުރެވޭނެ މާގިނަގޮތް ގޮތެއް އޮންނަ ކަމަކަށް ނުވެއެވެ. ހަރަދު ކުޑަކުރަން ކުރަން އެނގޭހާވެސް ކަމަކީ ބޭހާއި ކާޑާއި ތެލާއި ކަރަންޓާއި ފެނަށް ދެވޭ ސަބްސިޑީތައް ކަނޑާލުމެވެ. ނުވަތަ ކުޑަ ކުރުމެވެ.
ދަރނި އަދާކުރަން ކުރެވޭހާވެސް ކަމަކީ މަތިމައްޗަށް ދަރަނި ނެގުމެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް އެއް ފަހަރަށްވުރެ އަނެއް ފަހަރު ބޮޑުކޮށް ދަރަނި ވާރުތަކުރުމެވެ.
2026 ވަނަ އަހަރަށް ފާސްކުރި 64 ބިލިއަން ރުފިޔާގެ ބަޖެޓްގެ 12.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެއެވެ. އެހެން އެކަން އޮތް އިރު ހަމައެކަނި 2026 ވަނައަހަރުގެ އެޕްރީލް މަހުގެ ތެރޭގައި 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދަަރަނީގެ ގޮތުގައި ދައްކަން ޖެހެއެވެ. އޭގެ ތެރެއިން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)އަކީ 2026ގެ އެޕްރީލް މަހުގެ 8 އަށް ދައްކަންޖެހޭ ސުކޫކެއްގެ ފައިސާއެވެ. އަނެއް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) 26 އެޕްރީލް 2026 ގައި ބޮންޑަކަށް ދައްކަން ޖެހެއެވެ.
ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުން 2017 ވަނަ އަހަރު ޖީއެމްއާރަށް ގެއްލުމުގެ ބަދަލު ދިނުމަށާއި ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކުރަން ވިއްކި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" ރީފައިނޭންސް ކުރަން ޖެހުނީ 2018 ގަައި އުފެދުނު ރައީސް ސޯލިހުގެ އެމްޑީޕީ ސަރުކާރަށެވެ. އެކަން ކުރީ އެޕްރީލް 2021ގައި އެމްޑީޕީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކަކުންނެވެ. ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ގެއްލުމުން ހަރަދުތައް ފޫބެއްދީވެސް އެ 500 މިލިއަން ޑޮލަރުގެ ސުކޫކުންނެވެ.
ރައީސް ޔާމީނު ވެރިކަމުގައި އުފެއްދި ދަރަނި އަދާކުރީ ދަރަނި ދައްކަން ދަރަނި ނަގައިގެން ރައީސް ސޯލިހު ވެރިކަމުގައެވެ. ރައީސް މުއިއްޒަށް މިއޮތީ ދަރަނި އަދާކުރަން ނެގި ދަރަނި ދައްކަން ދަރަނި ނަގަން ޖެހިފައެވެ. މިހާރު އުފައްދާ އިތުރު ދަރަނި ތަކާއެކު ދެން ވެރިކަމަށް އަންނަ ބަޔަކު ޖެހޭނީ ރައީސް މުއިއްޒު ދަރަނި ދައްކަން ނަގާ ދަރަނި، ދައްކަން އަނެއްކާވެސް ދަރަނި ނަގާށެވެ. ދަރަނީގެ ޗޭނު ގުޅެމުން ގުޅެމުންގޮސް ދަރާ ބޯހިކެން ދިވެހިންނަކަށް ނެތެވެ.




