ޑރ. މުނައްވަރު ކެންޕޭން ލޯންޖުކުރުމުން ރައީސް ޔާމީނު ރަތަށް
ޔާމީނާއި ގާސިމާއި ނަޝީދާއި އުމަރަކީ ރައީސްކަމަށް ތަސައްރަފު ނުފުދޭ ބައެއްކަން ރައްޔިތުންނަށް ސާބިތުކޮށް ދީފި!
ސަރުކާރާ ދެކޮޅަށް ވާދަވެރިން ދައްކާ ގިނަ ވާހަކައަކީ އަސްލެއްނެތް ތޯތޯ ވާހަކަ ތަކެއްކަން ޑރ. މުނައްވަރު ނިކަން ރަނގަޅަށް ދެނެވަޑައިގަނެއެވެ. އިދިކޮޅު އެންމެން ގުއި ރޯނުގައި ޖެއްސުމަކީ ދާދި ފަސޭހަ ކަމެއްކަން ޑރ. މުނައްވަރަށް ވިސްނި ވަޑައިގަނެއެވެ. ވަކި ޕާޓީއަކާ ނުގުޅެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަން އިއުލާނު ކުރެއްވުމަށް ފަހު ހުންނެވީ އިދިކޮޅު އެންމެން ރަނގަޅަށް ބާނާލެއްވޭނެ ދަނޑިވަޅަކަށް ބައްލަވާށެވެ.
ޗާގޯސް މައްސަލައަކީ އެ ގޮތުން މުނައްވަރަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތެވެ. ދޭތެރެއަކުން ކުދިކުދި ވާހަކަ ވިދާޅުވެލައްވާ އެންމެ ފުރަތަމަ އިދިކޮޅު އެންމެން ރަގަޅަށް ދޮންކޮށް ލެއްވީއެވެ. އިދިކޮޅު އެންމެން ލައްވާ ބޮޑެތި ގޯސްތައް ހެއްދުވިއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ބަޔާން ނެރެ ސަރުކާރުން މާފަށް އެދެންޖެހޭނެ ކަމަށް ގޮވާލި ޗާގޮސްގެ ސިޔާދަތުގެ މައްސަލަ އެމީހުން ލައްވާ އެކޮޅުކޮޅުން ޖެއްސެވިއެވެ.
ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް އިދިކޮޅަށް ގަބޫލު ކުރުވާ އިގްތިސާދީ ސަރަހައްދަށް ވުރެ ޗާގޯސްގެ މިލްކުވެރިކަމުގެ އަޑު ގަދަ ކުރުވިއެވެ. ދެނަކާ ދެނެއްނެތެވެ. ޕީޕީއެމް ލައްވާ "ޗަ ގޯސް" އެއްވުން ބައްވާ ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭން ޗާގޯސް ހިފާނެ ކަމުގެ ވާހަކަ ދައްކުވައިފިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނު އޮތްގޮތް ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ރާއްޖޭގެ ސަރަހައްދުން ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ހައްދަވައިގެން އިދިކޮޅު މީހުން ލައްވާ ރާގުރާގަށް ފިތުނަ އުފެއްދެވީއެވެ.
ވެރިކަމައިގެން ބޫތުކައިފައި ތިބިވަރުން ޑރ. މުނައްވަރު ގޭމްޕްލޭނެއް އެވެރިންނަކަށް ނޭގުނެވެ. ޕީޕީއެމާއި ޖުމްހޫރީއާއި އެމްއެންޕީއާއި ފިކުރެއްގެ ދިރުމުގެ މީހުނަށް ޑރ. މުނައްވަރުގެ މަޅިއަކުން ނުނެއްޓެވުނެވެ. ދެފެން ދޭތެރޭގައި އޮތް އެމްއާރުއެމާއި އުމަރު ނަސީރަށް ވެސް ވީ އެވަރެވެ.
ޑރ. މުނައްވަރުގެ ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ވަރަށް އިދިކޮޅު ދޮންކޮށްލެވުމުން މުނައްވަރު ގޯލު ޖެއްސެވީ ނިކަން މޮޅަށެވެ. ފަހަތްޕުޅުގައި މާގިނަބަޔަކު ނެތީސް އިދިކޮޅު އެންމެން ފަހަތްޕުޅަށް ގެނެސް އިދިކޮޅު ލީޑަރަކީ ޑރ. މުނައްވަރު ކަމަށް އާއްމު ރައްޔިތުންނަށް ދައްކަވާ ލެއްވީއެވެ. ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެ އިދިކޮޅުން މިހާތަނަށް އެންމެ ބާރަށް ދެއްކި ވާހަކައަކީ ފުލެއް ބިތެއްނެތް ދޮގު ވާހަކައެއްކަން އެ އެންމެންލައްވާ ޑރ. މުނައްވަރު އެއްބަސް ކުރުވީއެވެ. ޔާމީނާއި ގާސިމާއި ނަޝީދާއި އުމަރަކީ ރައީސްކަމަށް ތަސައްރަފު ނުފުދޭ ހަމަލަމަ ނެތް ބައެއްކަމަށް ރައްޔިތުންނަށް ސާބިތުކޮށް ދިނީއެވެ. އާޒިމާއާއި އުޝާމާއި އަލީ ހުސޭނު ފަދަ ވަކީލުންނަކީ ޑރ. މުނައްވަރުގެ ޕަޕެޓުން ކަމުގައި ދައްކާދިނީއެވެ. ދުންޔާ މައުމޫނުއާއި މައުމޫނު ރިފޯމަކީ ސާބިތުކަމެއް ނެތް ޑރ. މުނައްވަރުގެ ނަށާ މާގަނޑެއްކަން ހާމަކޮށް ދިނީއެވެ.
އާނއެކެވެ. ނައިފަރު ޝިޔާމާއި ޓޮމްއާއި ބާރަށު ޝުޖާއާއި ބައެއް އެހެން އެމްޕީންނަށް ވާނުވާ ނޭނގި ނިކަން ރަނގަޅަށް ޑރ. މުނައްވަރުގެ މަޅީގައި ޖެހިއްޖެއެވެ. އާޒިމާއާއި ދުންޔާއާއި ނާދިރާއާއި އުޝާމާއި އަލީ ހުސައިނާއި އަމްރު ވެސް އެ ބޮނޑި ބޮއެފިއެވެ. ޕާޕާއާއި ޒުބައިރުމެންގެ ވާހަކަ ދައްކާނެ ކަމެއް ނެތްތާއެވެ. ރައީސް ޔާމީނާއި ގާސިމާއި ކާނަލް ނާޒިމާއި އުމަރު ނަސީރު އޮޅާލާ ޕީޕީއެމާއި ޖުމްހޫރީއާއި ދެންވެސް ތިބި އިދިކޮޅުގެ ތާއިދާއެކު ޑރ. މުނައްވަރު ރައީސްކަން ހޯއްދެ ވީމާ ފޮރިން މިނިސްޓަރުކަން ޔުމްނާއަށް، ބަންޑާރަ ނައިބުކަން އާޒިމާއަށް ދެއްވާނެކަމަށް އެ ދެބޭފުޅުން އެތިއްބެވީ ނަނާ ހުވަފެންފުޅުގައެވެ.
އިދިކޮޅު ހުރިހާ ލީޑަރުން ބާކީކޮށް އިދިކޮޅު ގަނޑުކޮށް ޑރ. މުނައްވަރުގެ ފަހަތްޕުޅަށް އަރުވައިގެން ޑރ. މުނައްވަރުގެ ރިޔާސީ ކެންޕެއިން ލޯންޖުކޮށްލީ އިދިކޮޅު ލީޑަރުންނަށް ދޮންކަޅު އަންގާ ނުލައެވެ. އިބޫ ނޫންގޮތެއް ހޯއްދަވަން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނޭއްގާނި ވިސްނުމުން އިދިކޮޅު އެންމެން ޑރ. މުނައްވަރާއެކު ތިބިކަން ދައްކަވަން ދުއްވި ދެބޯގެރި ވަރަށްވެސް ހީލަތްތެރިއެވެ.
މި ވާއެތި އެންމެ ރަނގަޅަށް ވިސްނިވަޑައިގަންނަވަނީ ޖަލުގައި އޮންނެވި ޕީޕީއެމްގެ ރައީސް ޔާމީނަށެވެ. ޑރ. މުނައްވަރަށް ވެރިކަން ފަހިވެގެން ހިނގައިދާނެ ގޮތަކަށް ޖުޑިޝަރީން ނިންމުންތައް ނިންމަފާނެ ކަމަށް ރައީސް ޔަމީނު ގަބޫލުކުރައްވައެވެ. ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތި ލެއްވޭނެހާ މޫސުން އޮއްވާ ޔާމީނު މިނިވަން ކުރަން ޕީޕީއެމްގެ ލީޑަރޝިޕުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޔާމީނު ގަބޫލު ކުރައްވާ ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެންފިއެވެ. ޕީޕީއެމްގެ ދެފުށްކެހެރި ލީޑަރޝިޕުން ނަގާފާނެ ޗާންސަކަށް ޖާގަނުދީ ދަރިކަލުން ޒައިން ވެރިކަމަށް ނެރެން ކުރެވެން އޮތް ހުރިހާ ކަމެއް ޕާޓީގެ ތެރޭންނާއި ބޭރުން ކުރުމަށް މެޑަމް ފާތުންއަށް ރައީސް ޔާމީނު އަންގަވައިފި ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތި ދީފިއެވެ.