ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއަކީ މެސީ: ރޮނަލްޑީނިއޯ
އުމުރުން 50 އަހަރު ވަންދެން ކުޅެވޭ ވަރަށް ހުނަރާއި ބުންވަރާއި ފެންވަރު މެސީ ގައިގައި ހުންނާނެ.
ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއަކީ ލިޔަނަލް މެސީ ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފިއެވެ. ރޮނާލްޑީނިއޯ ގަބޫލް ކުރާ ގޮތުގައި އުމުރުން 50 އަހަރު ވަންދެން ވެސް މެސީއަށް ފުޓުބޯޅަ ކުޅެވޭނެއެވެ. މެސީ ގައިގައި އެހެން ކުޅުންތެރިންގެ ގައިގައި ނެތް ފެންވަރު އެބަހުރި ކަމަށާއި މެސީ އަކީ ތަފާތު މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށް ރޮނާލްޑީނިއޯ އެއްބަސް ވެއެވެ.
މެސީއާއި އެކު ބާސެލޯނާއަށް ކުޅުނު ރޮނާލްޑީނިއޯ ބުނާ ގޮތުން ޕްރޮފެޝަނަލް ކެރިއަރުގައި އުމުރުން 50 އަހަރު ވަންދެން ވެސް ކުޅެވޭ ވަރަށް ހުނަރާއި ބުންވަރާއި ފެންވަރު މެސީ ގައިގައި ހުންނާނެއެވެ.
މެސީ ވޯލްޑް ކަޕްއަށް ކުޅޭ އެންމެ ފަހު މެޗްގައި މެސީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މެސީގެ ފެންވަރު ދައްކާލާނެ ކަމަށް ރޮނާލްޑީނިއޯ ދެކެއެވެ.
އުމުރުން 35 އަހަރުގައި ވޯލްޑް ކަޕް ފައިނަލަށް މިރޭ ނިކުންނަ މެސީ އަކީ ކުޅުމަށާއި ފެންވަރަށް ބަދަލެއް އައިސްފައި ނުވާ އެތައް އަހަރުތަކެއްގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.
ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ފްރާންސް މިރޭ ބައްދަލުކުރާ ފައިނަލް މެޗަކީ މެސީ ވޯލްޑްކަޕުގައި ކުޅޭނެ އެންމެ ފަހު މެޗެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން މިރޭ އަށެއް ޖަހާއިރު ފެށޭ ވޯލްޑްކަޕް 2022 ގެ ފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ލިޔަނަލް މެސީއަށް ވަރަށް މުހިންމު މެޗެކެވެ.