އަންނި ދެކެބިރުން ފިރުޝާންގެ ޝުކުރު އާޒިމަށް
ދާއިރާ ތަރައްގީ ކުރުމަށް މެންބަރުގެ ހައިސިއްޔަތުން ފިރުޝާން ކުރާކަމެއް ނެތް
މެންބަރު ފިރުޝާން ހަމަ ހެއްޔެވެ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭ ގުޅާލުމުގެ އަމަލީ މަސައްކަތް މިސަރުކާރުން ކުރާތަން ފެނި ސޮނިވެއްޓެނީ ދޮގެއްތޯއެވެ. ދާއިރާގެ މެންބަރު ފިކުރު ދިރުވަން ރައީސް ނަޝީދުގެ ފޫބުޑުގައި ވަސްބަލަން ހުއްޓަސް ރައީސް ސާލިހު ރައްޔިތުންނަށް ދެއްވާ ހިދުމަތަކަށް ބަދަލެއް ނުގެންނަވައެވެ. ދައިރާ ރައްޔިތުންނަށް ކާކު ކުރަނީ ކީއްކަން އެނގެއެވެ. މެންބަރު ވާނުވާގައި ހުއްޓާ ދާއިރާ ތަރައްގީވެ ކުރިއަރަމުން އޮވެ އެ ދަނީއެވެ.
ދާއިރާގެ މެންބަރަކީ ރައްޔިތުންނައިގެން އުޅޭ މީހެއްނޫންކަން ރައްޔިތުން ދަނެއެވެ. މެންބަރުގެ މަސައްކަތަކީ ދާއިރާއަށް މި ސަރުކާރުން ގެނެސްދޭ ތަރައްގީ ހުއްޓުވުންކަން ރައްޔިތުންނަށް އެނގެއެވެ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގައި ބްރިޖުގެ ފައުންޑޭޝަން ޕައިލް ޖެހުމުގެ މަސައްކަތް އެ ކުރުވަނީ ރައީސް ސާލިހު ސަރުކާރުންނެވެ. ފިކުރުގެ ދިރުމަކުން ނޫނެވެ. އާދަމް އާޒިމް އިސްވެ ހުންނަވާ އެމްޓީސީސީ އެ ކުރަނީ ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެވެ.
އާދަމް އާޒިމް ހޯއްދަވާ ދެއްވަމުން އެގެންދަވަނީ ރައީސް ސާލިހުގެ ސަރުކާރަށް ހޯއްދަވާ ދެއްވާ ރައްޔިތުންގެ އިތުބާރާ ލޯތްބެވެ. ފިރުޝާންގެ ސިނކުޑީގައި އަށަގެންފައިވާ ފިތުނަޔާއި ހަސަދަ ވެރިކަމުން ރައީސް ސާލިހުގެ ސަރުކާރަށް ފިރުޝާން އައްސަރިބަހާއި ސާބަސް ނުދިނަސް މަޑަވެލި - ހޯޑެއްދޫ ރައްޔިތުން އެތިބީ ޝުކުރުން ފުރިފައެވެ. ރައީސް ސާލިހުގެ ސަރުކާރަށް ހިފެހެއްޓުމެއް ނެތް ތާއިދާ ސާބަސް ރައްދު ކޮށްކޮށެވެ.
ދާއިރާ ތަރައްގީ ކުރުމަށް މެންބަރުގެ ހައިސިއްޔަތުން ފިރުޝާން ކުރާކަމެއް ނެތްކަން ރައްޔިތުންނަށް އެނގެއެވެ. ރައްޔިތުންގެ ލާބަޔާ މަންފާއަށް ލިބެން ހުރި އެތައް ފުރުސަތެއް ފިރުޝާން ހުރަސް އަޅައިގެން ނުލިބި ލަސްވެފައި ވާކަން ދާއިރާގެ ރައްޔިތުންނަށް އެނގެއެވެ. ފިކުރު ދިރުވައިގެން ފިރުޝާންމެން ގެންނަން ތިޔަ އުޅޭ ފިކުރެއް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ.
ކަށީގެ މަދުގައި ހިފައިފާވާ ފިތުނަވެރި ކަމުގެ ސަބަބުންނާއި އަންނި ދެކެ ބިރުން ދާއިރާގެ ރައްޔިތުންގެ ލާބައަށް ސަރުކާރުން ކޮށްދެމުން ގެންދާ އަގުބޮޑު ހިދުމަތަށް ސަރުކާރަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ސާބަހާ ޝުކުރު އަދާކުރަން އެނގުނީ މަސައްކަތުގެ ކޮންޓްރެކްޓަރަށެވެ. އާދަމް އާޒިމް ހީވަގި ކަމާއެކު އެ ކުރައްވަނީ ކީއްކަން ފިރުޝާނަށް އޮޅުނަސް ރައްޔިތުންނާއި ސަރުކާރާއި އާދަމް އާޒިމަކަށް އޮޅިގެން ނޫޅެއެވެ.